މުޅި އިންޑިއާ ފުރަބަންދުކޮށްގެން ނޫނީ އެގައުމުން ކޮވިޑް ކޮންޓްރޯލް ނުކުރެވޭނެ: ފައުޗީ

އެންތަނީ ފައުޗީ

ވޮޝިންޓަން (މޭ 2) : އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއް ހިމެނޭ ގޮތަށް މުޅި ގައުމު ފުރަބަންދަކަށް ގޮސްގެން މެނުވީ އިންޑިއާގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ފެތުރެމުންދާ ކޮވިޑް-19ގެ ވައިރަސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްހަތާބެހޭ މުސްތަޝާރު އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "އިންޑިއަން އެކްސްޕްރެސް" އަށް ދެއްވި ބަސްދީގަތުމެއްގައި ފައުޗީ ވިދާޅުވީ އިންޑިއާގެ ހާލަތާމެދު އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއް ހިމެނޭ ގޮތަށް މުޅި ގައުމު ފުރަބަންދަކަށް ގޮސްގެން މެނުވީ އެގައުމުގައި ދެން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމުގައެވެ. މިދިޔަ އަހަރު އިންޑިއާއިން ދިގުމުއްދަތަކަށް ގައުމު ފުރަބަންދު ކުރިނަމަވެސް މިފަހަރު ތަންކޮޅެއް ކުރުމުއްދަތަކަށް ފުރަބަންދު ކުރެވިދާނެ ކަމަށް ފައުޗީ ވިދާޅުވި އެވެ.

އިންޑިއާއަކީ ފަގީރުން ގިނަ އަދި އާބާދީގެ ގިނަ ބަޔަކު ވަރަށް ދަތިހާލުގައި އުޅޭ ފަގީރު ގައުމަކަށްވާތީ މުޅި ގައުމު ފުރަބަންދުކުރުމަކީ އިންޑިއާގައި ހައިހޫނުކަން އާންމުވެ ހައިހޫނުކަމުގައި މީހުން މަރުވާ ހިސާބަށް ވެސް ކަންތައް ހިނގައިދާނެ ގައުމެއްކަމަށް އެގައުމުގެ ސަރުކާރުން ދެކެ އެވެ. މިހެން ދިމާވަނީ އިންޑިއާގެ ގިނަ ބަޔަކު ބަނޑުފުރާނަ މުއްތިކުރަނީ އެދުވަހަކު ކުރާ މަސައްކަތުން ލިބޭ އެއްޗަކުން ކަމަށްވާތީއެވެ.

ފައުޗީ ވިދާޅުވި ގޮތުގައި އިންޑިއާއިން ފެނިގެން އުޅޭ ކޮރޯނާ ވައިރަސްގެ ޑަބަލް މިއުޓަންޓް ވޭރިއަންޓަކީ އާދަޔާ ޚިލާފަށް ބާރުގަދަ ވައިރަސްއެއްކަމަށް ބެލެވެ އެވެ. އެ ވައިރަސް ފެތުރޭ މިންވަރު މައިތިރިކުރެވޭނީ ކުރުމުއްދަތަކަށް ނަމަވެސް ވަރުގަދަ ފުރަބަންދަކަށް ގޮސްގެންނެވެ.

އިންޑިއާގެ ކޮވިޑް ހާލަތާ ގުޅިގެން މުޅި ދުނިޔެ ގެންދަނީ އިންޑިއާ އެކަހެރި ކުރަމުންނެވެ. އަދި އިންޑިއާގައި ތިބޭ ބޭރުގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ގެންދަނީ އެގައުމުން ފައިބަމުންނެވެ. އިންޑިއާގައި ކޮވިޑް-19ގެ ވައިރަސް އާދަޔާ ޚިލާފަށް ފެތުރި އެގައުމުން ދުވާލެއްގެ މައްޗަށް ހަތަރު ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެ 3000 އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވަމުންދާ އިރު މުޅި ގައުމުގައި އޮތީ ހިތާމައާއި ވޭނާއި ކެކުޅުމާއި ކަންބޮޑުވުމެވެ.

ކޮވިޑްގެ ކާރިސާގެ ޒިންމާ އިންޑިއާގެ ސްޓޭޓްތަކުން ވެސް މިހާރުވަނީ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރާއި އޭނާގެ ޕާޓީކަމަށްވާ ބީޖޭޕީގެ ބޮލުގައި އަޅުވަން ފަށާފަ އެވެ. މިއިދިޔަ އަހަރު ކޮވިޑްގެ ކޭސްތައް އިންޑިއާއިން ފެނުނު ދުވަސްވަރު މޯދީގެ ހިންދޫ ހަރުކަށި ފިކުރުގެ ޕާޓީ ކަމަށްވާ "ބީޖޭޕީ"ގެ މަސްއޫލުވެރިން އެކަމުގެ ޒިންމާ އަޅުވާފައި ވަނީ އިންޑިއާ މުސްލިމުންގެ ބޮލުގަ އެވެ.

މުސްލިމުން އިންޑިއާގެ ބާޒާރުތަކުގައިވާ ތަރުކާރީ އާއި މޭވާތަކަށް ކުޅުހަޖައި ކޮވިޑް ފަތުރަން މަސައްކަތްކުރާ ކަމަށް ބުނެ ބީޖޭޕީގެ ލީޑަރުން ވަނީ މުސްލިމުންނާ ދެކޮޅަށް ތެދުވުމަށް ހަރުކަށި ހިންދޫންނަށް ހިއްވަރު ދީފަ އެވެ. މީގެ އިތުރުން މުސްލިމުން ޖަމާއަތުގައި ނަމާދުކުރަނީ ވެސް ކޮވިޑް ފަތުރަންކަމަށް ބުނެ މިސްކިތްތައް ބަންދުކޮށް މުސްލިމުން ބަދުނާމު ކުރި އެވެ. ނަތީޖާއަކަށްވީ އެވާހަކަތައް ގަބޫލުކޮށްގެން އެދުވަސްވަރު ހަރުކަށި ހިންދޫން މުސްލިމުންނަށް އެތައް ގޯނާތަކެއްކޮށް މުސްލިމުންނަށް އަނިޔާކޮށް އެތައް މުސްލިމުންނެއް މަރާލުމެވެ.

ނަމަވެސް އޭގެ އަހަރެއްފަހުން ހާލަތުވަނީ 180 ޑިގްރީ އަނެއްކޮޅަށް ޖަހައިފަ އެވެ. މިހާރު އިންޑިއާގައި ކޮވިޑް ފެތުރުމުގެ ޒިންމާ ހުރިހާ ފަރާތްތަކަކުން ވެސް އަޅުވަނީ މުސްލިމުންނަށް ގޯނާކުރާ ހަރުކަށި ހިންދޫންގެ ބޮލުގަ އެވެ. އެތައް މިލިޔަން ބަޔަކު ބައިވެރިވެރިވާ ގޮތަށް ހިންދޫންގެ ދީނީ އެތައް ހަފްލާތައް ބާއްވައިގެން މުޅި އިންޑިއާގައި ކޮވިޑް ފެތުރިކަމުގެ ތުހުމަތު ކުރެވެނީ ބީޖޭޕީއަށް ނިސްބަތްވާ ހަރުކަށި ހިންދޫ ލީޑަރުންނަށާއި އެމީހުންނަށް ތަބާވާ ހަރުކަށި ހިންދޫންގެ މައްޗަށެވެ.

ކޮވިޑް ފެތުރޭ މައްސަލަ އިންޑިއާގައި ސިއްހަތާބެހޭ ކާރިސާއަކަށް ވުމާ ގުޅިގެން އިންޑިއާގެ އާންމު ހާލަތު އިންތިހާއަށް ގޯސްވެ އިގްތިސާދު ހީނަރުވަމުންދާތީ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށާއި އޭނާގެ ސަރުކާރަށް ވަނީ އިންޑިއާގެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ނުރުހުމާއި ފިއްތުންތައް އަމާޒުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް