އޭޖީ ވިދާޅުވަނީ މަދަނީ އިޖުރާއަތުގެ ބިލަށް މަޖިލީހަށް އެއްބާރުލުން ދިން ކަމަށް

އެޓާނީ ޖެނެރަލް ރައްޔިތުން މަޖިލިޙުގެ ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަދަނީ އިޖުރައާތުގެ ބިިލުގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދޭން ޖެހޭ އެއްބާރުމާއި އެހީތެރިކަން ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ބުނެފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް، އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދި ވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފުވެރިކަމާ އެކު ބަދަލު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

އަހުމަދުގެ ވާހަކަތަކަށް ރައްދު ދިނުމަށް އެ ގާނޫނު ދިރާސާ ކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އެ ބިލު މަޖިލީހަށް ލިބުނީ ބައި ބަޔަށް ކަމަށާއި ފުރިހަމައަށް މުޅި ބިލު މަޖިލީހަށް ލިބެން އަހަރު ދުވަސް ނެގި ކަމަށެވެ. އަދި ބިލު ލަސްވީ އެ ކޮމިޓީގެ ސަބަބުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، ފުރަތަމަ އެ ބިލު މަޖިލީހަށް ލިބުނީ މިދިޔަ އަހަރު ފެބްރުއަރީ 12ގައި ކަމަށާއި އެހެން ނަމަވެސް އެ ބިލު މަޖިލީހުން ދިރާސާކުރަން ފަށާފައި ވަނިކޮށް، އަނެއްކާ ވެސް ސަރުކާރުން އެދިގެން ބިލު ބަދަލު ކުރަން ޖެހުނު ކަމަށެވެ. އެއީ ފުރަތަމަ ސަރުކާރުން ފޮނުވީ ނުބައި ބިލެއް ކަމަށް އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަންޑާރަނައިބު އޮފީހުން ވަކި ތާރީހަކަށް ރަނގަޅު ބިލު ފޮނުުވާނެ ކަމަށް ބުނި ނަމަވެސް، އެތައް ދުވަހަކަށް ލަސްވެގެން ދިޔަ ކަމަށެވެ. އަދި ވަކި ވަކިން ބިލުގެ ބައިތައް ފޮނުވުމުން ކޮމިޓީއަށް އެތައް އުދަނގޫތަކެއްވެ، ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު ރަނގަޅު ބިލު ބަންޑާރަނައިބު އޮފީހުން ކަނޑައެޅުނު ތާރީހަށް ނުފޮނުވުމުން ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ބިލު ކޮމިޓީން ބޭރުކުރަން ވެސް ކޮމިޓީއިން ރަސްމީކޮށް ނިންމި ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމި، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނީ 12 ފެބުރުއަރީ 2020 ގައެވެ.

ރޭ ބަންޑާރަަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ބިލުގެ ކަންކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތް އޭޖީ އޮފީހުން ފެށީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު އައްޔަންކުރި އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން ކޮންސަލްޓަންޓް އެކުލަވާލި ބިލުގެ އިނގިރޭސި ދެލިކޮޕީގެ އެންމެ ފަހުގެ ކޮޕީ އޭޖީ އޮފީހަށް ހުށަހެޅުނީ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށްވީ ނަމަވެސް، އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ އަހަރު ގަސްދުކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް އެ ބިލު ހުށަހެޅުމަށްޓަކައި، އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ބިލުގެ ދިވެހި ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.

އޭރު މަޖިލީހުގެ އެ ދައުރުގައި ދެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމުން، އެ މަސައްކަތް ފުރިހަމަކުރަންޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުމުގެ ކުރިން އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅި ކަމަށެވެ.

އޭޖީ އޮފީހުން ވަނީ ބިލު އެކުލަވާލުމުގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހުމުން، ބިލުގެ ކޮމިޓީ މަރުހަލާގައި ބިލު އަލުން މުރާޖައާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، 2020 ވަނަ އަހަރު ޖުޑީޝަރީ ކޮމިޓީއާ ގުޅިގެން އެ އޮފީހުން ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

"އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ސޮފްހާގެ ބިލެއްކަމުން، ކޮމިޓީން ބިލު ދިރާސާކުރެއްވުމުގެ މަސައްކަތަށް ހުރަހަކަށްނުވާނެ އުސޫލުން، މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި، މި އޮފީހުން އެ ބިލު މުރާޖައާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖައާކޮށް، އެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހެއްވާ ނަމަ، އެ ބައިތައް އިސްލާހުކުރުމަށްފަހުގައި ކޮމިޓީއާ ހިއްސާކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައެވެ." ބަޔާނުގައިވެ އެވެ.

އެހެންނަމަވެސް، އެފަދައިން ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށްގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް ކޮމިޓީން ބުނުމުން، އެ ބިލު އެކުގައި މުރާޖައާކޮށް، މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް، ޖުޑީޝަރީ ކޮމިޓީއާ ހިއްސާކުރަން ނިންމި ކަމަށެވެ.

އެ މަސައްކަތް މުޅިން ނިމި، އިސްލާހުކުރެވުނު ބިލު 4 ނޮވެމްބަރު 2020ގައި އޭޖީ އޮފީހުން ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށާއި، އޭގެ ފަހުން، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށްގެންދަން އެހީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބިލުގެ ހުލާސާއެއް ވެސް އެކުލަވާލައި، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށްގެންދަވާއިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވަނީ ދެމުންގޮސްފަ އެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް، އެ ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމިޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ."

comment ކޮމެންޓް