ސަޖަލް ކޮޓަރިން ނުކުތްއިރު ރަޝާދު ނެތުމުންނާ އެ ގަޑީގައި ބަންގި ގޮވުމުން މިސްކިތަށ ދިޔައީކަން އޭނާއަށް އެނގުނެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ދޮރު ކައިރީގައި އޮތް ކަރުދާސްކޮޅެވެ. އޭނާ މަޑުމަޑުން ހިތެއްގެ ބައްޓަމަށް ފަތް ޖަހާފައިވާ ކަރުދާސްކޮޅު ނަގާ ބަލައިލިއެވެ. އޭގައި ކޮންމެވެސް އެއްޗެއް ލިޔެފައިވާހެން ހީވެ ސަޖަލް މަޑުމަޑުން އެ ގަނޑު ކޮޅު ނިއުޅުވާލާ އޭގައި އޮތް އެއްޗެއް ކިޔައިލިއެވެ.

"އަހަރެން ސަޖޫ ދެކެ ވަރަށް ލޯބިވޭ... އަހަރެން އިންތިޒާރުކުރާނަން..."

ގަނޑުކޮޅުގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލުމާއެކު އެއި ރިރުމާންގެ ކަމެއްކަން އޭނާއަށް އެނގުނެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ރިއުމާން އޭނާއަށް ކިތަންމެ ވަރަކަށް އިންތިޒާރުކުރިޔަސް އޭނާއަށް ހެވެ. އޭނާ ދެން ރިއުމާން ކައިރިއަށް ދާކަށް ބޭނުމެއް ނޫނެެވެ. ލޯތްބަކީ ކޮބައިކަމާއި އޮބްސެޝަން އަކީ ކޮބައިކަން ވަކިކުރަން އޭނާއަށް މިހާރު ވަރަށް ރަނގަޅަށް އެނގެއެވެ.

އެދުވަހު ހަވީރު ސަޖަލް އެންޖީއޯއަށް ގޮސްފައި ދެން އާދެވުނީ ރޭގަނޑެވެ. ނިދަން އެނދުގައި އޮށޯވެލުމަށްފަހު އޭނާ ފޯނު ނަގާ ފޭސްބުކަށް ވަދެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ދަތުރު ކުރީ އެނދުގެ އެއްފަރާތުގައި އޮތް ގަނޑުކޮޅަށެވެ. އެއީ ރިއުމާން މިއަދު އޭނާއަށް ދިން ގަނޑުކޮޅެވެ.

އެނަގާ އެއަށްބަލައިލި ސަޖަލްއަށް އަނެއްކާވެސް މާޒީގެ ޚިޔާލުތައް ވެރިވާން ފެށިއެވެ.

***

ރިއުމާންގެ އެކި އެކި އާދަތަކުން ސަޖަލްއާ ގަޔާވާކަށް އޭނާ އަންގަމުން ދިޔައެވެ. ސަޖަލްއަށް ވެސް އެކަން ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަން ނޭނގޭ ކަމަކަށް ހަދާލައިގެން ހުރީ އެހެން ނަޒަރަކުން ރިއުމާންއާ ދޭތެރޭ ދެކެން ބޭނުންނުވާތީއެވެ. އެހެންނަމަވެސް ރިއުމާން އޭނާ އާ ހެދި އުޅޭކަން އެނގި އޭނާގެ ހިތަށްވެސް ތަފާތު އިޙްސާސްތައް ވެރިވަމުން ދިޔައެވެ. މަޑުމަޑުން އޭނާއަށް ވެސް ރިއުމާން އާ ގަޔާވެވެމުން ދިޔައެވެ. އެކަން ސަޖަލް އޭނާގެ ހިތުގައި ރައްކާކުރީ ފަހަރެއްގައިވެސް އެކަން ރިއުމާންއަށް އަންނަން ބޭނުންނުވާތީއެވެ. ރިއުމާންއާ އޭނާއާ ދެމެދު ގުޅުމެއް އުފެދިއްޖެނަމަ އޮފީސްތެރޭގައި ދައްކާނެ ވާހަކައެއް އޭނާއަށް އެނގެނީއެއް ނޫނެވެ. އެހެންކަމުން ސަޖަލް ހުރީ އޭނާގެ ހިތުގައި އެ އިޙްސާސްތައް އަބަދުގެ އަބަދަށް ފޮރުވަން ހިތުލައިގެންނެވެ.

އެއީވެސް އާދައުގެ ދުވަހެވެ. ސަޖަލް އޮފީހުން އައިސް ގެއަށް ވަތްތަނާ ރިއުމާންގެ މެސެޖެއް އޭނާގެ ފޯނަށް އައެވެ. އެދިފައިއޮތީ އޭނާއާއެކު ކޮފީއަކަށް ދިޔުމަށެވެ. ސަޖަލް ވިސްނާލާފައި ނޫނެކޭ ބުނުމުންވެސް ރިއުމާން ކުރުނުކޮށް ކިޔަން ފެށިއެވެ. އެންމެ ފަހުން ސަޖަލް އެއްބަސްވިއެވެ. އޭނާއަށް ރިއުމާން އެވަރަށް ކިޔާތީ އެކަމާ ދެކޮޅު ހަދަން ނުކުރުނީއެވެ. ރިއުމާން ބުނީ އެރޭ އޭނާ ސަޖަލް ބަލާ އަންނާނޭ ކަމުގައެވެ. ސަޖަލް އާއެކޭ ބުނެލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އެރޭ އަށެއް ޖަހާއިރު ރިއުމާން ސަޖަލް ބަލާ އައެވެ. ސަޖަލް ބައްޕަ ގާތު އެކުވެރިޔަކާއެކު ދަނީކަމަށް ބުނެލުމަށްފަހު ގެއިން ނުކުތެވެ. އޭރު ރިއުމާން ކާރުގައި އައިސް އިނެވެ. ސަޖަލް ފެނުމާއެކު އޭނާ ކާރުގެ ލޯގަނޑު ތިރިކޮށްލިއެވެ.

"ސަޖަލް" ރިއުމާން ގޮވައިލިއެވެ.

ސަޖަލް އަނެއްފަރާތުން އައިސް ކާރަށް އެރުމާއެކު ރިއުމާން ކާރު ދުއްވައިލިއެވެ.

"ކޮންތާކަށް ދާނީ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"ސާރ އަށް ފެންނަ ކޮންމެ ތަނަކަށް ދިޔަޔަސް ރަނގަޅުވާނެ" ސަޖަލް ބުނެލިއެވެ.

"ހުޅުމާލެއަށް ދަމާ... ބީޗުގައި އިންނާނެ ކޮފީ ޕްލަސް ކިޔާ ދާދިފަހުން ހުޅުވި ހިތްގައިމު ރެސްޓޯރެންޓެއް" ރިއުމާން ބުނެލިއެވެ.

"އަހަންނަށް އެންމެ ރަނގަޅު" ސަޖަލް ބުނެލިއެވެ. ކާރުގައި ދިޔައިރުވެސް ރިއުމާންގެ ނަޒަރު އިރުއިރުކޮޅަކާ ސަޖަލްއަށް ހުއްޓޭކަން އޭނާއަށްވެސް އެނގެއެވެ. ސަޖަލް ލާފައިއިނީ މަޑު ފިޔާތޮށި ކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޖީންސްއެކެވެ. ތުންފަތުގައި ޖައްސާލާފައިވަނީ މަޑު ފިޔާތޮށި ކުލައެވެ.

"ޔޫ ލުކް ގޯޖަސް..." ރިއުމާން ސަޖަލްއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ސަޖަލްއަށް ލަދުވެތިކަމާއެކު އިސްޖަހައިލެވުނެވެ. އެވަގުތު އޭނާގެ ހިތަށް ވެރިވީ ބަޔާންކުރަން ދަތި އިޙްސާސްއެކެވެ. އޭނާގެ ހިތުގައި އުފާވެރިކަން ދައުރުވިކަން ރަމްޒުކޮށްދެމުން ދިޔައީ އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުމެެވެ. ހުޅުމާލޭ ރެސްޓޯރެންޓާ ހިސާބަށް ދެވެންދެންވެސް ވާހަކަ ދެއްކީ ރިއުމާންއެވެ ސަޖަލް ގިނަފަހަރު ހަމަ އެކަނި ރިއުމާން ބުނެލާ އެއްޗަކުން އާނ ހޫމް ކިޔާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.

"އަހަރެން ދެކެ ރުޅި އައިސްފަތަ؟ އެއްވެސް އެއްޗެއް ނުބުނެ ތި އިނީ؟" ސަޖަލްގެ އެ ހިމޭންކަމުން އުނދަގޫވެ އެންމެ ފަހުން ރިއުމާން ގޮވައިލިއެވެ.

"ރުޅިއެއް ނާދޭ... " ސަޖަލްގެ ޖަވާބު ކުރެވެ.

"އެހެންވިއްޔާ އެ ނިމުނީ..."

ރެސްޓޯރެންޓާ ހިސާބަށް އައިސް މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލުމަށްފަހު ރިއުމާން ސަޖަލްއާއެކު ގޮސް ރެސްޓޯރެންޓްތެރެއަށް ވަނެވެ. އެތަނުގައި ޖަހަފައި ހުރި ލުއި މިއުޒިކްގެ އަޑުން އެތަނަށް އިތުރު ދިރުމެއް ގެނެސްދީފައި ހުރިއިރު ހުރި އޮރެންގް އަލިކަމުގެ ސަބަބުން ތަން ފެންނަނީ ހުފަވެނީ ގޮތަކަށެވެ. ސަޖަލްއާއި ރިއުމާން އާ ދެމީހުން ގޮސް އިށީނީ އެއްފަރާތު ކަނާ ދިމާލުގައި ހުރި މޭޒުގައެވެ. އެތަނުގައި ތިބިއިރު ރީތިކޮށް ހުޅުމާލޭ ބީޗް ފެނެއެވެ.

"ސޯ ސަޖޫ... ޑޫ ޔޫ ލައިކް އޮފީސް؟" ވާހަކައެއް ދެއްކުމުގެ ބޭނުމުގައި ރިއުމާން ސުވާލުކޮށްލިއެވެ. ސަޖަލް ބޯ ޖަހައިލިއެވެ.

"އަހަރެން އެކަނިތަ ވާހަކަ ދައްކަން ޖެހޭނީ؟ ސަޖޫ ހަމައެއްވެސް އެއްޗެއް ނުބުނާނީތަ؟ އަހަރެން ބުނީމެއްނު އޮފީސް ބޭރުގައި އަހަންނަނީ އެކުވެރިއެއްގޮތަށް ދެކޭށޭ... އަހަރެންގެ މާގިނަ އެކުވެރިންނެއްވެސް ނުތިބޭނެ..." ރިއުމާން ބުނެލިއެވެ. އެއަށްފަހު އޭނާ ސަޖަލްއަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ސާރ... "

"ސާރ އެއްނޫން.. ރިއުމާން ނޫނީ މާން ކިޔާބަލަ! ކަމޯން... މީ އޮފީހެއް ނޫނެއްނު" ރިއުމާން ބުނެލިއެވެ. ވާހަކަ އެ ހިސާބަށް ދިޔަތަނާ ވެއިޓަރު މެނޫ ހިފައިގެން އައިސް ދިއްކޮށްލުމަށްފަހު ފެން ގެނެސްދިނެވެ. ސަޖަލް އަވަސް އަވަހަށް ތައްޓަށް ފެންއަޅާ ފެންފޮދެއް ބޮއިލީ އޭނާ ނުތަނަވަސްވީތީއެވެ. ރިއުމާންއާއެކު އާދެވުމަކީ އަނެއްކާ ރަނގަޅުކަމެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ކަމޯން ސަޖޫ... ތިހާ ނާވަސް ނުވެބަލަ! އޭނަ ނޫޅެޔޭ ކަމެއްކުރާކަށް..." ސަޖަލް އޭނާގެ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ސާރ. އެއްކަަލަ ޕްރޮޖެކްޓްގެ އެއްޗެހިތައް ހުންނާނެ މެއިލް ކޮށްލާފަ! ބަލައިލިންތަ؟"

"ސަޖޫ... މީ އޮފީހެއް ނޫނެއްނު... ހިންހަމަ ޖެހޭ ވަގުތު ކޮޅެއް ހޭދަކޮށްލަން އައިސް އޮފީހުގެ ވާހަކަ ދެއްކީމަޔޯ..." ރިއުމާން ބުނެލިއެވެ. ސަޖަލްގެ އަނގަ ވަގުތުން ބަންދުވިއެވެ.

"އެނީވޭޒް... ކޯންޗެއް ކާނީ؟" މެނޫއަށް ބަލަމުން ރިއުމާން ބުނެލިއެވެ. އެއާއެކު ސަޖަލް މެނޫއަށް ބަލަން ފެށިއެވެ.

އެެއްެޗެއް ކައި ނިންމާލައިގެން ކާރާ ދިމާލަށް ދިޔަ ސަޖަލްގެ ލޮލުގައި ނިހާލް އަޅައިގަތެވެ. ނިހާލްވެސް އިރުކޮޅަކު ސަޖަލްއަށް ބަލަން ހުރުމަށްފަހު އައިސް ކައިރިއަށް ހުއްޓިލިއެވެ. އެމަންޒަރު ފެނުނު ރިއުމާންއަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. ސަޖަލްވެސް ހުރީ ހިނިތުންވެލައިގެންނެވެ. ނިހާލް އައިސް ވާހަަކަ ދައްކާލާފައި ދޔުމުން ރިއުމާން އައިސް ސަޖަލް އޭނާއާއި ކާރާ ދެމެދު ހައްޔަރުކޮށްލިއެވެ.

"ސަޖޫ ކީއްވެތަ އެހެން މީހުންނާ ތިގޮތަށް ތިހާ ގާތްކޮށް ވާހަަކަ ދައްކަނީ؟ ވައި ނޮޓް މީ... " ރިއުމާންއަށް އެންމެ ފަހުން ބުނެވުނެވެ. އޭރު އޭނާގެ ދެލޮލުގައި ވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. ރިއުމާން ކުއްލިއަކަށް އެފަދަ އަމަލެއް ކުރުމުން ސަޖަލްއަށް ހިންދިރުވައިލެވުނެވެ. އޭނާގެ ނޭވާ ފުންވާން ފެށީ ރިއުމާން އޭނާއާ އެހާ ގާތުގައި ހުރުމުންނެވެ.

"ރިއުމާން މީހަކަށް ފެނިދާނޭ" ވަށައިގެން ބަލައިލުމާއެކު ސަޖަލް ބުނެލިއެވެ. އެތަން އަނދިރިކޮށް އޮތުމުން ނުފެންނާނެކަން އެނގިހުރެވސް އޭނާ އެހެން ބުނެލީ ހާސްވީ ވަރުންނެވެ.

"މީހަކަށް ފެނިދާނެތީތަ ސަޖަލް ބިރުގަންނަނީ؟ އެއީ އަހަރެންވީމަތަ؟ އަހަންނަށް ސަޖޫކަމުދާ ވަރު ނޭނގެނީތަ؟ އެހެންމީހުންނާ އެހާ ގާތްކޮށް ވާހަކަ ދައްކާތަން ފެނުނީމަ މިހިތަށް ވާގޮތް ސަޖޫއަށް ނޭނގެނީތަ؟ ނޫނީ އެނގެން ބޭނުންނުވަނީތަ؟ ކީއްވެ؟ ސަޖޫ... އަހަރެން އެބަ ވާހަކަ ދައްކަމޭ... ޖަސްޓް ޓޯކް ޓު މީ... ތެލް މީ ސަޖޫ... އަހަންނާ ދިމާލަށް ބަލާފަ ވާހަކަ ދައްކަބަލަ! "

ރިއުމާން ބުނެލިއެވެ. އެއާއެކު ސަޖަލްއަށް ލިބުނީ ހާސްކަމެވެ. އަނދިރިކަމުގެ ތެރެއަށް އޭނާގެ ލޯ ހޭނިލުމާއެކު ގޮށްޖެހިފައިވީ ރިއުމާންގެ ބުމައާއި އެ މޫނުމަތީގައި ވީ ރުޅިވެރިކަން ސަޖަލްއަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް ރިއުމާން ހިފެއްޓީ އޭނާގެ އަތުގައެވެ. އޭނާ ސަޖަލްގެ އަތަށް ދަމައިލުމާއެކު ސަޖަލް އައިސް ތަތްވީ ރިއުމާންގެ މޭމަތީގައެވެ. އެއާއެކު ސަޖަލްއަށް ތެޅިގަނެވުނެވެ.

"ޖަވާބު ދީބަލަ ސަޖޫ... ކީއްވެތަ ދުރަށް ތިދަނީ؟ އަހަރެން ލޯބިވާކަން ނޭނގޭތީތަ؟" ރިއުމާން އަނެއްކާވެސް އަހައިލިއެވެ. އެއާއެކު ސަޖަލްއަށް ލިބުނީ ހައިރާންކަމެކެވެ. މީގެ ކުރިން އެއްވެސް މީހަކު އެހާ ފާޅުކަން ބޮޑުގޮތެއްގައި އޭނާ ދެކެ ލޯބިވާ ވާހަކަ އެގޮތަށް ބުނެފައެއް ނުވެއެވެ. އޭނާ އަށް ރިއުމާންގެ އަތް ފޮޅުވައިލެވުނެވެ. ރިއުމާންގެ އަޑުގައިވި އަސަރުން އޭނާ ޖެހިލުންވިއެވެ.

"ރިއުމާން" ސަޖަލްއަށް ގޮވައިލެވުނެވެ.

"ކިހިނެއްވީ؟ ކީއްވެ ދުރަށް ތިދަނީ؟ އަހަންނަށް ކުޑަކޮށްވެސް އިތުބާރު ނުކުރަނީތަ؟ އަހަރެން ނޫޅެމޭ ސަޖަލްއަށް ކަމެއް ކުރާކަށް.... ޖަސްޓް ޓްރަސްޓް މީ ސަޖޫ..." ރިއުމާންގެ އަޑަށް ކުޑަ ހިތާމަވެރިކަމެއް ވެރިވިއެވެ. އޭނާއަށް ޖަހައިލެވުނީ ކާރުގައެވެ. ސަޖަލްއަށް އޭނާގެ ހިތުގެ ޙާލު ނޭނގޭތީ އޭނާ ހުރީ އެކަމާ ރުޅިއައިސްފައެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ރިއުމާން ގޮސް ކާރަށް އަރާ އިށީނެވެ. އޭނާ މަޑުކޮށްލީ ސަޖަލް އަރަން ދެނެވެ.

ވިސްނުމުގައި ހުރެފައި ސަޖަލްވެސް ގޮސް ކާރަށް އެރިއެވެ. އެއަށްފަހު އޭނާ ބޭރު ބަލައިލިއެވެ. ނުތަނަވަސްކަމާއެކު ދެއަތް ދެއަތާ މޮޑެވެން ފެށުނީ ބޭ އިޚްތިޔާރުގައެވެ.

ކާރު ދުއްވައިލި ރިއުމާންވެސް އެއްވެސް އިތުރު އެއްޗެއް ނުބުނެއެވެ. މާލެ ދިޔަގޮތަށް އޭނާ ފުރަތަމަވެސް ދިޔައީ ސަޖަލް ގެއަށް ލާށެވެ. އެހުރިހާއިރުވެސް ކާރު ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.

ޖެހިގެން އައި ދުވަހު ސަޖަލް އާއި ރިއުމާން އާއި ދެމީހުން ދިމާވީ އޮފީހުންނެވެ. ސަޖަލް ފައިލްތައް ހިފައިގެން ގޮސް ރިއުމާންގެ ކެބިންއަށް ވަދެލުމަށްފަހު އެ އެއްޗެހި ބަހައްޓާފައި ނުކުންނަން ވެގެން ހިނގައިގަތެވެ. އޭނާއަށް ތަޅުގައި ހިފާ ލެވުނު ވަގުތަކީ ބޭރުން ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި ވަގުތެވެ. އެކަމަށް ނުވިސްނާ ހުރި ސަޖަލްގެ ނިތްކުރިމަތީގައި ދޮރުފަތް ޖެހި ނިތްކުރިމަތި ފަޅައިގެން ދިޔައެވެ.

"ސޮރީ.. ދެވަނަ ސިކުންތުގައި އޭނާއަށް ރިއުމާން ގެ އަޑު އިވުނެވެ. ރިއުމާން ސަޖަލް ގެންގޮސް ސޯފާގައި ބައިންދާފައި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް އެތަނުގެ ކުރިމަތީގައި ހުރި މޭޒުގައި އިށީނދެލިއެވެ. އެއަށްފަހު ސަޖަލްގެ ނިތްކުރިމަތިން ފެޅިފައިވާ ތަނަށް ބަލައިލިއެވެ. އެއަށްފަހު ކަފަ ކޮޅަކަށް ބެޓަޑިންކޮޅެއް އަޅާ އެތަން ސާފުކޮށްލަން އުޅެލިއެވެ. އެ ހުރިހާއިރުވެސް ސަޖަލްއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާއަށް އެ އިން ގޮތަށް އިނދެވުނީއެވެ. ރިއުމާން ކަފަކޮޅު ޖައްސައިލި ވަގުތު ސަޖަލްއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ރިއުމާން ކުޑަކޮށް ސަޖަލްގެ މޫނާ ދިމާ ގުދުވެލާ ފުމެލިއެވެ.

(ނުނިމޭ)

comment ކޮމެންޓް