މާލެ ދަތުރުކުރާ ދޯންޏެއްގެ ފަޅުވެރިއަކު ޕޮޒިޓިވްވެ، ހިމަންދޫ މޮނިޓަރިން އަށް

ހިމަންދޫ -- ފޮޓޯ: އެމްޓީސީސީ

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އއ. ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހިމަންދޫ ކައުންސިލްގެ ނައިބު ރައީސް, ޒައިނަލް އިބާދު 'ސަން' އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވެފައި ވަނީ މާލެ ދަތުރުކުރާ ދޯންޏެއްގައި އުޅޭ މީހެއް ކަމަށެވެ.

އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކުރީ ރަށު ތެރެއިން ރެންޑަމް ސާމްޕަލް ނެގި އިރު ކަމަށް ޒައިނަލް އިބާދު ވިދާޅުވި އެވެ.

"ނެގި ސާމްޕަލް ޓެސްޓް ކުރިއިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި،" އޭނާ ވިދާޅުވި އެވެ.

ޒައިނަލް ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި ގާތްގަނޑަކަށް 15 މީހަކު ދެނެގަނެވިފައިވާ ކަމަށާއި، އެމީހުންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

ހިމަންދޫ އިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ އޭނާ އެކަންޏެވެ. ރަށް މޮނިޓަރިން އަށް ލީ ނަމަވެސް، ރަށުގެ ހާލަތު އަދި ވަރަށް ރަނގަޅު ކަމަށް ޒައިނަލް ވިދާޅުވި އެވެ.

ކޮވިޑްގެ ކޭސްތައް ފެންނަ ރަށްތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ވެސް މިވަގުތު އޮތީ މޮނިޓަރިންގަ އެވެ. އަދި 22 ރަށެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ރާއްޖެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ އިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މިއަދު ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް