އެލްޖީއޭގެ ބޯޑު ރުކުރުވާލުމަށް ބާއްވާ އިންތިހާބުގެ މަސައްކަތް ފަށައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިހާބެއްގެ ތެރެއިން — ސަންފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލުތަކުން އައްޔަން ކުރާ ފަރާތްތައް އައްޔަން ކުރުމަށް ބާއްވަން ގާނޫނު ލާޒިމް ކުރާ އިންތިހާބުގެ މަސައްކަތް މިހާރުގެ އެލްޖީއޭއިން ފަށައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި ވާގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލް މެމްބަރަކާއި، އަތޮޅު ކައުންސިލެއްގެ ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހިމެނެން ޖެހޭނެ އެވެ. އެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު 'ސަން' އަށް ވިދާޅުވީ އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އައްޔަން ކުރުމަށް ބާއްވަން ޖެހޭ އިންތިހާބުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާ މިހަފްތާގައި ބައްދަލުވުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އިންތިހާބު ކުރާ ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު ކައުންސިލަރުން ހުވާ ކުރާތާ 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ. ކައުންސިލަރުން ހުވާ ކުރާނެ ތާރީހެއް ކަމަށް އެލްޖީއޭއިން ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެހެންވީމަ ޖޫން މަހުގެ 17 އިގެ ކުރިން އެ އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ގާނޫނުގައި ވާގޮތުން އެ އިންތިހާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކުވެސް ހިމެނެން ޖެހޭނެ އެވެ.

އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯ އެކެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް