ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ

ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވުން

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ތަނުގައި ހުރި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:04 ހާއިރު ކަމަށާއި، 10:15 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަލިފާން ރޯވީ ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެމްއެންޑީއެފް އިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާގައި ދިރިއުޅޭ ކުދިންގެ އަންނައުނާއި، ބޫޓު ބަހައްޓާފައި ހުރި ކަބަޑުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނުވެ އެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބެނީ އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިންނެވެ.

comment ކޮމެންޓް