ސައޫދީ އާއި އީރާނުގެ މަސްއޫލުވެރިން ބަޣްދާދުގައި އިތުރު ސިއްރު ބައްދަލުވުމެއް ބާއްވައިފި

އީރާނުގެ ޚާރިޖީ ވުޒަރާގެ ތަރްޖަމާން ސައީދު ޚަތީބު ޒާދާ

ބަޣްދާދު (މޭ 3) : ސައޫދީ އާއި އީރާނުގެ މަސްއޫލުވެރިން ބަޣްދާދުގައި ސިއްރިޔާތުގައި އިތުރު ބައްދަލުވުމެއް މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅުގައި ބާއްވައިފި ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ނިއުޔޯކް ޓައިމްސް ބުނެފި އެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން އިރާގު ސަރުކާރުގެ ބެލުމުގެ ދަށުން ބޭއްވި އެ ބައްދަލުވުމުގައި ސައޫދީގެ ފަރާތުން ބައިވެރިވެފައި ވަނީ އެގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ. އީރާނުގެ ފަރާތުން ބައިވެރިވެފައި ވަނީ އީރާނުގެ އަމަނާބެހޭ އިސް މަސްއޫލުވެރިއެކެވެ.

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" އިން ވަނީ މިދިޔަ އެޕްރީލް މަހުގެ 9 ވަނަދުވަހު އީރާނާއި ސައޫދީ މަސްއޫލުވެރިންވަނީ ބަޣްދާދުގައި ސިއްރު ބައްދަލުވުމެއް ބާއްވައި ދެގައުމުގެ ގުޅުންތައް އަލުން އިއާދަކުރުމާ އަދި ގުޅުންތައް ރަނގަނޅު ކުރުމާބެހޭ ގޮތުން މަޝްވަރާތަކެއް ކުރެއްވިކަން ހާމަކޮށްފަ އެވެ. އިރާގުގެ އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ރަޝިއާގެ ނޫހެއްކަމަށްވާ "ނިޒަވިސީމާޔާ" އިންނާ އަދި ރޮއިޓާސް އިން އެދުވަސްވަރުވަނީ މިޚަބަރު ކަށަވަރުކޮށްދީފަ އެވެ.

އެއަށް ފަހު ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންވަނީ އޭނާ ކުރިން އީރާނާމެދު ގެންގުޅުއްވި ހަރުކަށި ރާގު މުޅިން ބަދަލުކުރައްވައި އީރާނަކީ ސައޫދީގެ އަވަށްޓެރި ގައުމެއް ކަމަށް ސިފަކުރައްވައި އީރާނާ ގުޅުންތައް ރަނގަނޅު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ވާހަކަ ދައްކަވާފަ އެވެ.

ސައޫދީއާއި އީރާނާ ދެމެދު ކަނޑާލާފައިވާ ގުޅުންތައް އަލުން ރަނގަނޅު ކުރުމުގެ މަސައްކަތްތަކެއް އިރާގު މެދުވެރިއަކަށްވެގެން ކުރަމުން ގެންދާކަމުގެ ޚަބަރުތައް ފެތުރިފައިވާ މިދަނޑިވަޅުގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ސައީދު ޚަތީބު ޒާދާ އިއްޔެވަނީ ސައޫދީ އާ ގުޅުންތައް ރަނގަނޅުކުރަން އީރާން ބޭނުންވާކަމާ ކޮންމެ ލެވެލްއެއްގައި ވެސް ސައޫދީއާ މަޝްވަރާކުރަން އީރާން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އީރާނާމެދު ސައޫދީ ގެންގުޅޭ ސުލޫކު އިޖާބީ ގޮތަކަށް ބަދަލުވަމުންދާތަން ފެންނަ ކަމަށް ވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވި އެވެ. ސައޫދީން އީރާނާ ގާތްވަމުންދަނީ އެމެރިކާއިން އީރާނާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާ މިހާރު ގެންދަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމާ ބެހޭ ގޮތުންނާ އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން ޔޫރަޕްގެ އިއްތިޙާދު މެދުވެރިއެއްގެ ބައި އަދާކޮށްގެން ވިއެނާގައި އީރާނާއެކު މަޝްވަރާތަކެއް ކުރަމުންނެވެ.

މިމަޝްވަރާތަކަށް ކުރިއެރުން ލިބެމުންދާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އީރާނާ މުއާމަލާތް ކުރުމުގައި އެމެރިކާގެ ސިޔާސަތަށް އައި ބަދަލު އެމެރިކާއަށް ބަރޯސާވާ އަރަބި ގައުމުތަކަށް އަންގައިދިނުމަށްޓަކައި އެގައުމުތަކަށް މަންދޫބަކު ފޮނުވަން ނިންމަވާފަ އެވެ.

އެމެރިކާއަށް އެންމެ ބޮޑަސް ބަރޯސާވާ އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައޫދީ، މިސްރު، އުރުދުން އަދި ޔޫއޭއީ އަށް ޚާއްސަ މަންދޫބަކު ފޮނުވުމުގައި ރައީސް ޖޯ ބައިޑެންގެ ބޭނުމަކީ އެމެރިކާއިން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވާނެކަމާ އެއާއެކު އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަން އެގައުމުތަކަށް އެންގުމާ އަދި އީރާނާ މުއާމަލާތް ކުރުމުގައި އެމެރިކާގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އެމެރިކާއަށް ބަރޯސާވާ އަރަބި ގައުމުތަކަށް ނުރައްކަލެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ދެއްވުންކަމަށް މުރާސިލުން ބުނެ އެވެ.

ސައޫދީން އީރާނާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން މިފެށީ ސައޫދީ އަށް ނާކާމިޔާބު ވަމުންދާ ޔަމަންގެ ހަނގުރާމައިން ސަލާމަތް ވާނެގޮތެއް ފެންނަން އޮތީ އީރާން މެދުވެރިކޮށް ކަމަށްވާތީ އެކަމުގެ ބޭނުމުގައި ކަމަށް ގިނަ މުހައްލިލުން ވިދާޅުވެ އެވެ. ސައޫދީ ޔަމަންގައި ހަނގުރާމަކުރާ ހޫޘީ ޖަމާއަތަކީ އީރާނުގެ މަދަދު ލިބޭ ޖަމާއަތެކެވެ.

ހޫޘީން ބަލިކުރުމަށް ސައޫދީ ސިފައިން ނުކުޅެދިފައިވާއިރު ހޫޘީންގެ ބަދަލުހިފުމުގެ ޙަމަލާތައް ވެސް މިފަހަކަށް އައިސްދަނީ ސައޫދީ ތެލުގެ މަރުކަޒުތަކާއި އެއާޕޯޓްތަކާއި އެނޫންވެސް އިގްތިސާދީ މަރުކަޒު ތަކަށް އަމާޒު ކުރަމުންނެވެ. އެހަަމަލާތައް ހުއްޓާލާނީ ސައޫދީ ސިފައިން ޔަމަންގައި ކުރާ ހަނގުރާމަ ހުއްޓާލުމުން ކަމަށް ވެސް ހޫޘީން ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު