އިންޑިއާ ފުރަބަންދު ކުރަން އިދިކޮޅުން ގޮވާލައިފި

އިންޑިއާ ފުރަބަންދު ކުރުމަށް އެގައުމުގެ އިދިކޮޅުން ވަނީ ގޮވާލާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 4): އިންޑިއާގައި ކޮވިޑް-19އިގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެގައުމު ފުރަބަންދު ކުރަން އިދިކޮޅު ލީޑަރު ރާހުލް ގާންދީ ގޮވާލައްވައިފި އެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސް ގާންދީ ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ ފުރަބަންދު ކުރުމެވެ. އަދި ސަރުކާރުން އެފަދަ ފިޔަވަޅު ނޭޅުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދަނީ މަރުވަމުންނެވެ.

"ކޮރޯނާ ފެތުރުން މިހާރު ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ފުރަބަންދު ކުރުން... ސަރުކާރުން ފިޔަވަޅު ނޭޅުމުގެ ސަބަބުން އެތައް މައުސޫމު މީހުންނެއް ދަނީ މަރުވަމުން،" ގާންދީ ވިދާޅުވި އެވެ.

ގާންދީ އެފަދައިން ވިދާޅުވީ އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 20 މިލިއަނަށް އެރި ފަހުންނެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 222،000އަށް ވުރެ އިތުރުވި ފަހުންނެވެ.

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގުން ފަދަ ފިޔަވަޅުތައް އެޅި ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ މުޅި ގައުމު ފުރަބަންދުކޮށްފި ނަމަ ލިބޭނެ އިގުތިސާދީ ގެއްލުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގައުމު މިދިޔަ އަހަރު މާޗް މަހުން މެއި މަހަށް ފުރަބަންދު ކުރުމުން އިގުތިސާދު ރިސެޝަނަކަށް ގޮސް، ގައުމަށް ލިބުނު ގެއްލުމުން އަދިވެސް އަރައިގަނެވިފައި ނުވެ އެވެ.

އިންޑިއާގައި މާޗް މަހުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށި ނަމަވެސް އެގައުމުގެ ފަސް ސްޓޭޓެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވާ، އެ އިންތިހާބާ ދިމާކޮށް ބޮޑެތި ސިޔާސީ ކެމްޕޭންތައް ބާއްވާފައިވެ އެވެ. އަދި މާޗް މަހުގެ މެދުތެރޭގައި ފެށުނު ހިންދޫ ދީނީ ހަފްލާއަކަށް އެތައް މިލިއަން މީހުން ގިނަ ދުވަސްތަކެއް ވަންދެން އެއް ތަނަކަށް ޖަމާވުމަށްވެސް ސަރުކާރުން ހުއްދަ ދިނެވެ. އޭގެ ސަބަބުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

މީގެ އިތުރުން އިންޑިއާގައި ކޮވިޑް ވެކްސިންގެ ސަޕްލައި ދަށްވުމުން ވެކްސިން ޕްރޮގްރާމަށްވެސް ވަނީ ހުރަސް އެޅިފަ އެވެ. އަދި އެގައުމުން މިދިޔަ ހޮނިހިރު ދުވަހު 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭ ގޮތަށް ހުޅުވާލި ނަމަވެސް ބައެއް ސްޓޭޓުތަކުން ވަނީ ވެކްސިން ނުލިބޭ ކަމަށް ބުނެފަ އެވެ. އެގައުމުން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައި ވަނީ އާބާދީގެ 11 ޕަސެންޓަށެވެ. އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ދެ ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް