ކޯޓުތައް ބަންދު ނުކުރަން ނިންމައިފި

ޖޭއެސްސީ އޮފީސް —

ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ޝަރުއީ ކޯޓުތައް ބަންދުނުކޮށް ހިދުމަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވެފައި ވާތީ އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހެދުމާއި ސަރުކާރުގެ އޮފީސްތައް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ނިންމުން ހިމެނެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގެ ކޯޓުތަކާއި، ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައްވެސް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އާންމުނަނަށް ފޯރުކޮށްދެމުން ގެންދިއުމަށް ވަނީ ނިންމާފައި." ޖޭއެސްސީއިން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.

ކޮވިޑް ކޭސްތައް ރާއްޖޭގެ ގިނަ ރަށްރަށުގައި އަދި ހާއްސަކޮށް މާލޭގައި އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. އިއްޔެ އެކަނިވެސް މާލެއިން 400 އާ ގާތްކުރާ އަދަދަށް މީހުން ޕޮޒިޓިވްވި އެވެ. އަދި މުޅި ރާއްޖެއިން 585 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް ގިނަވާތީ އެޅި ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ނިންމުން ހިމެނެ އެވެ.

comment ކޮމެންޓް