އައްޑޫ ސިޓީ މޮނިޓަރިން އަށް ލައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން، އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އެ ސިޓީގެ އަވަށްތަކަށް އަރައިފޭބުން މަނާކޮށްފި އެވެ.

މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން އައްޑޫ ސިޓީ ބަންދުކޮށްފައި މިވަނީ، ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފައި ވަނިކޮށެވެ. ގުޅިފައިވާ އަވަށްތަކުގައި ވެސް އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

އައްޑޫ ސިޓީ ބަންދުކޮށްފައި ވަނީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ.

މުޅި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު، ކޮވިޑް19ގެ ކޭސްތަކެއް ފެނި، އޭޕްރީލް 29 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫ އަށް އަރާފޭބުން އޮތީ މަނާކޮށްފަ އެވެ.

އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނިގެން މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ވެސް އެސިޓީ ވަނީ މޮނީޓަރިން ހާލަތައް ގެންގޮސްފަ އެވެ. މަސް ދުވަސް ފަހުން، އައްޑޫގެ މޮނިޓަރިން އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން ކޮވިޑް ކޭސްތައް ފެނި އެރަށްތައް މޮނީޓަރިން އަށް ލާފައިވާއިރު ފާއިތުވި ދެތިން ހަފްތާ ތެރޭ ރާއްޖޭގައި ބަލި ޖެހޭ މިންވަރު ދަނީ އިތުރު ވަމުންނެވެ. ރަށްތަކުގައި ހަލުވިކަމާއެކު ބަލި ދަނީ ފެތުރެމުންނެވެ.

އިއްޔެވެސް 400 އަށް ވުރެ ގިނަ މީހުން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 29،835 މީހުންނަށް މިހާތަނަށް ވަނީ ބަލިޖެހިފަ އެވެ. އަދި 4،978 އެކްޓިވް ކޭސް މިވަގުތު ރާއްޖޭގައި ހުރި އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 146 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ބަލީގައި 73 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް