ވެންޓިލޭޓަރު ސަސްޕެންޝަންގައި ތިބި ޝިޔާމާ އާއި ނިޝާމާ ވަކިކޮށްފި

ވެންޓިލޭޓަރު މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ސަސްޕެންޑުކުރި ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ކ) އަދި ޝިޔާމާ މުހައްމަދު (ވ) --- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކޮވިޑް-19 ގެ ހަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ.

އިތުރު ވެރިން ވެސް ހިމެނޭ ގޮތަށް، އެ ދެ ބޭފުޅުން ސަސްޕެންޑު ކުރީ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. މިއަދާ ހަމައަށް ވެސް ނިޝާމާ އާއި ޝިޔާމާ ތިއްބެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަންގަ އެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އަދި 15،000 ގެ އެލަވަންސަކާ އެކުއެވެ.

މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަންގައި ތިބޭތާ އަށް މަހަށް ވުރެ ގިނަ ދުވަސް ފަހުން، ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކުރީ މިއަދު އެވެ. ރައީސް އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން، އެމީހުންގެ ސަސްޕެންޑް ކުރީ އޭސީސީއާ ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަން ނިމެންދެނެވެ.

ނިޝާމާ އަކީ ބިޑް ކޮމިޓީގެ ޗެއާޕާސަން އެވެ. ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޝިޔާމާ އެވެ.

ނިޝާމާ ހިމެނޭ ގޮތުން ބިޑް ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އާއި މަސައްކަތް ހަވާލުކުރި "އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން"ގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާތީ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެކަންކަމާ ގުޅިގެން ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން އެދިފައި ވަނީ ގާނޫނުލް އަގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ އަމަލާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުން ކުރުމުގެ ކުށް ކަނޑައަޅާ މާއްދާ އެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ދައުވާ ނުކުރަން ނިންމި އެވެ. އަދި އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ނިންމި އެވެ.

އެ ނިންމުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އަލުން މައްސަލަ ރިވިއު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. އަދި ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ އަނބުރާ ހޯދަށް އާބިޓްރޭޝަނަށް ދާން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މިއަދު އެ އެއްބަސްވުން ބާތިލްކުރަން ސަރުކާރުން ވަނީ ނޯޓިސް ފޮނުވައިފަ އެވެ.

comment ކޮމެންޓް