އިންސާފަށް ހުރަސްއެޅެނީ ސަރުކާރުގެ ލަސްކަން، ފޮނުވުނީ އެންމެ ހަތް ބިލް: ކޮމިޓީ

ޖުޑީޝަރީ ކޮމިޓީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް

އިންސާފު ލިބުން ލަސް ވަނީ މަޖިލީހަށް ފޮނުވާފައިވާ ކަމާގުޅޭ ގާނޫނުތަކުގެ މަސައްކަތްތައް ލަސްވާތީކަމަށް ސަރުކާރުން ރޭ ބުނެފައި ވަތީ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ސަރުކާރަށް ރައްދު ދީ އެ ކަމުގެ އިލްޒާމް ސަރުކާރުގެ ބޮލުގައި އަޅުވައިފި އެވެ.

ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް، އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދިވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފުވެރިކަމާ އެކު ބަދަލު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

އަހުމަދުގެ ވާހަކަތަކަށް ރައްދު ދިނުމަށް އެ ގާނޫނު ދިރާސާ ކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އެ ބިލު މަޖިލީހަށް ލިބުނީ ބައި ބަޔަށް ކަމަށާއި، ފުރިހަމައަށް މުޅި ބިލު މަޖިލީހަށް ލިބެން އަހަރު ދުވަސް ނެގި ކަމަށެވެ. އަދި ބިލު ލަސްވީ އެ ކޮމިޓީގެ ސަބަބުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވީ، ފުރަތަމަ އެ ބިލު މަޖިލީހަށް ލިބުނީ މިދިޔަ އަހަރު ފެބްރުއަރީ 12ގައި ކަމަށާއި އެހެން ނަމަވެސް އެ ބިލު މަޖިލީހުން ދިރާސާކުރަން ފަށާފައި ވަނިކޮށް، އަނެއްކާވެސް ސަރުކާރުންގެ އެދިގެން ބިލު ބަދަލު ކުރަން ޖެހުނު ކަމަށެވެ. އެއީ ފުރަތަމަ ސަރުކާރުން ފޮނުވީ ނުބައި ބިލެއް ކަމަށް އިންތި ވިދާޅުވި އެވެ.

"ބަންޑާރަ ނައިބު އޮފީހުން ރިކުއެސްޓެއް ކުރަނީ ތިމަންނަ މެންނަށް ފޮނުވިފައި ވަނީ އެ ބިލުގެ ރަނގަޅު ވާޝަންއެއް ނޫނޭ. ނުރަނގަޅު ބިލެކޭ. ދެން އަނެއްކާވެސް މަޑު ޖެހުނީ،" އިންތި ވިދާޅުވި އެވެ.

އިންތި: އޭނާ ވިދާޅުވީ، އިންސާފު ލިބުން ލަސްވަނީ މަޖިލީހުގެ މަސައްކަތްތައް ލަސްވެގެން ނޫން ކަމަށް --- ފޮޓޯ މަޖިލިސް

އޭނާ ވިދާޅުވީ، ބަންޑާރަނައިބު އޮފީހުން ވަކި ތާރީހަކަށް ރަނގަޅު ބިލު ފޮނުުވާނެ ކަމަށް ބުނި ނަމަވެސް، އެތައް ދުވަހަކަށް ލަސްވެގެން ދިޔަ ކަމަށެވެ. އަދި ވަކި ވަކިން ބިލުގެ ބައިތައް ފޮނުވުމުން ކޮމިޓީއަށް އެތަށް އުދަނގޫތަކެއްވެ، ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު ރަނގަޅު ބިލު ބަންޑާރަނައިބު އޮފީހުން ކަނޑައެޅުނު ތާރީހަށް ނުފޮނުވުމުން ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ބިލު ކޮމިޓީން ބޭރުކުރަންވެސް ކޮމިޓީއިން ރަސްމީކޮށް ނިންމި ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ފަހުން އަޅުގަނޑުމެންނަށް ވިސްނުނީ ކޮމިޓީން އެގޮތަށް ނިންމި ނަމަވެސް، ކޮމިޓީގެ ނިންމުން ތަޅުމަށް ގޮސްފިނަމަ، އަނެއްކާވެސް ބަހުސްއެއް ފެށިދާނޭ ސަރުކާރު އެމްބަރެސްމަންޓަކަށް [ލަދުގަންނަ] ގޮސްދާނެފަދަ، އެހިސާބަށް އަޅުގަނޑުމެން ނުގެންދިޔައީ،" އިންތި ވިދާޅުވި އެވެ.

އޭގެ ފަހުންވެސް މަސައްކަތް ކުރީ ބަންޑާނައިބު އޮފީހާ މަޝްވަރާކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީއާއެކު މަޝްވަރާ ކުރުމަށްފަހު، އެކި ފަހަރު މަތިން ބިލު ފޮނުވާނެ ސުންގަޑިއެއް ދިން ނަމަވެސް އެ މުއްދަތުތައް ފަހަނައަޅާ ދިޔައިރުވެސް ބިލް ފޮނުވާފައި ނުވާ ކަމަށް އިންތި ވިދާޅުވި އެވެ.

"އެންމެ ފަހުން މި ބިލުގެ ރަނގަޅު ވާޝަން ކަމަށް ވިދާޅުވެ ފޮނުވި ބިލު ލިބުނީ ނޮވެމްބަރު 4، 2020ގައި. އެއީ، ބަޖެޓްގެ ބަހުސްއާއި މަޖިލިސް ޗުއްޓީއަށް ދިޔަ ދުވަސްވަރު. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފާއިތު މިވީ އަސްލު ބިލު މަޖިލީހަށް ނުފޮނުވާ،" އިންތި ވިދާޅުވި އެވެ.

ސަރުކާރުން އަމަލުތައް އެހެން ހުއްޓާ ރައިސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލުން ރޭ މަޖިލިސްގެ ބޮލުގައި އެ އިލްޒާމް އެޅުވުމުން އިންތި ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް އިންތި މިއަދު ވިދާޅުވި އެވެ.

33 ބިލުން ފޮނުވުނީ އެންމެ ހަތް ބިލު!

މަޖިލީހުގެ މިއަހަރުގެ ނިމުނު ފުރަތަމަ ދައުރުގައި 33 ބިލެއް މަޖިލިހަށް ފޮނުވަން އޮތީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އެންމެ ހަތް ބިލު ފޮނުވުމުންވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތަންފީޒުކުރުމުގެ ސްޕީޑް ލަސްކަމަށްބުނެ އެކަމަށްވެސް އިންތި ފާޑުވިދާޅުވި އެވެެ.

"ހަތް ބިލޭ ބުންޏަސް، ބައެއް ބިލުތަކަކީ، ކުޑަ ކުޑަ ހައެއްކަ ފޮޅުުވަތް. [މިސާލަކަށް] ގާނޫނެއް އުވާލަން ފޮނުވާ ބިލިތައް މި ދެންނެވި ލިސްޓުގެ ތެރޭގައި ހިމެނޭނެ،." އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، 33 ބިލުގެ ތެރޭގައި ރައްޔިތުންނަށް އިންސާފު ގައިމުކުރުމަށް ކޮންމެހެން މުހިންމުވާ މުހިންމު ބިލުތައް ހިމެނޭނެ ކަމަށެވެ. އެ ބިލުތައް ދައުރު ނިމުނު އިރުވެސް ފޮނުވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"[ނުފޮނުވާ ހުރި ބިލުގެތަކުގެ] ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފޮނުވާފައި ނެތް ދައުރު ނިމުނު އިރުވެސް. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ހެއްކާ ބެހޭ ބިލު ފޮނުވާފައި ނެތް. ގާނޫނީ އެހީތެރިކަން ފޯރުކޮއްދިނުމުގެ ބިލު، މިދައުރުގައި ފޮނުވަން އޮތް ބިލެއް، އެވެސް ނެތް ފޮނުވާފައި އެއީވެސް އަޅުގަނޑުމެންގެ ވައުދެއް،" އިންތި ވިދާޅުވި އެވެ.

comment ކޮމެންޓް