ކޮވިޝީލްޑުގެ ސްޓޮކް ދެން ލިބޭނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން: އެޗްއީއޯސީ

މިވަގުތު ޖެހުން ހުއްޓާލާފައިވާ ކޮވިޝީލްގެ ވެކްސިން ދެން ލިބޭނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުން ފެށިގެން ކޮވިޝީލްޑު ވެކްސިން ދިނުން ވަނީ މާލެ ސަރަހައްދުގައި ހުއްޓާލައިފަ އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޝީލްޑު ބްރޭންޑުގެ ވެކްސިންގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނައުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން ދާ ކަމަށެވެ. އަދި އެކަމަށް ދެ ހަފްތާ ހޭދަވާނެ ކަމަށް ބުނެފައިވެ އެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ، ވީ އެންމެ އަވަސް ފުރުސަތެއްގައި، ވެކްސިންގެ އިތުރު ބެޗެއް ހޯދުމަށެވެ. މި ގޮތުން، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 'ކޮވިޝީލްޑް' ބްރޭންޑްގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންވަމެވެ" އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އަދި ބުނީ ކޮވިޝީލްޑު ވެކްސިން އާންމުކޮށް ހުޅުވާލައިގެން ދިނުން މެދުކަނޑާލި ނަމަވެސް ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް އެމަޖެންސީ ހާލަތުގައި އެ ވެކްސިން ޖަހައިދޭނެ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން އަލުން ޖަހައިދޭން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއަށްވެސް ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެކްސިން އުފެއްދުމާއި ވެކްްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދީފައިވާ އުފައްދާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ކޭސްތައް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެެހެން ގައުމުތަކޭ އެއްފަދައިން ރާއްޖެއަށް ވެސް މިވަނީ ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައި،" އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.

މިހާތަނަށް 297،639 ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ. ދެވަނަ ޑޯޒް 108،494 މީހުންވަނީ ޖަހާފަ އެވެ. އެއާއެކު ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 67.69 ޕަސަންޓު މީހުން ވެކްސިން ޖަހާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް