ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ"ގެ ނަން އެހެން ނަމަކަށް!

ސަލްމާން ޚާން---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ނަން ބަދަލުކުރަން ނިންމާފައިވާ ކަމަށް ފިލްމުގެ ޓީމުން ހާމަކޮށްފި އެވެ.

ސާޖިދު ނަޑިއަދްވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ނިންމީ މިހާރު އެ ފިލްމުގެ ނަމާ ދީންތަކާ ގުޅުވައިގެން މައްސަލަ ނުކުމެދާނެތީ އެވެ. މުސްލިމުން ފާހަގަ ކުރާ އީދުގެ ނަން ފިލްމުގައި ހިމެނިފައިވާއިރު ހިންދޫން މީހުން ފާހަގަކުރާ ދިވާލީގެ ނަން ވެސް ފިލްމުގައި ހިމެނެ އެވެ. އެހެން ކަމުން ނުކުމެދާނެ މައްސަލައަކަށް ވިސްނުމަށް ފަހު ނަން ބަދަލުކުރަން ނިންމީއެެވެ.

އިންޑިއާގައި ފިލްމީ ކަންކަމާ ގުޅުވައިގެން ގްރޫޕުތައް ނުކުމެ އެ ފިލްމުތައް ބޮއިކޮޓްކުރަން ގޮވުމަކީ އާންމުކަމެކެވެ. ފިލްމެއްގެ ނަން ކަމުނުދިޔަ ނަމަވެސް އެކަމާ ހަރުތާލުކޮށް އެ މައްސަލަ ކޯޓަށް ހުށައަޅާ ފަހަރު ވެސް އާދެ އެވެ.

މި ފިލްމުގެ ނަން ބަދަލުކުރަން ނިންމި ނަމަވެސް ފިލްމަށް ކިޔާނެ ނަމެެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެ ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ. މި ފިލްމަކީ ޕޫޖާ އާއި ސަލްމާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ. މި ފިލްމުގައި ބިގްބޮސް 13ގެ ރަނަރަޕް އާސިމް ރިޔާޒު ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ޚަބަރުތައް ބުނާގޮތުގައި އާސިމް މި ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ތަރި ސަލްމާން ޚާންގެ ކޮއްކޮގެ ރޯލުން ކަމަށެވެ.

comment ކޮމެންޓް