އައްޑޫގެ އަވަށްތަކުގެ މެދުގައި ދަތުރު ނުކުރަން އަންގައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގެ އަވަށްތަކުގެ މެދުގައި ދަތުރުކުރުން ހުއްޓާލަން އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިން އަށް ލާފައިވާތީ، އެ ސިޓީގައި އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓާލާ، އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ އޮފީސްތަކުގައި އާންމުކޮށް ހިދުމަތް ދިނުން ހުއްޓާލާ، އޮންލައިންކޮށް ހިދުމަތް ދޭން ފަށަން ވަނީ އަންގައިފައެވެ. އަދި އައްޑޫ ސިޓީގައި ޕާޓީތަކާ ހަފްލާތައް ބޭއްވުން ހުއްޓާލާ، ގިނަ މީހުން އެއްވެގެން ބާޢްވާ ރޯދަވީއްލުންތައް ހުއްޓާލަންވެސް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާ،ޓެކްސީތަކާ، ޖިމްތަކާ ސެލޫންތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތް ދޭން ވަނީ އަންގައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިސްކިތަށް ދާއިރު ވުޟޫކޮށްގެން ދިޔުމަށާއި ނަމާދު ކުރަން އަމިއްލަ މުސައްލަ ގެންދިޔުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

އައްޑޫ ސިޓީ މޮނިޓަރިން އަށް ލާފައިވަނީ އިއްޔެ އެވެ. އެއީ ފޭދޫ އިން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނިގެން މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ވެސް އެސިޓީ ވަނީ މޮނީޓަރިން ހާލަތައް ގެންގޮސްފަ އެވެ. މަސް ދުވަސް ފަހުން، އައްޑޫގެ މޮނިޓަރިން އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

comment ކޮމެންޓް