ނަންބަރުތައް އިތުރުވާނަމަ ރާއްޖޭގައި އައު ވޭރިއެންޓެއް އުފެދިދާނެ: އެޗްއީއޯސީ

އޭޕްރީލް 19، 2021: ރޯދަމަހުގެ ހަވީރު މަގުމަތި ބާރުބޮޑުވެފައި--ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ، ރާއްޖޭގައި މި ބަލީގައި އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް އެޗްއީއޯސީއިން ބުނެފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ. ފާތިމަތު މުފްލިހާ ވިދާޅުވީ ބައެއް އައު ވޭރިއެންޓްތައް ފުރަތަމަ ފެންނަނީވެސް ބަލިމީހާއަށް ވަރަށް ބޮޑުވަރުވެ، ޑޮކްޓަރަށް ދައްކާ ފަހުން ކަމަށެވެ.

"ނިއު ވޭރިއަންޓް އަންނަ ފަދައިން ބަލީގެ ހާލަތު ބޮޑު މީހުން ފެނުން ވަރަށް ގާތް. ނަންބަރުތައް މަތިވެގެންދާނަމަ، ރާއްޖޭގައި ވެސް އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް. ޑަބަލް ވޭރިއެންޓަށް ބަލާއިރު ފުރަތަމަވެސް ފެންނަނީ ފުއްޕާމޭގެ ވަރަށް ސިވިއާ ފޯމްއެއްގައި، ނިއުމޯނިއާ އާ ހިސާބުން ބަލިމީހާ ހޮސްޕިޓަލަށް ދާ ހިސާބުން." ޑރ. ވިދާޅުވި އެވެ.

އެގޮތަށް ދިމާވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ބައެއް އާ ވޭރިއެންޓްތަކަކީ ޕީސީއާރު ޓެސްޓުތަކަށް ވެސް ދެނެނުގަނެވޭ ވޭރިއެންޓްތަކަށް ވުމުން ކަމަށެވެ.

"އެހެންވުމާއެކީ ބަލިމީހާއަށް ބޮޑުވަރުވާ ފަހުން އާ ވޭރިއެންޓް ފެންނަނީ. އެންމެން މަސައްކަތް ކޮށްގެން ނަންބަރުތައް ތިރިކޮށް، ނިއު ނޯމަލްގެ އާދަތައް ހިފަހައްޓައި، ވެކްސިން ޖެހުމަކީ މުހިންމު ކަމެއް." އޭނާ ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލް ކުރަން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަކީ މުހިންމު ކަމަކަށްވާއިރު، ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވަނީ 297،639 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 67 ޕަސެންޓެވެ.

އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 108،494 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 24.5 ޕަސެންޓެވެ.

މިއަދު އެކަނިވެސް 585 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 6،033 އެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 31،330އަށް ވަނީ އަރާފަ އެވެ.

comment ކޮމެންޓް