5 ފެބްރުއަރީ 2012 އާ ގުޅޭ

"ޔޫހާ..." ޝާއިން ޔޫހާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. ޖަވާބެއް ނުލިބުމުން ޔޫހާގެ ކޮޓަރި ތަޅުގައި ހިފާ އަނބުރާލި ތަނާހެން ދޮރުހުޅުވިއްޖެ އެވެ. ކޮޓަރީގައި އަދި ފާހާނާގައި ވެސް އެކަކުވެސް ނޫޅެއެވެ.
"އަފޫ، ޔޫހާ އަދި ގެއަށް ނާންނަތީތަ، ފޯނެއް ވެސް ނުނަގާ" ޝާއިން އަފްލީންގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ދޮރުހުޅުވާލާފައި ބުނެލިއެވެ. އޭރު އަފްލީން އެނދުގައި ބަންޑުން އޮށޯވެލައިގެން ފޯނުން މީހަކާ ވާހަކަދައްކަމުން ދިޔައެވެ.
"ކީކޭ..." ޝާއިން ފެނުމާއިއެކު ފޯނު ކަންފަތާ ދުރަށް ޖައްސާލަމުން އަފްލީން ބުންޏެވެ. ޝާއިން އޭނަގެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކޮއްލިއެވެ.
"ޔޫހާވީ ކިޔާން ބަލާގޮސް، ދޮންބެ ޔޫހާ ތިހޯދަނީ ސްކޫލް ދޮށަށް ދިޔަތޯ ބަލަންތަ؟" އަފްލީން ބުނެލިއެވެ.
"ހޫމް، ދެން އެންމެ ރަނގަޅު، ތިބުނީނު ޔޫހާ ގޮސްފިޔޭ ކިޔާން ބަލާ" ޝާއިން މިހެން ބުނެލަމުން އަފްލީންގެ ކޮޓަރީގެ ދޮރުލައްޕާލިއެވެ. އަދި ނުކުމެ ސިޓީން ރޫމު ސޯފައި އިށީނދެލީ ޔޫހާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

* * *

ގާރޑަންވިއުގެ ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމަ ގޮތުގައި ނިންމާލެވުމާއިއެކު އީލާކް އާއި އޭނަގެ އާއިލާ ގެއަށްދިޔައީ އެންމެ ފަހުގެ ތައްޔާރީތައް ވުމަށްޓަކައެވެ. އެހެންނަމަވެސް އީލާކްއަށް ނަހުލާގެ ސަބަބުން ލިބުނު ހިތްހަމަ ނުޖެހުން ފިލައިގެން ނުދެއެވެ. އެހެން މީހުންނަށްވުރެ ކުރިން ޝުދުފާ އާއި ރޮޒޭންއަށް މިކަން ފާހަގަކުރެވިގެން އީލާކް އާއި ސުވާލުކުރިއެވެ. ނަމަވެސް އޭނަގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ.
"އީކް، ދިސް އިސް ޔޯ ބިގް ޓައިމް، އަދިވެސް ތިހުންނަނީ މޫޑީވެފަ، ވަޓް ހެޕަން ޑިއަރ" ރީތިވާ މޭޒުގެ ލޯގަނޑަށް ބަލަހައްޓައިގެން ހުރި އީލާކްއަށް އޭނަގެ ފަހަތުގައި ހުރި ލޫލުއާ ބުނެލިއެވެ.
"ކަމެއްނުވޭ ސިސް، ދޮންބެއަށް ގުޅައިފިންތަ..." އީލާކް އަހާލިއެވެ.
"ކީއްކުރަން ޒައުލްއަށް ގުޅަނީ، މިއަދު މިގޭ އެކަކަށް އެއްކަމެއްވެސް ހަނދާންކޮއްދޭކަށް ނުޖެހޭނެ، އެންމެންވެސް ތިބީ އީއްކޮގެ ފަންކްޝަނަށް ހުރިހާ ގޮތަކުން ތައްޔާރުވެގެން، އެނގޭތަ، މާމަ ހުންނެވީ ވަރަށް އުފަލުން، ފުރަތަމަ އުޅުނީ އަހަރުމެން ދާއިރު ދާންވެގެން، އެކަމަކު ޒައުލްކޮއްކޮ ވިސްނާދެއްވުމުން ބައްޕަ އާއިއެކު މެހެމާނުން ދުރުވާ ގަނޑިއަށް ގާޑަންވިއުއަށް އައުން ލަސްކުރެއްވި، ޒައުލް ކޮއްކޮ ހުރީ ވަރަށް ސީރިއަސްވެފަ އެނގޭ، އީއްކޮއްގެ ހުރިހާކަމެއް ވެސް ބަރާބަރަށް ދިއުމަށް އެންމެނަށް އަމުރުކުރި" ލޫލުއާ ހިނި އައިސްފައި ވާހަކަދައްކަމުންދިޔަ އެވެ.
"ލެޓްސް ގޯ" އީލާކް ތައްޔާރުވެ ނިމިގެން އޭނަގެ ޝޯއަށް ބޭނުންވާނެ ހުރިހާ ގަހަނާ ސެޓުތަކެއް ނަގަމުން ލޫލުއާއަށް ބުނެލި އެވެ.
"ހުރިހާ އެއްޗެއް އެބަ ގެންދަންދޯ" ލޫލުއާ އަނެއްކާ ވެސް ޔަގީންކޮއްލަން ބޭނުންވި އެވެ.
"ހޫމް، މިނިމުނީ، ދެންހުރި ހުރިހާ އެއްޗެއް އެކޮޅަށް ގެންދެވިއްޖެ، ހިނގާ ދެން ދާން، މޭކަޕް ސްޓައިލިސްޓުންނާއި ހެއަރ ސްޓައިލިސްޓުން އަންނަން ވާއިރަށް އަޅުގަނޑު އެތަނުގަ ހުންނަންވާނެ" އީލާކް ބުނެލިއެވެ.

މަންސޫރު އާއި ވާހަކަދައްކަން ސިޓިންރޫމުތެރޭގައި ހުރި ޒައުލް އާއި ހާޒިމްގެ ނަޒަރު ހުއްޓިގެން ދިޔައީ ލޫލުއާއި އީލާކް އަށެވެ.
"ބިއުޓިފުލް...." އިޙްތިޔާރަކާއިނުލައި ހާޒިމްއަށް ބުނެލެވުނެވެ. ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީ ދެނެވެ. އޭނަ ކަންބޮޑުވެފައި މަންސޫރު އާށާއި ޒައުލްއަށް އަވަސް ނަޒަރެއްދިނެވެ.
"ހެ ހެ ހެ... ޔަގީންތާ، ރީތި ވާނެއެއްނު، އެއީ މަންސޫރުގެ ދެއަންހެން ދަރިންވިއްޔަ ދޯ" މަންސޫރު އޭނަގެ ދެ އަންހެން ދަރިންނާއިމެދު ފަޙުރުވެރިވާފަދަ ގޮތަކަށް ބަލާލަމުން ބުނެލި އެވެ. އީލާކް އާއި ލޫލުއާ ބައްޕަ ބުނުއްވި އެއްޗަކުން ހިނި އައިސްފައި ތިބެ ދިއުމުގެ ހުއްދައަކަށް އެދުނެވެ.
"ޒައުލް، ދަރިފުޅު ކޮއްކޮއަށް ބަލައްޗޭ، މިއަދުމީ އަހަރުމެންގެ އީލާކްއަށް ވަރަށް ޚާއްޞަ ދުވަހެއް، ބައްޕަ މިހުރީ ވަރަށް އުފަލުން... އޯލް ދި ބެސް މައި ޗައިލްޑް" މަންސޫރު މިހެންބުނެ އީލާކްގެ ކޮނޑުގައި ދެއަފަރާތުން ހިފާ ހިނިތުންވެލިއެވެ. އެހިނދު ސިޑިން ފައިބައިގެން އައި ލާއިގާވެސް އީލާކްއަށް ދެ އަތްދިއްކޮއްލި އެވެ. ހިނިތުންވެލައިގެން ހުރި އީލާކް މާމަ ލާއިގާގެ ގާތަށް ދިޔައެވެ.
"މާމާ ދަރިފުޅުގެ ތި ޚާއްޞަ ހަފްލާއަށް ދާހިތުން މިހުރީ ކެތްމަދުވެ، ވަރަށް އުފަލުން މިހުރީ، މާމާގެ ކުޑަކުޑަ އިލާކްއަކީވެސް ކިހާ ހުނަރުވެރި ކުއްޖެއްކަން މިއަދު މުޅި ރާއްޖެއަށްވެސް އެނގިގެންދާނެ، ﷲ ދަރިފުޅުގެ މަސައްކަތުގައި ބަރަކާތްލައްވާށި، އަދި ދަރިފުޅަށް ތިކަމުން ކާމިޔާބު ލިބުން މާމަގެ ދުޢާއަކީ" ލާއިގާ އީލާކްގެ އުނަގަނޑުގައި ހިފާ ގާތްކޮއްލައިގެން ގޭގެ ދޮރާހަމައަށް ދަމުން ވާހަކަދެއްކިއެވެ.


ޒައުލްގެ ކާރުގައި އީލާކް އިންއިރު ލޫލުއާ އެރީ ހާޒިމްގެ ކާރަށެވެ. މި މަންޒަރު ދުރުގައި ގޭގެ ދޮރުމަތީ ހުރި ލާއިގާއަށް ފެނުނެވެ. އަދި ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެ ސުވާލުތަކާއިއެކު ސިކުނޑިގައި ހިޔާލުތަކެއް އެނބުރިގަތެވެ. މަޑުމަޑުން ގޭތެރެއަށް ހިނގައިގަތްއިރު މަންސޫރު ސިޑިން މައްޗަށް އަރަނީއެވެ.
"ދަރިފުޅާ، އެހަށް އާދެބަލަ، ވާހަކައެއް ދައްކާލަން ކަމަށް" ލާއިގާ އަވަސް އަވަހަށް މަންސޫރަށް ގޮވާލާފައި ބުނެލިއެވެ.
"ކީކޭތޯ މަންމާ" މަންސޫރު މަތީ ހަރުފަތަށް ނަގަނަގާހުރި ފައިތިލަ މަޑުޖައްސާލާފައި އެނބުރިލަމުން ބުނެލިއެވެ. އަދި ސިޑިން ތިރިއަށް ފައިބައިގެން ލާއިގާގެ ގާތަށް އަންނަފެށި އެވެ.
"މިއަންނަނީ ހާޒިމް، މަންމައަށް ހީވަނީ އަހަރުމެންގެ ލޫލުއާއަށް ވަރަށް ކަމުދާ ކުއްޖެއްހެން އެއީ" ލާއިގާ ބުނެލިއެވެ.
"ކީއްވެތޯ މަންމަ ތިހެން ތިބުނުއްވީ" މަންސޫރު ހިނި އައިސްފައި ބުނެލި އެވެ.
"މަންމައަށް ހީވަނީ ދަރިފުޅަށް ވެސް މިކަން ކޮންމެވެސް ވަރަކަށް އެނގޭހެން، އެހެންނޫނީ ތިގޮތަށް ހިނި އައިސްފައެއް ނުހުންނާނެ، މިހާރު ދެތިން ދުވަހަކު މަންމަ ދެކެފީމޭ ލޫލުއާ ހާޒިމްގެ ކާރުން ފައިބަނިކޮށް، އެ ދެކުދިން އެކަކު އަނެކަކަށް ބަލާލާފަ ހިނިތުންވެލާގޮތުން ވެސް މަންމައަށް ނަގައިގަނެވުނީ އެހެންކަމެއް، ހީވަނީ ރައްޓެހި ރަޙުމަތްތެރިކަމަށްވުރެ އެދެމެދުގައިވާ ގުޅުން ބަދަހިވެ ގާތްވެއްޖެހެން" ލާއިގާ އޭނަގެ ސިކުނޑީގައި އުފެދުނު ހުރިހާ ހިޔާލެއް ދުލުން ބޭރުކޮއްލި އެވެ.
"އަޅުގަނޑަށްވެސް ހީވަނީ މަންމަ ތިބުނުއްވި ގޮތަށް، އެކަމަކު އަދި މިހުންނަނީ ކުދިންގެ ކަންތައްތަކާ ނުބެހެން ކަމަށް، މިބުނީ ހާޒިމްއަކީ ރަނގަޅު އަޙުލާގެ ލިބިފައިވާ ޒުވާނެއްގެ އިތުރުން އަޅުގަނޑު އިތުބާރުކުރާ ރަނގަޅު އާއިލާއަކުންވެސް އައިސްހުރި ކުއްޖެއް، އެކުދިންގެ މެދުގައި އެފަދަ ގުޅުމެއްވާނަމަ އަޅުގަނޑުމެންނާއި ހަމައަށް އެވާހަކަ ހިފައިގެން އަންނާނެކަން ޔަގީން... މަންމާ، އަޅުގަނޑަށް ފެންނަގޮތް މިބުނީ، އެހާ އަވަސް އަރުވާލާކަށް ނުފެނޭ، އެކުދިން ބޭނުން ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ފުރުޞަތުދީގެން އަދި ތިބެންވީހެން ހީވަނީ" މަންސޫރު އޭނަގެ ހިޔާލު ފާޅުކުރިއެވެ.

* * *

"ޒަރާ، ޔަގީންތަ ޒަރާ ދާންބޭނުންވާކަން، އަހަރެންގެ އެއްވެސް މައްސަލައެއްނެތޭ ޒަރާ ނުދިޔަސް، އަހަންނަށް އެނގޭ އެމީހުންގެ ކުރިމައްޗަށް މިހާ ޒަމާންކޮއްފައިވިޔަސް އަރަންޖެހުމުން ޒަރާ ޖެހިލުންވާނެކަން" ފެންވަރައިގެން ނުކުމެ ރީތިވާ މޭޒުގެ ކައިރީ ހުރި ކުޑަގޮނޑީގައި އިށީނދެލައިގެން ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި އިން ޒަރާނާގެ ކުރިމަތީ ކުޑަކަކޫ ޖަހާލި އާފާގު ބުނެލިއެވެ. އަދި ޒަރާނާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޒާރާނާގެ ލޮލަށް އާފާގު ބަލާލިއެވެ.
"އާފާގު، މިހާ ދުވަސްވިއިރު މިކަހަލަ ކިތަށް ހަފްލާ ބާއްވަނީ... އެކަމަކު ދައުވަތު ކާޑެއް ނާދެއެއްނު، އީލާކްއަކީ އަހަރެންނާ މަންސޫރުގެ އެންމެ ހަގު ދަރިފުޅު، މީ އެދަރިފުޅު އަހަންނަށް ފޮނުވި ދައުވަތެއް، އެކަމަށް ފުރަގަސްދޭނެހާ ހިތްވަރެއް އަހަރެންގެ ނެތް..." ޒާރާނާ ދެރަވެފައި އިނދެ ބުނެލި އެވެ.
"އެކަމަކު... އެކަމަކު، އެމީހުންގެ ބޭނުމަކީ ކޮބާކަމެއްނޭގެ، އަހަރެން ވަރަށް ޖެހިލުންވޭ، ޒަރާ ދެރަވާކަހަލަ ޢަމަލެއް އެމީހުން ހިންގައިފިއްޔާ އަހަރެން ވަރަށް ދެރަވާނެ" އާފާގު ކަންބޮޑުވުމުގެ ރާގެއްގައި ބުނެލި އެވެ.
"އާފާގު، ތިހާ އަވަހަށް ކަންބޮޑުނުވެބަލަ، އަހަރެންނަކީ ކެތްކުރަން އެނގޭ އަންހެނެކޭ، ދެން ތިވަރަށް އާފާގު ބުނަންޏާ ދިއުމާ ދޭތެރޭ އަހަރެން ވިސްނާނަން، ދެން ދޭ ފެންވަރާ ތާޒާ ވެލަން" ޒަރާނާ އާފާގުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
އިސްތަށިގަނޑުގައި ފުނާއަޅަމުން ޒަރާނާ ނުކުތީ ގޭގެ ބިއްދޮށުގައި ހަދާފައި އޮންނަ ކުޑަބަގީޗާއަށެވެ. މަޑުމަޑުންގޮސް އުނދޯލީގައި އޭނަ އިށީނދެ ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައިވަނީ އީލާކް ހަނދާންތަކެވެ. ތުއްތު ތުއްތު އީލާކް މިދުނިޔެއަށް ނޭވާލީ ވަގުތުގެ ހަނދާނެވެ. އެހެންނަމަވެސް ހާލަތު ނިޔާކުރި ގޮތުން އެދަރިފުޅު ދޫކޮއްލަން ޖެހުނުގޮތުގެ ހަނދާންތަކެވެ. އޭނަގެ ހިތްވެސް ތެޅެމުންދިޔައީ އީލާކް ބަލާލާ ހިތުންނެވެ. އެދަރިފުޅު ބޮޑުވެއްޖެކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އީލާކް ދެކިލުމުގެ ފުރުޞަތެއް އޭނައަކަށް ނުލިބެއެވެ. އައްޔަދު އާއި އީލާކްގެ މެދުގައި ހުންނާނީ ދޮޅުއަހަރުގެ ތަފާތޭ ޒަރާނާގެ ހިތަށް އަރަމުންދިޔައެވެ. އަނެއްކޮޅުން އީލާކްގެ އެ ދައުވަތަކީ މިވީ ހުރިހާ ދުވަހެއްގެ ޝަކުވާކުރުމަށްޓަކައި ހޯދަންއުޅޭ ފުރުޞަތެއްބާއޭ ވެސް ޒަރާނާގެ ހިތަށް އެރިއެވެ.

* * *

ގާޑަންވިއުގައި އީލާކްއަށް ޚާއްޞަކުރެވިފައިވާ ބައިގައި އޭނަގެ އެންމެ ގާތް ރަޙުމަތްތެރިންގެ ތެރެއިން ޝުދުފާ އާއި ރޮޒޭން އުޅެއެވެ. އަދި ލޫލުއާ ވެސް ހުއްޓެވެ. އެންމެން ހޭބޯނާރާ އުޅެމުންދިޔައެވެ. ލޯގަނޑުތަކުގެ ކުރިމަތީ މޮޑެލް ކުރާ އަންހެން ކުދިންތައް އިށީނދެލައިގެން ތިބިއިރު މޭކަޕްކޮއްދޭ މީހުންނާއި އިސްތަށިގަނޑު ސްޓައިލްކޮއްދޭ މީހުންތައް އެމީހުންގެ ވަށައިގެން އުޅެއެވެ. އީލާކް ހެދުންތަކާއި އޭނަގެނައި ގަހަނާ ތަކާއި ގުޅުވަމުން ކޮންމެ މޮޑެލްއަކަށްވީ ފުރިހަމަ ސެޓުވަކިކުރަމުން ދިޔައެވެ. ރަންވޭ ސްޓޭޖްގެ އަނެއް ފަރާތުގައި ނަހުލާގެ މަސައްކަތްކުރިއަށްދިޔައެވެ. އޭނަގެ ވަށައިގެންވާ މާހައުލުވެސްވަނީ ހަލަބޮލިވެފައެވެ. އެހެންނަމަވެސް އިރުއިރުކޮޅާ އޭނަގެ ފޯނުން ކޮންމެވެސް މީހަކަށް މެސެޖުކޮއްލަ އެވެ. މިއުޒިކު ސާމާނުތައް ޓެސްޓުކުރުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ މީހުން އުޅެއެވެ.

މެހެމާނުން އަންނަންވާއިރަށް ނަސީބަކުން އީލާކް އާއި ނަހުލާގެ ފަރުމާތަށް ދައްކާލަން ހަމަޖެހިފައިވާ މޮޑެލްސްތަކުގެ ހުރިހާ ކަމެއްހެން ނިމިއްޖެއެވެ. ގާޑުންވިއުގެ ގޭޓުން ތަފާތު ދާއިރާތަކުގެ މާހިރުންނާއި އާއިލާގެ ގާތް ރަހުމަތްތެރިންނާއި ތިމާގެ މީހުންވެސް އަންނަމުންދިޔައެވެ. އަދި ނުވިތާކަށް މީޑިއާގެ އެކިފަރާތްތަކަށްވެސް ވަނީ ދައުވަތުއެރުވިފައެވެ. ލޫލުއާއި ޒައުލް މަންސޫރު އާއި ލާއިގާ ތިބެންވި ގޮނޑީގެ ގާތަށް ގެންގޮސްދިނެވެ. އަދި ޒައުލް އެނބުރި ގާރޑަންވިއު ހޮޓެލްގެ ދޮރުކައިރީ ހުރި ހާޒިމްގެ ގާތުގައި ގޮސް މަޑުކޮއްލީ މެހެމާނުންނަށް މަރުޚަބާ ކިޔުމަށެވެ. މީހުންތަކުގެ ތެރެއިން ދޮރުން ވަތް ދެމެހެމާނަކު ފެނި ޒައުލްގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލިއްޖެއެވެ. އޭނަ އަވަސް އަވަހަށް މޫނު އަނބުރާލުމާއިއެކު ހާޒިމްގެ ކޮނޑުގައި ޖަހާލިއެވެ. އަދި ހާޒިމްއަށް ހިނިތުންވެލަމުން އެބައަންނަން ކަމުގައި ބުނެ ދުރަށް ހިނގައިގަތެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު