ވެންޓިލޭޓަރު ގަންނަން އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުން ބާތިލުކޮށްފި

ވެންޓިލޭޓަރު މެޝިނެއް

ވެންޓިލޭޓަރު ގަންނަން ދިވެހި ސަރުކާރާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފި އެވެ.

އެގްޒެކިއުޓާސްއާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. އެ މައްސަލައިގައި 11 މީހަކަށް ދައުވާ ކުރަންވެސް ފޮނުވި އެވެ.

މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުން ބާތިލު ކުރަން މިދިޔަ އާދީއްތަ ދުވަހު ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓު ދައްކާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭންވާނެ ކަމަށެވެ. އެއްބަސްވުމުގައިވާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލު ކުރެވޭނެ ކަމަށްވެސް އޮވެ އެވެ.

އެހެންވެ، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައި ނުވާތީ މިދިޔަ އާދީއްތަ ދުވަހު އެއްބަސްވުން ބާތިލު ކުރަން ނޯޓިސް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެއްބަސްވުން ބާތިލު ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައި ނުވާ ނަމަ އެއްބަސްވުން ބާތިލު ކުރުމުގެ އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގައި ވަނީ އުފެދޭ މައްސަލަތައް ހައްލު ކުރާނީ އާބިޓްރޭޝަން މެދުވެރިކޮށް ކަމަށެވެ.

އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި މޯލްޑިވްސް ނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ރާއްޖޭގެ ގާނުނުގެ ދަށުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެގްޒެކިއުޓާސްއަކީ ދުބާއީގައި ރަޖިސްޓްރީވެފައިވާ ކުންފުންޏަކަށް ވާތީ އެ މައްސަލަ ވާނީ އިންޓަނޭޝަނަލް އާބިޓްރޭޝަންގެ މައްސަައަލައަކަށެވެ. ދެ ގައުމަކީވެސް "ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމެންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" މުއާހަދާގެ ބައިވެރިންނެވެ. އެހެންކަމުން، އެއިން ކޮންމެ ގައުމެއްގެ އާބިޓްރޭޝަންއިން ނިންމާ ނިންމުމެއް އެހެން ގައުމެއްގައި ތަންފީޒު ކުރެވޭނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް ފޮނުވި ނަމަވެސް ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާލީ ދައުވާ ކުރުމުގެ އުންސުރު ހަމަ ނުވާ ކަމަށް ބުނެ އެވެ.

އޭސީސީއިން ތަހުގީގުކޮށް ހުށަހެޅި ކަންކަމުގެ މައްޗަށް ބަލައި، ދައުވާ ނުކުރެވޭނެ ކަަމަށް ޕީޖީއިން ނިންމިޔަސް އާންމުންގެ ކަންބޮޑުވުންތަކާ ހެދި ދެވަނަ ފަހަރަށް މައްސަލަ ރިވިއުކުރަން ނިންމައި، މިހާރު އެ މައްސަލަ އެހެން އަމާޒަކުން ބަލަން ޕީޖީ އޮފީހުން ވަނީ އޭސީސީއަށް އަންގައިފަ އެވެ.

ވެންޓިލޭޓަރު ގެންނަން އެއްބަސްވުން ހެދި އިރު، އޭޖީ އޮފީހުން ލަފާ ދިން ގޮތާ ހިލާފަށް 18 ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާކަން ވަނީ ފަހުން ފާހަގަ ކުރެވިފަ އެވެ. އެކަން ހާމަވީ، ޕީޖީއިން މައްސަލަ ރިވިއު ކުރުމުގެ ތެރޭގަ އެވެ.

comment ކޮމެންޓް