ވެސްޓް ބެންގާލްގެ އިންތިހާބުން މޯދީގެ ބީޖޭޕީއަށް ނާކާމިޔާބީ

ވެސްޓް ބެންގާލްގެ އިންތިހާބުން ކުރި ހޯދީ ޗީފް މިނިސްޓަރު މަމަތަ ބަނެރުޖީގެ ޕާޓީން -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 2): އިންޑިއާގެ ވެސްޓް ބެންގާލްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުން އެގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ނާކާމިޔާބުވެއްޖެ އެވެ.

ވެސްޓް ބެންގާލްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް އިންތިހާބު ބޭއްވީ މިދިޔަ މާޗް މަހުގެ 27އިން މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް، ތަފާތު ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އަދި އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުން އެނގޭ ގޮތުގައި މަޖިލީހުގެ 294 ގޮނޑީގެ ތެރެއިން ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެ ސްޓޭޓުގައި މިހާރު ވެސް ވެރިކަން ކުރާ ޓްރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ)އިންނެވެ.

ޓީއެމްސީއަށް ލިބުނު 200 އަށް ވުރެ ގިނަ ގޮނޑިއާ އަޅާ ބަލާ އިރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް މިހާތަނަށް ލިބިފައި ވަނީ 77 ގޮނޑި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރި އެވެ. އެހެންކަމުން އެ ޕާޓީން ވަނީ އެ ސްޓޭޓުގެ މައި އިދިކޮޅު ޕާޓީގެ ޖާގަ ހޯދައިފަ އެވެ. އަދި އެއީ 2016 ވަނަ އަހަރުގެ ސްޓޭޓް އިންތިހާބުން ބީޖޭޕީއަށް ލިބުނު ތިން ގޮނޑިއާ އަޅާ ބަލާ އިރު ބޮޑު ކުރި އެރުމެކެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސްއަށް 2016 ވަނަ އަހަރުގެ އިންތިހާބުގައި ވެސްޓް ބެންގާލްގެ ގާނޫނު ހަދާ މަޖިލީހުން 44 ގޮނޑި ލިބުނު ނަމަވެސް މިފަހަރު އެ ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދުނެވެ.

ޓީއެމްސީއަށް ލިބުނު ކާމިޔާބީއާ އެކު ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތަ ބަނެރުޖީއަށް ތިން ވަނަ ދައުރެއް ލިބޭނެކަން ވަނީ ގާތްގަނޑަަކަށް ކަށަވަރުވެފަ އެވެ. އޭނާ އަކީ މިހާރު އިންޑިއާގައި ޗީފް މިނިސްޓަރުކަން ކުރައްވާ ހަމައެކަނި އަންހެން ބޭފުޅާ އެވެ.

ބަނެރުޖީ ވިދާޅުވި ގޮތުގައި މިހާރު ވެސްޓް ބެންގާލްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 އެވެ. ނަމަވެސް އެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި މޯދީ ވަނީ ބަނެރުޖީއަށް މަރުހަބާ ވިދާޅުވެ، ވެސްޓް ބެންގާލްގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށާއި ކޮވިޑް-19އިން އަރައިގަތުމަށް މައި ސަރުކާރުން ވެވެން އޮތް ހުރިހާ އެހީއެއް ވެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މާޗް މަހާއި އޭޕްރިލް މަހު ވެސްޓް ބެންގާލް އާއި އިތުރު ހަތަރު ސްޓޭޓެއްގައި ކުރިއަށް ގެންދިޔަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މޯދީ އާއި ބީޖޭޕީން ވަނީ ވަރުގަދަ ކެމްޕޭން ހަރަކާތްތައް ބާއްވާފަ އެވެ. އެއީ އިންޑިއާގައި އޭރު ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރެމުން ދަނިކޮށެވެ. އަދި ސިޔާސީ އެއްވުންތަކުގައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ނުދީ، މާސްކު ނާޅާ ތިބުމަށް ފުރުސަތު ދިނުމުން މޯދީގެ ސަރުކާރަށާއި އިލެކްޝަން ކޮމިޝަނަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

ވެސްޓް ބެންގާލްގެ އިތުރުން ދެން މަޖިލިސް އިންތިހާބު ބޭއްވި އައްސާމުގައި ބީޖޭޕީގެ އެލަޔަންސުން ވަނީ 75 ގޮނޑިއާ އެކު، މީގެ ކުރިން ވެސް އޮތް އަގުލަބިއްޔަތު ދިފާއުކޮށްފަ އެވެ. އެ އިންތިހާބުގައި ބީޖޭޕީއާ އެންމެ ގާތުން ވާދަ ކުރި، ކޮންގްރެސް ޕާޓީ ހިމެނޭ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ)އަށް ލިބުނީ 50 ގޮނޑި އެވެ.

އައްސާމްގެ އިތުރުން ދެން އިންތިހާބުތައް ބޭއްވި ޕުޑުޗެރީން ވެސް ކުރި ހޯދީ ބީޖޭޕީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިންނެވެ. އެގޮތުން ޕުޑުޗެރީގެ 30 ގޮނޑީގެ ތެރެއިން 16 ގޮނޑި އެންޑީއޭއަށް ލިބުނު އިރު ޔޫޕީއޭއަށް ލިބުނީ އަށް ގޮނޑި އެވެ. އެއާ ހިލާފަށް 2016 ވަނަ އަހަރުގެ އިންތިހާބުގައި އެންޑީއޭއަށް ގޮނޑިއެއް ނުލިބޭ އިރު ޔޫޕީއޭއިން 29 ގޮނޑި ހޯދި އެވެ.

ދެން އިންތިހާބު ބޭއްވި ކެރަލާއިން ކުރި ހޯދީ މިހާރު ވެސް އެ ސްޓޭޓުގައި ވެރިކަން ކުރާ ލެފްޓް ޑިމޮކްރެޓިކް ފްރޮންޓް އެލަޔަންސުންނެވެ. އެއީ 91 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އަދި ކޮންގްރެސް ޕާޓީ ހިމެނޭ ޔޫޑީއެފް އެލަޔަންސުން 40 ގޮނޑި ހޯދި އިރު އެންޑީއޭއަށް ގޮނޑިއެއް ނުލިބެ އެވެ.

ފާއިތުވި ދެ މަސް ތެރޭ މަޖިލިސް އިންތިހާބު ބޭއްވި ފަސް ވަނަ ސްޓޭޓަކީ ޓަމިލް ނާޑޫ އެވެ. އެ ސްޓޭޓުގައި ގިނަ އަހަރުތަކެއް ވަންދެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޑީއެމްކޭ އިން ވަނީ މިފަހަރު ބޮޑު ތަފާތަކުން އަގުލަބިއްޔަތު ހޯދައިފަ އެވެ. އެއީ 234 ގޮނޑީގެ ތެރެއިން 157 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އަދި މިހާރު ވެރިކަމުގައި އޮތް އޭއައިއޭޑީއެމްކޭ އެލަޔަންސަށް ލިބުނީ 74 ގޮނޑި އެވެ.

ޓަމިލް ނާޑޫގައި ފާއިތުވި ދެ ދައުރުގައި އޭއައިއޭޑީއެމްކޭ އިން މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔަލަލީތާ އިސްވެހުންނަވައިގެންނެވެ. ނަމަވެސް ޖަޔަލަލީތާ ވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2016 ވަނަ އަހަރު އަވަހާރަވެފަ އެވެ. އެއަށް ފަހު އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އޭއައިއޭޑީއެމްކޭގެ ލީޑަރު ކަމާ ދެން ހަވާލުވެވަޑައިގެންނެވި އެޑަޕަޑީ ޕަލަނިސުވާމީ އެވެ.

އިންޑިއާގައި އެ އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ކޮވިޑްގެ ކޭސްތަކާއި މަރުތައް ވަނީ ރެކޯޑު އަދަދުތަކަށް އަރައިފަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެގައުމުން ވަނީ އެއް ދުވަސް ތެރޭ ހަތަރު ލައްކައަށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރި ފުރަތަމަ ގައުމަށްވެފަ އެވެ. އަދި އިއްޔެ އަކީ އެގައުމުން ބައްޔާ ގުޅުން ހުރި އެންމެ ގިނަ މަރުތައް ރިޕޯޓު ކުރި ދުވަހެވެ. އެއީ 3،689 މަރެވެ.

އިންޑިއާއިން މިހާތަނަށް ފެނުނު ކޮވިޑް-19އިގެ ކޭސްތަކުގެ އަދަދު މިހާރު 19.6 މިލިއަނަށް އަރައި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 216،000 ހުރަސްކޮށްފަ އެވެ.

comment ކޮމެންޓް