އިންޑިއާއިން އޮސްޓްރޭލިއާއަށްދާ މީހުންނަށް ޖަލު ހުކުމެއް

އޮސްޓްރޭލިއާއިން ވަނީ އިންޑިއާއިން އެގައުމަށް ދަތުުރު ކުރުން މަނާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (މެއި 1): ކޮވިޑް-19އިގެ ނުރައްކަލާ ހެދި އިންޑިއާއިން އޮސްޓްރޭލިއާއަށް މީހުން ދަތުރު ކުރުން މަނާކޮށްފައި ވަނިކޮށް، އެފަދަ ދަތުރެއް ކުރާ ބަޔަކަށް ގިނަވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިދާނެ ކަމަށް އޮސްޓްރޭލިއާއިން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު އޮސްޓްރޭލިއާއިން ވަނީ އެގައުމަށް ދާން އޮތް އިންޑިއާގެ ސީދާ ފްލައިޓުތައް މިމަހުގެ މެދާ ޖެހެންދެން ކެންސަލްކޮށްފަ އެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އޮސްޓްރޭލިއާއަށް ދިޔުމުގެ 14 ދުވަސް ކުރިން އިންޑިއާއަށް ގޮސްފައިވާ މީހަކަށް، އަންނަ ހޯމަ ދުވަހުން ފެށިގެން އެގައުމަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން އިންޑިއާގައި ތިބި ނުވަތަ އެގައުމަށް ދަތުރު ކުރާ އޮސްޓްރޭލިއާގެ ރައްޔިތުންނަށްވެސް ދެން އެހެން ގައުމެއްގައި 14 ދުވަސް ހޭދަ ކުރުމުން ނޫނީ އެނބުރި ގައުމަށް ނުދެވޭނެ އެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ގަވާއިދާ ހިލާފުވާ ބަޔަކު ގިނަ ވެގެން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރެވިދާނެ އެވެ. އަދި އެ މީހަކު 66،000 އޮސްޓްރޭލިއާ ޑޮލަރުން ޖޫރިމަނާ ކުރެވިދާނެ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ހަރުކަށި ފިޔަވަޅު އަޅަން ނިންމީ "އޮސްޓްރޭލިއާގައި ކަރަންޓީނުވެގެން ތިބި މީހުންގެ ތެރެއިން އިންޑިއާއަށް ދަތުރު ކުރި މީހުންގެ ފަރާތުން ކޮވިޑް-19 ފެންނަ މިންވަރަށް ބަލާފަ" އެވެ. އަދި އެ ގަވާއިދަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ދެން ގޮތެއް ނިންމާނީ މި މަހުގެ 15އިގަ އެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނި ގޮތުގައި އެއީ އެގައުމުގެ ރައްޔިތުން އަމިއްލަ ގައުމަށް އެނބުރި ދިޔުމަކީ ޖިނާއީ ކުށަކަށް ހެދި ފުރަތަމަ ފަހަރެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ ގަވާއިދު ކުށްވެރިކޮށް، މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ކަރަންޓީނު ކުރުމުގެ ނިޒާމު ހަރުދަނާ ކުރަން އިސްކަން ދިނުމަށް ގޮވާލާފަ އެވެ.

އިންޑިއާގައި މިހާރު ކޮވިޑް-19އިގެ ކޭސްތައް 19 މިލިއަނަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ދެ ލައްކަ ހުރަސްކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް