އެޑްވަޓޯރިއަލް: އެމްޓީސީސީގެ ފަހުރު - ގައުމު ބިނާ ކުރުމުގައި ރައްޔިތުންގެ ދަރިން

މަސައްކަތުގެ މައިދާނުގައި އެންމެ މުހިއްމު ރައުސްމާލަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ކަމާމެދަކު އެއްވެސް ފަރާތަކުން ދެބަހެއް ނުވާނެއެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުނި އެމްޓީސީސީއަކީ ވެސް މިދެންނެވި ހަމައިން އިސްތިސްނާވާ ކުންފުންޏެއް ނޫނެވެ. ނަވާރަސަތޭ އަށްޑިހަ ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާއި ހަމައަށް ފެންނަ މޫނުތަކުގެތެރޭގައި ގިނައީ ދިވެހި މުވައްޒަފުންނެވެ. ޕްރޮޖެކްޓް ސައިޓް ތަކުގެ ސުޕަވައިޒަރުން ފެށިގެން ލޯންޗު ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންވެސް މަދެކޭ ދެންނެވޭކަށް ނެތެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ކުންފުނީގައި މިހާރު ވަޒީފާއަދާކުރާ 2332 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނެވެ.

ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތްކުރަން ޖެހިފައިވަނީ ބަދަލުވަމުންދާ މާހައުލެއްގައިކަމަށްވުމާއެކު، އެއީ ގާބިލް، ބާރުވެރިކުރުވިފައިވާ، އެކުގައި މަސައްކަތްކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހުއޮތް ޓީމަކަށް ވާންޖެހެއެވެ.

މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާއެކު ވިޔަފާރި ހިންގުމަށް މަގުފަހިކޮށްދޭ، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރުސަތު ލިބޭ، ލީޑާޝިޕް ވަރުގަދަކޮށްދޭ، މުވައްޒަފުންގެ ބައިވެރިވުން ހޯދާ، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތު ލިބޭ ސިޔާސަތެކެވެ. ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްގީ ކުރުމަކީ، ކުންފުނިން އަގުވަޒަންކުރާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ތަފާތު ވިޔަފާރިތަކުގައި ކުންފުނިން އަދާކުރަމުންދާ އިސް ދައުރު އަދާކުރަމުން ގެންދިއުމަށް ބޭނުންވާ ހުނަރާއި ފަންނުވެރިކަން ކަށަވަރުކުރުމަށް، ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދެވެއެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދާދެވެއެވެ. ކުންފުނީގެ އަމާޒަކީ ކުންފުނީގެ މުއައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުއައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭބަޔަކަށް ހެދުމެވެ. ނަތީޖާ ނެރެދޭ ވަކިވަކި މުއައްޒަފުންނާއި ޓީމްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ކުންފުނިން އަބަދުވެސް ވަޒަންކުރެއެވެ. އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމުކުރަން މުވައްޒަފުންނަށް ފުރުސަތު ދެވެއެވެ. އަދި "ހެލްތް އިންޝުއަރެންސް"ގެ ހިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެވެއެވެ.

އެމްޓީސީސީން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމި ނިންމުމަކީ، ކުންފުނީގެ ޓީމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނިން ދޭ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕްރޭޓް ކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓް ކުރުމާއި، އިންޖިނިއަރިން، ވެލްޑިންގް، ޑްރެޖިން އަދި އެންވަޔަރަމެންޓަލް ސަވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީން ކުރެވިގެންދާނެއެވެ.

ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގް ޕްރޮގްރާމްއާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. ހުނަވަރު ލައިސެންސިން ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ އައްޑޫ އާއި ފުއައްމުލަކުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ "އޯޕަން ޑޭ"ގެ ޒަރީއާއިން، ގިނަ ބައިވެރިންތަކަކަށް ހުނަވަރު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި މިއަހަރުގެ މެއި މަހު ފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، މިއަހަރު އެކަނި 30 ދިވެހިން ތަމްރީން ކުރެވިގެންދާނެއެވެ. އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން ތިން އަހަރު ދުވަހުގެތެރޭ 100 ދިވެހިން ތަމްރީން ކުރުމެވެ.

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި، ދިވެހިން މުވައްޒަފުންނަކީ ހުނަރުވެރި ކަމަށް ގާބިލު ވަޒީފާއަށް ކަމޭހިތާ އިހުލާސްތެރި ބައެކެވެ. ކުންފުނީގެ އަމާޒަކީ އަބަދުވެސް ދިވެހިންނަށް އިސްކަން ދީގެން ދިވެހިންނަށް ފުރުސަތުތައް ހޯދައިދީގެން، ދިވެހިންގެ ބައިވެރިވުމާއެކު ކުންފުނި ކުރިއެރުވުމެވެ. މިގޮތުން 7 އޮކްޓޯބަރ 2020 ވަނަ ދުވަހު އެމްޓީސީސީގެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީވެސް ކުންފުނިން ނިންމި ތާރީހީ ނިންމުމެކެވެ. އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެއެވެ.

އެމްޓީސީސީގެ މަގްސަދަކީ ތަފާތުތައް އެކުލެވޭ މުވައްޒަފުން ބައިވެރިކޮށް ޓީމު ބިނާކޮށް، އެންމެންގެ ބައިވެރިވުން ލިބޭ، އެކަކު އަނެކަކަށް އިހްތިރާމްކުރާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް ވިޔަފާރިތަކަށް ކުރިއެރުން ހޯދުމެވެ. އެމްޓީސީސީ ގަބޫލުކުރާގޮތުގައި ޓީމުތަކުގެ ތެރޭގައި ހިމެނޭ ތަފާތުކަމުގެ ސަބަބުން މަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ ބައިވެރިވުން އިތުރުވެއެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުވައްޒަފުންގެ ބޭނުންތަކާއި ތަފާތު ކަސްޓަމަރުން، ވިޔަފާރީގެ ބައިވެރިން އަދި ނަފާވެރިންގެ ބޭނުންތައް ދެނެގަތުމަށް އެހީތެރިވެދެއެވެ. އަދި ޓީމުގައި އެކުލެވޭ ހުނަރު އިތުރުވެ ފުޅާވެގެންދެއެވެ. ވުމާއެކު އެއްވެސް މީހަކަށް ތަފާތުކުރުމެއްނެތި، މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް ހިމެނޭގޮތަށް، ވަޒީފާގެ ފުރުސަތު ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދައިދިނުން އަދި ތަމްރީނުކުރުމާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ކުންފުނިން މުހިންމުކަންދޭ ކަމެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާދިނުމުގައި ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެވޭ މިންވަރަކުން ވަޒީފާގެ ޑިޒައިން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނު އެފަދަ މުވައްޒަފުންނަށް ފޯރުކޮށްދެވެއެވެ.

އެމްޓީސީސީއަކީ ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް ވަޒީފާގައި ކުރިއަށް ދިއުމުގެ ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ދިވެހި ކަނބަލުން ތަފާތު އެކި ދާއިރާތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި ފައިހަމަކުރަމުންދާތަން މިއަދުގެ މުޖުތަމައުއިން ދަނީ ފެންނަމުންނެވެ. ދިވެހި އަންހެނުންނާއި މެދު ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ބޯދާ ވިސްނުންތަކާއި، ނަޒަރިއްޔާ ބަދަލުކުރުމަށް އެކަނބަލުން ވަނީ ގުރުބާނީތަކެއް ވެފައެވެ. އެކަނބަލުންގެ މި ގުރުބާނީގެ ދަތުރުގައި އިސް ދައުރެއް އަދާކުރުމަށް އެމްޓީސީސީ އޮތީ އަތުކުރި އޮޅާލައިގެންނެވެ. އެކުންފުނިން އިއުލާނުކުރާ އެއްވެސް ވަޒީފާއަކީ ވަކި ޖިންސަކަށް އަމާޒުކޮށްގެން އިއުލާނުކުރާ ވަޒީފާތަކެއް ނޫނެވެ. ކުންފުނީގެ އެގްޒެކެޓިވް އަދި އިދާރީ މަގާމުތަކެކޭ އެއްފަދައިން ކުންފުނީގެ ފަންނީ މަގާމުތަކުގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނީގެ އަމާޒެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެން ކަނބަލުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. މިގޮތުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން، މިއަހަރުގެ ނޮވެމްބަރު މަހު ސްޕީޑް ފެރީގެ ހިދުމަތް ފެށިގެން ދާއިރު، މުވައްޒަފުންގެ 50 ޕަސެންޓު ހޮވުމުގައި، އަންހެން ކަނބަލުންނަށް ފުރަތަމަ އިސްކަން ދިނުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ.

ވަޒީފާގެ މާހައުލަކީ މުވައްޒަފުންނަށް އަމާން ރައްކާތެރި މާހައުލަކަށް ވުމަކީ ކޮންމެ މުވައްޒަފަކަށްވެސް ލިބިދޭންޖެހޭ އަސާސީ ހައްގެކެވެ. އަދި އެމްޓީސީސީ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގައި މުވައްޒަފުންގެ މި ހައްގު ކަށަވަރު ކުރުމަށް މެނޭޖްމަންޓުން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓް ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ތިބެނީ ފުރިހަމަ އަށް ސޭފްޓީ ކިޓް އަޅައިގެންތޯ ސައިޓް ސުޕަވައިޒަރުން އަބަދުވެސް ކަށަވަރު ކުރެއެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނޭ ފިޔަވަޅުތައް މިސައިޓްތަކުގައި އަބަދުވެސް ހުންނަނީ ފުރިހަމަ ކުރެވިފައެވެ. މިގޮތުން މަސައްކަތުގެ މާހައުލުގައި ދިމާވި އެކްސިޑެންޓެއްގައި އެމްޓީސީސީގެ މުވައްޒަފަކު ހާލުބޮޑުވި ވާހަކައެއް ތިއިން ބޭފުޅަކުން މިއިން ދުވަހަކުވެސް އައްސަވާފައި ނުވާކަމީ މިކަމުގެ ހެއްކެކެވެ. ޕްރޮޖެކްޓް ސައިޓްތަކެކޭ އެއްފަދައިން އެމްޓީސީސީގެ ކަނޑު އަދި އެއްގަމު ދަތުރުފަތުރު ކުރާ މުވައްޒަފުންނަކީވެސް އެ މުވައްޒަފުންގެ އަމިއްލަ ސަލާމަތަށާއި ކަސްޓަމަރުންގެ ސަމާލުކަމަށް އަބަދުވެސް ސަމާލުކަންދޭ ބައެކެވެ. އެމްޓީސީސީގެ ސޯޝަލް މީޑިއާ ސައިޓްތައް މެދުވެރިކޮށް ކޮވިޑްގެ ދުވަސްވަރުއާއި ކަނޑުގަދަ ވިއްސާރަ ދުވަސްވަރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން އާއްމުން އަބަދުވެސް ހޭލުންތެރިކުރަމުން ގެންދެވެއެވެ. އަދި ކުންފުނީގެ އެކި އެކި ޑިވިޒަން ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް "ފަޔާ ސޭފްޓީ" އަދި "ފަސްޓް އެއިޑް" ޓްރޭނިން ފަދަ ޓްރޭނިންތައް ފޯރުކޮށްދެމުން ގެންދެވެއެވެ.

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ގައިމުވެސް އެމްޓީސީސީ ވާނެއެވެ.

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހު ދެއްވި ހިތޯބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ފަދައިން ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ގައުމެއްގެ އަމިއްލަ ދަރިން، ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެންނެވެ. އެމްޓީސީސީގެ އަމާޒަކީ އެމަނިކުފާނު ދެއްކެވި މަގުން ހިނގުމެވެ. ގައުމު ބިނާކުރުމުގައި ރައްޔިތުންގެ ދަރިންގެ ހިއްސާ އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރަމުން ގެންދިއުމެވެ.

comment ކޮމެންޓް