ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްފިނަމަ އިންޑިއާއަށް ޖެހުނުހާލު ޖެހިދާނެ: ޑަބްލިޔޫއެޗްއޯ

ހާންސް ކްލޫ

ޖެނީވާ (މޭ 3) : ކޮވިޑް-19 އިން ސަލާމަތްވުމުގެ ގޮތުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭންޖެހޭ ވަގުތު އަދި ނުޖެހޭ ކަމަށާ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށާ ލުއިވެސް ނުދިނުމަށް ޑަބްލިއުއެޗްއޯ އިން ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުން ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން އިންޑިއާގެ ހާލަތުން ހާމަވާކަން ބަޔާންކުރައްވައި އެޖަމްއިއްޔާގެ އިސްވެރިއެއްކަމަށްވާ ހާންސް ކްލޫ ދެއްކެވި ވާހަކަފުޅުގައެވެ. ނޫސް ކޮންފަރެންސެއްގައި ކްލޫ ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދި ލުއި ދޭން ނުޖެހޭކަމުގައެވެ. "ވަގުތުނުޖެހެނީސް ދޫދީފިނަމަ މިވަގުތު އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ހިތާމަވެރި ހާލަތު ކޮންމެ ގައުމަކަށްވެސް ކުރިމަތިލާން ޖެހިދާނެ" ކަމަށް ކްލޫ ވިދާޅުވިއެވެ.

ކޮވިޑް އާ ދެކޮޅަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލުމަށްފަހު އިންޑިއާއިންވަނީ އެތަށް މިލިޔަން ބަޔަކު ބައިވެރިވާ ހިންދޫންގެ ދީނީ ގިނަ އެއްވުންތަކެއް އެގައުމުގެ އިސްވެރިންވެސް ބައިވެރިވާގޮތަށް ބާއްވާފައެވެ. މީގެއިތުރުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ބޭއްވި ލޯކަލް އިންތިޚާބުތަކުގެ ކޭންޕޭން އެއްވުންތައްވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް އެއްވެސް ވަރަކަށް ނުބަލައި މިދިޔަ އެޕްރީލް މަހުގެ އިންޑިއާގައިވަނީ ބައްވާފައެވެ. ނަތީޖާއަކީ އޭގެ ދުވަސްކޮޅެއްފަހުން އިންޑިއާއިން ކޮވިޑްގެ ބޮޑު ރާޅެއް ނެގުމެވެ.

މިރާޅުގައި އިންޑިއާއިންދަނީ ދުވާލެއްގެ މައްޗަށް 3 ލައްކައާއި 4 ލައްކައާ ދެމެދުގެ އަދަދަކަށް މީހުން ޕޮޒިޓިވްވެ 3 ހާހާއި 4 ހާހާ ދެމެދުގެ އަދަދަކަށް އެ ބަލީގައި މީހުން މަރުވަމުންނެވެ. އިންޑިއާގެ ސިއްހަތާބެހޭ ތަޖްރިބަކާރުންވަނީ ކޮވިޑްގެ އައު ރާޅާއެކު އިންޑިއާގެ ސިއްހަތާބެހޭ ނިޒާމު ރޫޅިގެންގޮސްފައިވާކަމާއި މިހާލަތު ކުރިމަތިވީ ތަޖްރިބާކާރުންނާ އަދި ސައެންސްވެރިންގެ އަޑު އިންޑިއާ ސަރުކާރުން ނޭހުމުންކަމަށް ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ

އިންޑިއާގައި ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި އެބަލީގައި މަރުވާ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށްގޮސް އިންޑިއާގެ ހާލަތު ބިރުވެރި ހިސާބަކަށް ގޮސްފައިވާއިރު މިއީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލުމަށްފަހު ބޭއްވި ބޮޑެތި އެއްވުންތަކުގެ ނަތީޖާ ކަމަށް، ސިއްހަތާބެހޭ ދިރާސާތައް ކުރައްވާ ސައެންސްވެރިންވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ކޮވިޑް ގެ އާދަޔާޚިލާފު ބިރުވެރި ހާލަތާ ގުޅިގެން ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް އެގައުމުގެ އެތެރެއިން ފާޑުކިޔުންތައް އަމާޒުވެ ސިޔާސީ ގޮތުންވެސް ގައުމުގެ އެތެރެއިން މޯދީއަށްވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ. މިއާއެކު އިންޑިއާގެ އިގްތިސާދުވެސްވަނީ ބޮޑު ހީނަރުކަމަކާ ދިމާއަށް މިސްރާބު ޖަހާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ގެންދަވަނީ ކޮވިޑް އާ ގުޅިގެން އިންޑިއާގެ ހާލަތު ގޯސްވެފައިވާ މިންވަރު ދެނެގަތުމަށާއި، ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރުމަށާ އަދި އިންޑިއާއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ އޮކްސިޖަން އާއި ހޮސްޕިޓަލުން ބަލިމީހުންނަށް އެނދު ނުލިބޭ މައްސަލަފަދަ ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށް ދަތިވެފައިވާ ބޮޑެތި ކަންކަމާއި ބެހޭގޮތުން އޭނާގެ ސަރުކާރުގެ އިސްވެރިންނާ އަދި ސިއްހަތާބެހޭ ތަޖްރިބާކާރުންނާ މަޝްވަރާ ކުރައްވަމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް