ވެކްސިންގެ ދެ ޑޯޒާއެކު ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލައިފި

މާލޭގެ ޓީ ޖެޓީ ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދަތުރުކުރަން ދިން ލުއިތައް މި މަހުގެ 5 އިން 15 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފި އެވެ.

އެޗްޕީއޭއިން އެގޮތަށް ނިންމީ ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް19ގެ ކޭސްތައް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވާން ފެށުމުންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލުމުގެ އިތުރުން، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެ ކަމަށެވެ.

"ވަކިން ފާހަގަކޮށްލަން މާލެ ސަރަހައްދުން ރަށަކަށް ނުވަތަ ސިނާއީ ސަރަހައްދަކަށް ދަތުރުކުރާނަމަ، ޒަރޫރީ ބޭނުމަކަށް ވިޔަސް، ދަތުރުކުރާނަމަ، 10 ދުވަހުގެ ކަރަންޓީނެއް އޮންނާނެ." މަބްރޫކް ވިދާޅުވި އެވެ.

ޒަރޫރީ ބޭނުމަކަށް މާލޭގެ އިތުރުން އެއް ރަށުން އެހެން ރަށަކަށް ވެސް ދަތުރުކުރެވޭނީ އެޗްޕީއޭގެ ހުއްދައާއެކު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިތުރަށް އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި:

  • ރޭގަނޑު 12އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން
  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުން
  • ކިންޑަގާޑަންއިން ފެށިގެން ގްރޭޑް12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުން

ސަރުކާރު އޮފީސްތައް ބަންދުކުރުން

މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުން ހިމެނެ އެވެ.
ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އެގޮތުން މިއަދު އެކަނިވެސް 585 މީހުން ޕޮޒިޓިވްވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ ހަ ހާހުން މައްޗަށް އަރާފަ އެވެ.

comment ކޮމެންޓް