އިންޑިއާ ވެސް ވެކްސިނަށް ޖެހެނީ، ވެކްސިން ޕްރޮގްރާމަށް ބުރޫ އަރަނީ

އިންޑިއާއިން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދީފައި ވަނީ އާބާދީގެ ދެ ޕަސެންޓަށް --- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 4): އިންޑިއާއަށް ކޮވިޑް-19 ވެކްސިން ލިބުމުގެ ދަތިކަން ޖުލައި މަހާ ހަމަޔަށް ދެމިގެންދާނެ ކަމަށް އެގައުމުގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)ގެ ވެރިޔާ އަދަރު ޕޫނަވާލާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ކޮވިޝީލްޑް ވެކްސިން އުފައްދާ އެސްއައިއައިގެ ސީއީއޯ ޕޫނަވާލާ ވިދާޅުވި ގޮތުގައި އެގައުމު މިހާރު ވެކްސިނަށް ޖެހިފައި ވަނީ ސަރުކާރުން ކޮވިޑްގެ ދެވަނަ ރާޅަކަށް ރަނގަޅަށް ތައްޔާރުވެފައި ނުވުމުންނެވެ. އަދި އެގައުމުގައި އެހާ އަވަހަށް ދެވަނަ ރާޅެއް ފެތުރިދާނެ ކަމަށް ސަރުކާރުން ލަފާ ނުކުރާތީ އެގައުމުން ފުރަތަމަ ފެބްރުއަރީ މަހު އޯޑަރު ދިނީ ކޮވިޝީލްޑްގެ 21 މިލިއަން ޑޯޒްއަށެވެ.

ނަމަވެސް މާޗް މަހު ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ސަރުކާރުން އިތުރު 110 މިލިއަން ޑޯޒްއަށް އޯޑަރު ދިން ކަމަށް ޕޫނަވާލާ ވިދާޅުވި އެވެ. އަދި އެ ކުންފުންޏަށް މިހާރު ވަނީ ވެކްސިން އުފައްދާ މިންވަރު މަހަކު 60-70 މިލިއަން ޑޯޒް އިން 100 މިލިއަނަށް އިތުރު ކުރަން ޖެހިފައި ކަމަށާއި އެ މަސައްކަތަށް ވަގުތު ބޭނުންވާ ކަމަށް ޕޫނަވާލާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިނާ ބެހޭ ސިޔާސަތުތައް ހަދަނީ ސިޔާސީ ފަރާތްތަކުން ކަމަށްވި ނަމަވެސް ވެކްސިން މަދުވުމުގެ ޒިންމާ ނަގަން ޖެހިފައި ވަނީ އެސްއައިއައި އިން ކަމަށް ޕޫނަވާލާ ވިދާޅުވި އެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާއަށް ސިޔާސީ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ފަރާތުންވެސް މަރުގެ އިންޒާރު ލިބެމުންދާކަން ފާހަގަ ކުރެއްވި އެވެ.

އިންޑިއާގައި ވީހާވެސް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށްޓަކައި މިދިޔަ މާޗް މަހު އެގައުމުން ވަނީ ކޮވިޝީލްޑްގެ ބޮޑެތި އެކްސްޕޯޓުތައް މަޑު ޖައްސާލާފަ އެވެ. އަދި ކޮވިޑް ވެކްސިން ގަތުމަށް އެސްއައިއައި އަށް އެޑްވާންސް އޯޑަރުތައް ދީފައިވާ ބައެއް ގައުމުތަކަށް މިހާރު ފައިސާ އަނބުރާ ދައްކަން ފަށާފައިވާ ކަމަށް ޕޫނަވާލާ ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރާ ކޮވެކްސް ޕްރޮގްރާމަށް 200 މިލިއަން ޑޯޒް ދޭން އެސްއައިއައި އިން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ 100 މިލިއަން ޑޯޒް ފެބްރުއަރީ އާއި މި މަހާ ދޭތެރޭ ހަވާލު ކުރަން ހަމަޖެހިފައި އޮތް ނަމަވެސް އިންޑިއާގެ ސަރުކާރުން ހިއްސާ ކުރި މައުލޫމާތުގައިވާ ގޮތުން އެސްއައިއައިން މިހާތަނަށް ކޮވެކްސްއަށް ފޮނުވާފައި ވަނީ އެންމެ 30 މިލިއަން ޑޯޒް އެވެ. އޭގެ ތެރޭގައި ކޮވެކްސް ނިޒާމުން އިންޑިއާއަށް ހާއްސަކޮށްފައިވާ 10 މިލިއަން ޑޯޒް ހިމެނެ އެވެ.

އިންޑިއާއިން މިދިޔަ ހޮނިހިރު ދުވަހާ ޖެހެންދެން ކޮވިޑް ވެކްސިން ޖަހަމުން އައީ ހެލްތު ވޯކަރުންނާއި ފްރޮންޓްލައިން ވޯކަރުންނާއި 45 އަހަރުން މަތީގެ މީހުންނަށެވެ. އަދި މިހާރު 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލި ނަމަވެސް ގިނަ ސްޓޭޓްތަކުން ވަނީ ވެކްސިން ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި މިހާރު ލިބެން ހުރި ވެކްސިން ޖެހުމުގައި އިސްކަން ދޭނީ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭން ކަމަށް ބުނެފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ކޮވިޑް ވެކްސިން ޖަހަން ފެށި އިންޑިއާއިން މިހާތަނަށް ވެކްސިން ދީފައި ވަނީ އާބާދީގެ 11 ޕަސެންޓަށެވެ. އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ދެ ޕަސެންޓު މީހުންނެވެ. އެގައުމުގައި ދައުލަތުން ހިންގާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ހިލޭ ވެކްސިން ޖަހާދޭ އިރު ބައެއް ޕްރައިވެޓް ފެސިލިޓީތަކުން 250 ރުޕީސްއަށް ޑޯޒްއެއް ޖަހައިދެ އެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 20 މިލިއަނަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 222،000އަށް ވުރެ އިތުރުވެފަ އެވެ.

comment ކޮމެންޓް