ކޮލަމްބޯ (މެއި 3): ސްރީލަންކާގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން އެގައުމަށް ވައިގެ މަގުން ދަތުރު ކުރެވޭ މީހުންގެ އަދަދު މަދު ކުރަން ނިންމައިފި އެވެ.
ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އިއުލާން ކުރި ގޮތުގައި އެގައުމުން ނިންމާފައި ވަނީ ކޮންމެ ފްލައިޓަކުން އެގައުމަށް ދަތުރު ކުރެވޭ މީހުންގެ އަދަދު 75އަށް މަދު ކުރުމަށެވެ. އަދި އެ ގަވާއިދު ތަންފީޒު ކުރާނީ މިއަދުން ފެށިގެން 14 ދުވަސް ވަންދެނެވެ.
ސީއޭއޭ އިން ބުނި ގޮތުގައި އެ ގަވާއިދާ ބެހޭ މައުލޫމާތު ލަންކާއަށް ދަތުރު ކުރާ ހުރިހާ އެއާލައިނަކާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ. އަދި 14 ދުވަހަށް ފަހު އެ ގަވާއިދު އުވާލަން ނުވަތަ ހަރުކަށި ކުރަން ނިންމާނެ އެވެ.
މީގެ އިތުރުން ވެސް ލަންކާއިން ވަނީ ކޮވިޑާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ. އެގޮތުން ކައިވެނި ހަފްލާތައް ބޭއްވުމާއި ދީނީ އަޅުކަން ކުރާ ތަންތަނަށް އެއްވުން މަނާ ކުރުމާއި ސިނަމާތަކާއި ކުޑަކުދިންގެ ޕާކުތައް ބަންދު ކުރުން ހިމެނެ އެވެ.
ލަންކާއިން އެފިޔަވަޅުތައް އަޅަނީ އެގައުމުން ކޮންމެ ދުވަހަކު 1،000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވާތާ ހަތް ދުވަސް ފަހުންނެވެ. އެގައުމުން އިއްޔެ ވަނީ 1،891 ކޭސް ރިޕޯޓުކޮށްފަ އެވެ. އެއާ އެކު އެގައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 111,753އަށް އަރައިފަ އެވެ. އޭގެ ތެރެއިން 13،815 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މީގެ އިތުރުން އިއްޔެ އެގައުމުން ވަނީ ކޮވިޑް ޖެހިގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އެހެންކަމުން އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 696އަށް އަރައިފަ އެވެ.