މިދިޔަ އަހަރު 633.9 މިލިއަން ޑޮލަރު ވިއްކި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 2020 ވަނަ އަހަރު އެމްއެމްއޭ އިން 633.9 މިލިއަން ޑޮލަރު (9.7 ބިލިއަން ރުފިޔާ އަށް ވާ ވަރަށް) ޑޮލަރު ވިއްކާފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

އެމްއެމްއޭ ގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު ވިއްކި ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. ކޮވިޑް19 އާއި ގުޅިގެން ދިާވި ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް އެމްއެމްއޭ އިން ޑޮލަރު ވިއްކި މިންވަރު މިދިޔަ އަހަރު އިތުރު ކުރި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެންމެ ގިނަ އަދަދެއްގެ ޑޮލަރު ވިއްކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަމަށާއި އެގޮތުން އެ ކުންފުނިތަކުގެ އޮޕަރޭޝަނަށް ބޭނުންވާ ކަންތައް ކުރުމަށް ބޭނުންވާ ޑޮލަރާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މަސައްކަތް ކުރުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު 392.8 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މިއީ މިދިޔަ އަހަރު އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ 62 ޕަސެންޓު ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ނަމަވެސް މިދިޔަ އަހަރު އެސްއޯއީ ތަކަށް ވިއްކި ޑޮލަރުގެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެ ޕަސެންޓު އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ބޭންކުތަކަށް މިދޔަ އަހަރު ދޫކުރި ޑޮލަރުގެ އަދަދުވެސް އިތުރު ކުރި ކަމަށާއި، ބޭންކު ތަކަށް މިދިޔަ އަހަރު 241.1 މިލިއަން ޑޮަލަރު ވިއްކި ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މިއީ އޭގެ ކުރީ އަހަރު އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކި ޑޮލަރަށް ވުރެ ހަ ޕަސެންޓު އިތުރު އަދަދެއްކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރު ބޭންކުތަކަށް ވިއްކި ޑޮލަރުގެ ތެރޭގައި ހިމެނެނީ ކޮންމެ ހަފްތާ އަކު އެއްފަހަރު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ގޮތުގައި 171 މިލިއަން ޑޮލަރާއި، ރާއްޖެއިން ބޭރަށް ބޭސް ފަރުވާ އަށާއި ތައުލީމު ހާސިލްކުރުމަށް ދާ މީހުންނަސް ވިއްކި 14.1 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުގައި ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓި، އިގްތިސޯދަށޤ މަޑުޖެހުން އައުމާއެކު ބޭރު ފައިސާގެ ދަތިކަން ކުރިމަތިވި އެވެ. އެއާއެކު ތަކެތީގެ އަގު އުފުލެން ފަށައި، ކަޅުބާޒާރު ގައި ޑޮލަރުގެ އަގުވެސް އިންތިހާ އަށް އުފުލުނެވެ.

comment ކޮމެންޓް