އިންޑިއާގެ ކޮވިޑް ކޭސްތައް 20 މިލިއަނަށް، ބުނަނީ ބަލި ޖެހޭ މިންވަރު ދަށްވާ ކަމަށް

އިންޑިއާގެ ކޮވިޑް ކޭސްތައް ވަނީ 20 މިލިއަނަށް އަރާފައި -- ފޮޓޯ: ގެޓީ

ދިއްލީ (މެއި 4): އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 20 މިލިއަނަށް އަރައިފި އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ރިޕޯޓު ކުރި ގޮތުގައި އެގައުމުން 24 ގަޑި އިރު ތެރޭ ކޮވިޑްގެ 357،229 އާ ކޭސް ވަނީ ފެނިފަ އެވެ. އަދި އެގައުމުން މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 20,282,833އަށް އަރާފަ އެވެ. އޭގެ ތެރޭގައި 3،447,133 އެކްޓިވް ކޭސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައިވެ އެވެ.

މީގެ އިތުރުން އެގައުމުން އިއްޔެ ކޮވިޑުގައި 3،449 މީހަކު މަރުވެ، ބަލީގައި މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 222،408އަށް އަރާފަ އެވެ.

އިންޑިއާގެ ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި އެގައުމުން ކޮވިޑު ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ރިޕޯޓު ކުރާ ވަރަށް ވުރެ އިތުރުވާނެ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ޓެސްޓު ކުރާ މިންވަރު މަދުވުމާއި ޑޮކްޓަރުންނަށް ދެއްކުމުގެ ކުރިން ކޮވިޑް ޖެހިގެން މީހުން މަރުވުން ހިމެނެ އެވެ.

ނަމަވެސް އިންޑިއާއިން ވަނީ މިދިޔަ ހުކުރު ދުވަހު އެގައުމުން ހަތަރު ލައްކަ އާ ކޭސް ފެނުނު ފަހުން ބަލި ފެތުރޭ މިންވަރު މަދުވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އާދިއްތަ ދުވަހު އެގައުމުން 392،488 ކޭސް ރިޕޯޓު ކުރި އިރު އިއްޔެ ރެކޯޑުކޮށްފައި ވަނީ 368،147 ކޭސްކަން ފާހަގަކޮށްފަ އެވެ.

އިންޑިއާގައި ފާއިތުވި ދެ މަސް ތެރޭ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، ހޮސްޕިޓަލްތައް ފުރި، މެޑިކަލް އޮކްސިޖެން އާއި ބޭސް ހޯދުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އަދި މަރުވާ މީހުންގެ ހަށިތައް އަންދާނެ ކްރެމަޓޯރިއަމްތައް ފުރި، މީހުން އަންދަން އިތުރު ޖާގަ ހޯދަން ވަނީ ޖެހިފަ އެވެ.

comment ކޮމެންޓް