މުޒާހަރާ ރޫޅާލިގޮތް ބަލަން ސީޕީ އަމުރުކޮށްފި

ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ ބެލުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަމުރު ކުރައްވައިފި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަން ބަލަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން މަސައްކަތް ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސިޕީ ވިދާޅުވީ ރޭގެ މުޒާހަރާ ރޫޅާލި ގޮތާމެދު އަންމުންގެ ކަންބޮޑުވުން އެބަހުރިކަމަށާއި މުޒާހަރާ ކޮންޓްރޯލުކުރުމަށް ފުލުހުން ރޭ އަމަލު ކުރީ ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިންތޯ ބަައްލަވާނެ ކަމަށެވެ.

ރޭގެ އެއްވުން ކޮންޓްރޯލު ކުރުމުގައި ފުލުހުން އަމަލުކުރީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަލައި، އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

comment ކޮމެންޓް