ބޮޑު ހުކުމެއް: އެއްބަސްވުމުގައި ޖަހައިގެން އާދައާ ހިލާފު ބަދަލުތަކެއް ނަގައިނުދެވޭނެ

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

އެއްބަސްވުމުގައި މާއްދާތައް ހިމަނައިގެން، އާދައާ ހިލާފު ބޮޑެތި ބަދަލުތަކެއް ނަގައިނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ބޮޑެތި ޕަސެންޓޭޖުތަކުން ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވުންތައް ހަދާފައި ހުރެ އެވެ. އަދި އެއްބަސްވުމާ ހިލާފުވާ ހާލަތްތަކުގައި އެ ފައިސާ ނުދައްކައިގެން އެތައް މިލިއަން ރުފިޔާ ހޯދަން ކޯޓުގައި ބައެއް މީހުން ދައުވާވެސް ކުރެ އެވެ.

އެ ގޮތަށް ބޮޑެތި ބަދަލުތައް ނަގައި ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުުކުމް ކުރީ، ކުންފުންޏެއްގައި އޮތް މީހެއްގެ ހިއްސާ އެހެން މީހަކަށް ވިއްކުމަށް ހެދި އެއްބަސްވުމެއްގައި ފައިސާ ދައްކަން އޮތް މުއްދަތުގައި ފައިސާ ނުދެއްކުމުން އެރި ޖޫރިމަނާ ހޯދަން ކުރި ދައުވާގެ މައްސަލައެއްގަ އެވެ. އަދި 700،000 ޑޮލަރުގެ ހިއްސާ ގަންނަން ހެދި އެ އެއްބަސްވުމުގައި އޮތީ ފައިސާ ނުދައްކައި ދާ ކޮންމެ 10 ދުވަހަކަށް ނުދައްކައިވާ ފައިސާއަށް 10 ޕަސެންޓު އިތުރުވާނެ ކަމަށެވެ.

އެ މައްސަލައިގައި އަހުމަދު ޖަނާހު މޫސާ އަލި މަނިކުގެ މައްޗަށް ދައުވާ ކުރީ އޭނާ ދައްކަން ޖެހޭ 346،500 ޑޮލަރާއި އޮކްޓޯބަރު 31، 2016ގެ ނިޔަލަށް ފައިސާ ދައްކާފައި ނުވުމުން އަރާފައިވާ 5.26 މިލިއަން ޑޮލަރުގެ ޖޫރިމަނާއާއެކު ޖުމްލަ 5.61 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ވެސް ހުކުމް ކުރީ ޖަނާހުއާ އެއްކޮޅަށެވެ. ހުކުމް ކުރީ ނުދައްކައިވާ 346،500 އާއި ޖޫރިމަނާގެ ގޮތުގައި 700،000 ޑޮލަރު ދެއްކުމަށެވެ.

ބުރާސްފަތި ދުވަހު ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ އެފަދަ މައްސަލަތަކުގައި އެއްބަސްވުމުގައި ނަގައިދޭން އެދޭ ފައިސާއަކީ، އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ނަގައި ދެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްގެން، ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޕެނަލްޓީ ކްލޯސްއެއް ހިމަނައިގެން ނަގާ ފައިސާކަން ބެލިދާނެ ކަމަށެވެ.

ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ނަގައިދެވޭނީ އެއްބަސްވުމާ ހިލާފު ކަމެއް ކޮށްފި ނަމަ ލިބިދާނެ ގެއްލުމެއް ފޫބެއްދޭނެ މިންވަރަކަށް ކަމަށް ހުކުމުގައިވެ އެވެ.

ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކްލޯޒްއެއްގެ މައްޗަށް ކަމުގައިވާނަމަ އާންމު އުސޫލުން އެފަދަ ބަދަލެއް ނަގައި ނުދެވޭނެ ކަމަށާއި، އަދި އެކަމުގެ މައްޗަށް އެއްބަސްވެފައިވާ ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ބަދަލު ނަގައިދިނުމުގެ ކުރިން ލިބިދެވޭ ކަމަށް އެއްބަސްވެފައިވާ މިންވަރަކީ އުގޫބާތެއްކަން ނުވަތަ ނޫންކަން ކޯޓުން ވަޒަން ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.

އެ މާއްދާގެ ދަށުން ހޯދަން އެދޭ މިންވަރަކީ ހަގީގަތުގައި ވެސް ލިބިދާނެެ ގެއްލުމެއްތޯ ވަޒަން ކުރެވިދާނެ ކަމަށް އެ ރައުޔުގައިވެ އެވެ. އަދި ބަދަލު ނެގުމާ ގުޅޭ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ނަމަ އެއީ ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭނެ ފައިސާއެއް ނޫން ކަމަށްވެ އެވެ.

އޭނާގެ ރައުޔުގައި ވަނީ އެ މައްސަލައިގައި ހިމެނޭ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ކަނޑައަޅުއްވައިފަ އެވެ. އަދި ހިއްސާގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 346،500 ފިޔަވައި އެހެން އެއްޗެއް ދައްކަން ނެތް ކަމަށް ނިންމެވި އެވެ.

ގެއްލުމުގެ ބަދަލަކީ އެއްބަސްވުމާ ހިލާފުވުމުން ލިބޭ ގެއްލުން ނަގައިދިނުން ކަމަށް ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ދުނިޔޭގެ މަޝްހޫރު ހުރިހާ ގާނޫނީ ނިޒާމުތަކުގައި ވެސް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގައި އެއްބަސްވުމާ ހިލާފުވާ ހާލަތުގައި ނަގާނެ ގެއްލުމުގެ ބަދަލު އެ ބަދަލު ކޯޓުން ނަގައިދެނީ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ނުވަތަ ލިބިދާނެ ކަމަށް އެއްބަސްވުމުގެ ބައިވެރިންނަށް އެނގޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫންކަމާއި، ނަގައި ދެވޭ އަދަދަކީ އެ ގެއްލުމާ މުނާސަބު އަދެއްކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށްވެސް އެ ރައުޔުގައިވެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ނުވަތަ ޕެނަލްޓީ ކްލޯޒްއެއްގެ ދަށުން ނަމަވެސް ނަގައިދޭންޖެހޭ ބަދަލުގެ މިންވަރަކީ އާދަޔާ ހިލާފަށް ބޮޑު ބަދަލެއް ނަމަ، ކޯޓުން އެ މިންވަރު ކުޑަކުރާކަން ވެސް އެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ.

އެ މާއްދާއަކީ އެކަށީގެންވާ އަދަދެއް ހޯދަން ހިމަނާފައިވާ މާއްދާއެއް ނަމަ ނުވަތަ އެއީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ބާރު އަޅާ މާއްދާއެއް ނަމަ އެއީ ޕެނަލްޓީ ކްލޯޒްއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ނުވަތަ އަދަބު ދިނުމަށްޓަކައި ހިމަނާފައިވާ މާއްދާއެއްކަން ކަނޑައެޅިއްޖެ ނަމަ، އެ މާއްދާ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒުކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމު ކަމެއް ނޫން ކަމަށްވެސް އެ ރައުޔުގައިވެ އެވެ.

އެފަދަ އެއްބަސްވުންތައް ހަދައިގެން ޕެނަލްޓީ ކްލޯޒްގެ ދަށުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މައްސަލަ ކޯޓަށް ހުށަނާޅައި ލަސް ކުރެވިދާނެކަންވެސް ހުކުމުގައި ފާހަގަކުރި އެވެ. އަދި އެކި ގޮތްގޮތުން ލަސްކޮށްގެން އެ މާއްްދާގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވިގެންދާކަން ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޝުޖޫން ހުކުމް ކުރެއްވީ އެ އެއްބަސްވުމުގައި އޮތީ ޕެނަލްޓީ ކްލޯޒްއެއް ކަމަށެވެ. އެހެންކަމުން، އެ ކްލޯޒްގެ ދަށުން އެއްވެސް ފައިސާއެއް ދައްކަން ހުކުމް ނުކުރެވޭނެ ކަމަށާއި، ހަމައެކަނި ނެގޭނީ، އަސްލު ނުދައްކައި ހުރި 346،500 ޑޮލަރު ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކުރި އެވެ.

comment ކޮމެންޓް