އިންޑިއާ އޮތް ހާލަތަށް ރާއްޖެ ވެއްޓިދާނެ ކަމުގެ ބިރު

އޭޕްރީލް 19، 2021: ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ފިންޏަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެއެވެ. މިކަމުގެ ތެރެއިން އާދަޔާހިލަފަށް މަގުތައްމަތީގައި ސައިކަލާއި ދުއްވާއެއްޗެހި ނުކުމެ މަގުތައް ފުރާލައެވެ. ޕެންޑެމިކްގެ ހާލަތުގައި މާސްކު އަޅައިގެންވިޔަސް ހަވީރު ފިންޏަށް ނުކުތުމުގެ މި އާދަކާދަ ދިވެހިން ދަނީ ދަމަހައްޓަމުންނެވެ. --ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ހެދި މިހާރު އިންޑިއާ ވެއްޓިފައި އޮތް ހާލަތަށް ރާއްޖެވެސް ވެއްޓިދާނެ ކަމުގެ އިންޒާރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދީފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑރ. ފާތިމަތު މުފްލިހާ ވިދާޅުވީ، މީގެ ދެ ހަފްތާ ކުރިއާ އަޅާބަލާއިރު، ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ސިއްހީ ނިޒާމަށް މާ ބޮޑަށް ބުރަވާ ހާލަތެއް އައުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 585 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ކުރީކޮޅު ބޮޑެތި ލުއިތަކެއް ދީގެން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ބާއްވައިފަ އެވެ.

"އަޅުގަނޑުމެންނަށް މިހާރު އިންޑިއާއިންވެސް ފެންނަ ކަމަށްވަންޏާ ހަމަ އެ ހާލަތުގައި މި އޮތީ. އަޅުގަނޑުމެން އެއްވެސް ބޭފުޅަކު އެ ހާލަތަށް ދިޔުމަށް ނޭދޭނެކަންވެސް ގަބޫލު ކުރަން،" ޑރ. މުފްލިހާ ވިދާޅުވި އެވެ.

އިންޑިއާ އާއި ނޭޕާލް މިހާރު އޮތް ހާލަތަށް ރާއްޖެ ނުދިޔުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކައިރީގެ، އިންޑިއާ، ނޭޕާލް މި ތަންތަނުން ފެންނަމެންދާ ހާލަތަކަށް ދިޔަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްވެގެން މަސައްކަތް ކުރުން އޮތީ،" ޑރ. މުފްލިހާ ވިދާޅުވި އެވެ.

ދުނިޔޭގައި މިވަގުތު އެންމެ ބޮޑަށް ކޮވިޑް ފެތުރިފައި ވަނީ އިންޑިއާގަ އެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު އެތައް ލައްކަ މީހުން ޕޮޒިޓިވްވާއިރު، އެތައް ހާސް މީހުންނެއް މަރުވެ އެވެ. އެ ގައުމުގެ ހޮސްޕިޓަލުތައް ފުރި، ގިނަ ބަޔަކަށް ވަނީ ފަރުވާ ނުދެވިފަ އެވެ. އަދި ފަރުވާ ދޭން ބޭނުންވާ އޮކްސިޖަންއަށްވެސް ގައުމު ވަނީ ޖެހިފަ އެވެ.

ޑރ. މުފްލިހާ ރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގައިވެސް ހާލު ދެރަވެގެން އޮކްސިޖަން ބޭނުންވާ މީހުންގެ އަަދަދުވެސް އިތުރުވަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ނަމްބަރުތައް މިހާރު ދަމުންދާ ވަރަށް މައްޗަށް ދާ ނަމަ ރާއްޖޭގައިވެސް ވައިރަސްގެ އާ ވޭރިއަންޓެއް އުފެދުމުގެ ފުރުސަތުވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިއު ވޭރިއަންޓް އަންނަ ފަދައިން ބަލީގެ ހާލަތު ބޮޑު މީހުން ފެނުން ވަރަށް ގާތް. ނަންބަރުތައް މަތިވެގެންދާނަމަ، ރާއްޖޭގައި ވެސް އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް. ޑަބަލް ވޭރިއެންޓަށް ބަލާއިރު ފުރަތަމަވެސް ފެންނަނީ ފުއްޕާމޭގެ ވަރަށް ސިވިއާ ފޯމްއެއްގައި، ނިއުމޯނިއާ އާ ހިސާބުން ބަލިމީހާ ހޮސްޕިޓަލަށް ދާ ހިސާބުން،" ޑރ. ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ ނުދިޔުމަށް އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އޭނާ އިލްތިމާސްކުރެއްވި އެވެ.

ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވަނީ 297،639 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 67 ޕަސެންޓެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 108،494 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 24.5 ޕަސެންޓެވެ.

comment ކޮމެންޓް