ބިލް އާއި މެލިންޑާ ގޭޓްސްގެ ކައިވެނި 27 އަހަރު ފަހުން ނިމުމަކަށް

ބިލް އާއި މެލިންޑާ ގޭޓްސްގެ ކައިވެންޏަށް 27 އަހަރުވެފައި ވަނިކޮށް ވަރިވާން ވަނީ ނިންމާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (މެއި 4): ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެޔާ ކުންފުނި، މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާ ވަރިވާން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ބިލް އާއި މެލިންޑާ ގޭޓްސް ޓުވިޓާ މެދުވެރިކޮށް ބުނި ގޮތުގައި ދެ މީހުން ވަކިވާން ނިންމާފައި ވަނީ އެކަމާ ބެހޭ ގޮތުން ވަރަށް ފުންކޮށް ވިސްނުމަށް ފަހު އެވެ. އަދި ކައިވެނީގެ ގޮތުން ގުޅިފައިވާ ދެ މީހުންގެ ގޮތުގައި ދެން ކުރިއަށް ދެވެން ނެތުމުންނެވެ.

"އަޅުގަނޑުމެންގެ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށް، އެކަމާ ބެހޭ ގޮތުން ވަރަށް ފުންކޮށް ވިސްނުމަށް ފަހު، އަޅުގަނޑުމެން ވަނީ ކައިވެނި ރޫޅާލަން ނިންމާފަ،" ގޭޓްސްގެ ޓުވީޓުގައިވެ އެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ 1980އިގެ އަހަރުތަކުގައި މެލިންޑާ، މައިކްރޯސޮފްޓުގައި މަސައްކަތް ކުރަން ފެށުމުންނެވެ. އޭގެ ފަހުން 1994ގައި ކައިވެނިކޮށް، އެ ދެ މީހުންނަށް ވަނީ ތިން ކުދިން ލިބިފަ އެވެ. އަދި ފަގީރުކަމާއި ބަލިމަޑުކަމާ ދެކޮޅަށާއި ހަމަހަމަ ކަމަށް މަސައްކަތް ކުރާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ހިންގަނީ މި ދެމަފިރިން ގުޅިގެންނެވެ. އެ ފައުންޑޭޝަން ހިންގުމުގައި ބިލް އާއި މެލިންޑާ އަދިވެސް ކުރިއަށް ދާނެ ކަމަށް ގޭޓްސް ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.

ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި ބިލް އާއި މެލިންޑާގެ ވަރިއަށް ފަހު އެސެޓުތައް ބަހާނެ ގޮތާ ބެހޭ ގޮތުން ދެ މީހުން އެއްބަސްވެ، އެ އެއްބަސްވުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ އެއްބަސްވުމާ ބެހޭ ތަފްސީލެއް އަދި އާއްމުކޮށްފައި ނުވެ އެވެ.

ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނާގެ މިލްކިއްޔާތުގެ އަގު 130.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސްގައިވެ އެވެ.

މީގެ ކުރިން 2019 ގައި، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ޖެފް ބޭޒޯސް އާއި އަންހެނުން މެކެންޒީ ސްކޮޓް ވަނީ އެމީހުންގެ 25 އަހަރުވީ ކައިވެނި ރޫޅާލާފަ އެވެ. އަދި ވަރިއަށް ފަހު ސްކޮޓްއަށް ލިބުނު އެމެޒޯންގެ 35 ބިލިއަން ޑޮލަރަށް ވުރެ އަގު ހުރި ހިއްސާއާ އެކު އޭނާ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނަކަށްވި އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި ސްކޮޓް ވަނީ ނަސްލީ އިމްތިޔާޒާއި ފަގީރުކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް 5.7 ބިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް