ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ ކުޅުދުއްފުށި ބަންދުކޮށްފި

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

ކުޅުދުއްފުށި ސިޓީން ފްލޫ ކްލިނިކަށް ދެއްކި މީހަކާއެކު ޖުމްލަ ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވެފައި ވަނީ އެއް އާއިލާއެއްގެ ބައެކެވެ. ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމާމާތްތަކާއެކު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާ ޕޮޒިޓިވްވުމުން ސާމްޕަލް ނެގިި ދެ ކޮންޓެކްޓުން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެ ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ވަނީ ގެންގޮސްފަ އެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކޭސްތަކާ ގުޅުން ހުރި އިތުރު މީހުންގެ ސާމްޕަލްތައް މިއަދު ނެގޭނެ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެ ސިޓީގެ ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ފެންނަ ރަށްތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ކުޅުދުއްފުށި ސިޓީގެ އިތުރުން، އައްޑޫ ސިޓީ ވެސް މިވަގުތު އޮތީ މޮނިޓަރިންގަ އެވެ. އަދި 22 ރަށެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ރާއްޖެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ އިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މިއަދު ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް