ޕާކުތަކާއި މައިދާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތައް މަނާކޮށްފި

ޖެނުއަރީ 18، 2021: މާލޭ އެކުވެނީ ދުވާ ޓްރެކް -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު މާލެ ސަރަހައްދުގައި ޕާކުތަކާއި މައިދާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތައް ބޭއްވުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން ވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ޕާކުތަކާއި މައިދާންތަކާއި ކުޅިވަރުކުޅޭ ތަންތަނުގެ އިތުރުން ދުވާ ޓްރެކާއި ފަތާ ޓްރެކު ބަންދުކުރަން އަންގާފަ އެވެ.

މީގެ އިތުރުން ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުން ވެސް ހަމަ އެ ތާރީހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތައްވެސް މެއި ފަހަކުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ ނިންމާފަ އެވެ.

އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ؛

  • ރޭގަނޑު 12އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން
  • ކިންޑަގާޑަންއިން ފެށިގެން ގްރޭޑް12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުން
  • މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުން

ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އެގޮތުން މިއަދު އެކަނިވެސް 585 މީހުން ޕޮޒިޓިވްވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ ހަ ހާހުން މައްޗަށް އަރާފަ އެވެ.

comment ކޮމެންޓް