އެތުލެޓިކޯގެ ނިދި އަރާމެއް ނުވި، ރެއާލުން ފަހަތުގައި ވިއްދާފައި!

ރެއާލްމެޑްރިޑްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑާއި، ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވެ، އެއްވަނައިގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެއްޖެ އެވެ.

ސީޒަނުގެ ފަހު އަތަށް އަޅާލި އިރު، އެއްވަނައިގެ ވާދަވެރިންގެ ގޮތުގައި ހަތަރު ޓީމެއްގެ ގަދަހިފުމެއްގައި އޮތް އިރު، މިވަގުތު އެއްވަނައިގައި އޮތް ތުލެޓިކޯ މެޑްރިޑުން ރަށުންބޭރުގައި 1-0 އިން އެލްޗޭ ވަނީ ބަލިކޮށްފަ އެވެ. އެ މެޗު ނިމުނުތާ މާގިނަ އިރުތަކެއްނުވަނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން އޮސަސޫނާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެތަކުގެ ނަތީޖާއާ އެކު އެތުލެޓިކޯ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާ އެކު އޮތީ 34 މެޗުން 76 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 34 މެޗުން 74 ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި ބާސެލޯނާ އޮތީ 33 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވަނީ 33 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

އެތުލެޓިކޯއިން ހަނި މޮޅެއް ހޯދި ރޭގެ މެޗުގައި މެޗުގެ 23 ވަނަ މިނެޓުގައި މާކޮސް ޔޮރެންޓޭ ވަނީ ލަނޑެއް ޖަހައި، އެތުލެޓިކޯއަށް ލީޑު ނަގައިދީފަ އެވެ. އެއަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، އެތުލެޓިކޯއަށް ދެން އޮތީ ލީގު ރޭހުގެ އެންމެ މުހިއްމު މެޗެވެ. އެ މެޗުގައި އެ ޓީމުން ވާދަކުރާނީ ތިންވަނާގައި އޮތް ބާސެލޯނާއާ ދެކޮޅަށެވެ.

އަނެއްކޮޅުން ރޭ ރެއާލުން ކުޅުނު މެޗުގައި އެ ޓީމުން ގޯލުތަށް ޖެހީ މެޗު ނިމެންދަނިކޮށެވެ. މެޗުގެ 76 ވަނަ މިނިޓްގައި އިސްކޯ ނެގި ކޯނަރަކުން ރެއާލަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރެއާލް ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ކަރިމް ބެންޒެމާ ދިން ބޯޅައަކުން ކަސެމީރޯ ވަނީ ރެއާލަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ.

comment ކޮމެންޓް