ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިިފި

ކޮވިޝީލްޑް ވެކްސިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ކުރިއަށް ނުގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ނުބުނެ އެވެ.

"މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލި ވާހަކަދަންނަވަމެވެ" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން އަލުން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ސަރުކާރުންވެސް ރޭ ވަނީ ވެކްސިންގެ ސްޓޮކް މަދުވެފައިވާކަމަށް އެއްބަސްވެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލާފައި މިވަނީ ވެކްސިންގެ ސްޓޮކް ދަށްވެފައި ވަނިކޮށެވެ. ވެކްސިން ޖަހަން ރޯދަމަހު ކޮންމެ ދުވަހަކު އެތައް ބަޔަކު ދިގު ކިޔުތަކަށް އަރާއިރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ހަމަކުރިތާ އަށް ހަފްތާ ވުމުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒުން އަދި ކޮވެކްސް ފެސިލިޓީ އިން ލިބުނު 12،000 ޑޯޒުން ނެވެ.

ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަންނަން ކަނޑައެޅި ތިން ލައްކަ ޑޯޒްގެ ތެރެއިން ރާއްޖެ ގެނައި އެއް ލައްކަ ޑޯޒާއެކު އެވެ. އަނެއް ދެ ލައްކަ ޑޯޒްގެ ވެކްސިން ލިބިފައެއް ނުވެ އެވެ.

އެ ވެކްސިން ލިބޭނެ ތާރީހާ ގުޅޭގޮތުން ސުވާލު ކުރުމުން އެޗްޕީއޭ އިން ރަސްމީކޮށް ޖަވާބެއް ނުދެ އެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ އަދި އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވެސް ވެކްސިން ލިބުން ދަތިވެފައި ވާތީ އެ ގައުމުން ވަނީ ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓާލައިފަ އެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއެކު ވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުުން ވެކްސިން ލިބެން ފަށާނީ ޖޫން މަހުގެ ތެރޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވަނީ 297،639 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 67 ޕަސެންޓެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 108،494 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 24.5 ޕަސެންޓެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ފައިޒާ އަދި ސައިނޯފާމް ވެކްސިން ވެސް ޖަހައެވެ.

comment ކޮމެންޓް