މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިިފި

ކޮވިޝީލްޑް ވެކްސިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ކުރިއަށް ނުގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

"މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލި ވާހަކަދަންނަވަމެވެ" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން އަލުން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ސަރުކާރުން ވެސް ރޭ ވަނީ ވެކްސިންގެ ސްޓޮކް މަދުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލާފައި މިވަނީ ވެކްސިންގެ ސްޓޮކް ދަށްވެފައި ވަނިކޮށެވެ. ވެކްސިން ޖަހަން ރޯދަ މަހު ކޮންމެ ދުވަހަކު އެތައް ބަޔަކު ދިގު ކިޔޫތަކަށް އަރާއިރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ހަމަކުރިތާ އަށް ހަފްތާ ވުމުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި 200،000 ވެކްސިން ޑޯޒުން އަދި ކޮވެކްސް ފެސިލިޓީ އިން ލިބުނު 12،000 ޑޯޒުން ނެވެ.

ދެވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަންނަން ކަނޑައެޅި ތިން ލައްކަ ޑޯޒްގެ ތެރެއިން ރާއްޖެ ގެނައި އެއް ލައްކަ ޑޯޒާއެކު އެވެ. އަނެއް ދެ ލައްކަ ޑޯޒްގެ ވެކްސިން ލިބިފައެއް ނުވެ އެވެ.

އެ ވެކްސިން ލިބޭނެ ތާރީހާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޗްޕީއޭ އިން ރަސްމީކޮށް ޖަވާބެއް ނުދެ އެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާ އެކު ވެސް ސަރުކާރުން ވަނީ 700،000 ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުުން ވެކްސިން ލިބެން ފަށާނީ ޖޫން މަހުގެ ތެރޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައި ވަނީ 297،639 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާ ނަމަ 67 ޕަސެންޓެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 108،494 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 24.5 ޕަސެންޓެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ފައިޒާ އަދި ސައިނޯފާމް ވެކްސިން ވެސް ޖަހަ އެވެ.

comment ކޮމެންޓް