ކޮވިޑާ ބެހޭ އިންޒާރުތަކަށް ސަރުކާރުން އަޅާ ނުލި: އިންޑިއާގެ ސައިންސުވެރިން

އިންޑިއާއިން ކޮންމެ ދުވަހަކު ކޮވިޑްގެ ތިން ލައްކައަށް ވުރެ ގިނަ ކޭސް ދަނީ ފެންނަމުން -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 1): އިންޑިއާއިން ކޮވިޑް-19އިގެ އާ، ނުރައްކާތެރި ވޭރިއެންޓެއް ފެނި، އެގައުމުގައި ކޭސްތައް އިތުރުވުމާ ބެހޭ ގޮތުން ސައިންސުވެރިން ދިން އިންޒާރަށް އޭރު ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދިން ކަމަށް އެ ސަރުކާރުން އެކުލަވާލާފައިވާ ފޯރަމްއެއްގައި ހިމެނޭ ސައިންސުވެރިން ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ތަފާތު ވޭރިއެންޓުތައް ހޯދުމަށް އިންޑިއާ ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ސާސް-ސީއޯވީ-2 ޖެނެޓިކްސް ކޮންޒޯޓިއަމް (އިންސަކޮގް)ގައި ހިމެނޭ ސައިންސްވެރިއަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އިންޑިއާއިން އާ ވޭރިއެންޓެއް ފާހަގަ ކުރެވުނުކަން އެ އިދާރާއިން މާޗް މަހުގެ ކުރީކޮޅު ހެލްތު މިނިސްޓްރީގެ ނެޝަނަލް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (އެންސީޑީސީ)އަށް އެންގި އެވެ. އަދި އެ ވާހަކަތައް ދެން ހެލްތު މިނިސްޓްރީއާ ހިއްސާ ކުރި އެވެ.

އެއަށް ފަހު، ހެލްތު މިނިސްޓްރީން މީޑިއާއަށް ދޭނެ ބަޔާނެއްގެ ޑްރާފްޓް އިންސަކޮގްއިން އެކުލަވާލި އެވެ. އަދި އޭގައި ވަނީ އާ ވޭރިއެންޓު މާ އަވަހަށް ފެތުރޭ ކަމަށާއި އެ ވައިރަހުން ދިފާއުވުމަށް ހަށިގަނޑުން އުފައްދާ އެންޓިބޮޑީން އާ ވޭރިއެންޓު ސަލާމަތްވާ ކަމަށް ޓެސްޓުތަކުން ދައްކާ ކަމަށް ބުނެފަ އެވެ. އަދި އަލަށް ފެނުނު ބާވަތާ ބެހޭ "ބޮޑެތި ކަންބޮޑުވުންތައް" ހުރި ކަމަށް ބަޔާނުގައިވެ އެވެ.

ނަމަވެސް އޭގެ ދެ ހަފްތާ ފަހުން އިންޑިއާގެ ހެލްތު މިނިސްޓްރީން އާއްމު ކުރި ބަޔާނުގައި އާ ވޭރިއެންޓާ ބެހޭ ގޮތުން ސައިންސުވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ފާހަގަކޮށްފައި ނުވެ އެވެ. އަދި އެ މިނިސްޓްރީން އެންގީ ޓެސްޓު ކުރުން އިތުރު ކުރުމަށާއި ގަވާއިދުން ކަރަންޓީނު ވުމަށެވެ.

އިންސަކޮގްގެ ހޯދުންތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް ނޭޅި ސަބަބާ ބެހޭ ގޮތުން ރޮއިޓާސްއިން ސުވާލު ކުރުމުން އެ އިދާރާގެ ސައިންޓިފިކް އެޑްވައިޒަރީ ގްރޫޕުގެ ވެރިޔާ ޝާހިދު ޖަމީލް ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކުން ސިޔާސަތުތައް އެކުލަވާލުމުގައި ބައްޔާ ގުޅުން ހުރި ހެކިތަކަށް ސަމާލުކަން ނުދޭ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ސިޔާސަތުތައް ކަނޑައަޅަން ޖެހޭނީ ހެއްކަށް ބިނާކޮށް. އަޅުގަނޑުގެ ކަންބޮޑުވުމަކީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންސަށް ނުބަލާކަން. ނަމަވެސް އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ އިހުތިސާސް ނިމޭ ހިސާބު. އަޅުގަނޑުމެން ސައިންސުވެރިން ހެކި ހޯދައިދެނީ، ސިޔާސަތުތައް އެކުލަވާލުމަކީ ސަރުކާރުގެ ވަޒީފާ،" ޖަމީލް ވިދާޅުވި އެވެ.

އިންސަކޮގްގެ އިތުރުން އެންސީޑީސީގެ ޑިރެކްޓަރު ސުޖީތު ކުމާރު ސިންހުވެސް، އިންޑިއާގައި މިދިޔަ މަހުގެ ކުރީކޮޅު ފުރަބަންދުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރި އެވެ.

މިދިޔަ މަހުގެ 19އިގައި ސިންހު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ރިކޯޑިންއަކާ ހަވާލާދީ އެ ނޫހުގައިވާ ގޮތުން، އިންޑިއާގައި ބަލި ކޮންޓްރޯލް ކުރުމަށް ވީހާވެސް އަވަހަށް ހަރުކަށި ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އޭގެ ކުރީ ދުވަހު ސިންހު ސަރުކާރުގެ އޮފިޝަލުންނާ ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ އެ މަޝްވަރާތައް ކުރެއްވީ ކޮން އޮފިޝަލުންނަކާ ކަމެއް ހާމައެއް ނުކުރައްވަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ސިންހުގެ ބަހެއް ނުލިބުނު ކަމަށް ރޮއިޓާސްގައިވެ އެވެ.

ސިންހު އެ ބައްދަލުވުން ބޭއްވިތާ އެއް ދުވަސް ފަހުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމާ މުހާތަބު ކުރެއްވި އެވެ. އަދި ގައުމު ފުރަބަންދު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ، މިދިޔަ އަހަރުގެ ފުރަބަންދުގެ ސަބަބުން އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލި، އިގުތިސާދު އިނދަ ޖެހުނުކަން ފާހަގަ ކުރެއްވި އެވެ.

އިންޑިއާގައި މިދިޔަ މާޗް މަހު ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް އެގައުމުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ދެކޮޅު ހެދި އެވެ. އަދި ބައެއް ސްޓޭޓް އިންތިހާބުތަކަށް ކެމްޕޭން ކުރުމަށް މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ އާއި އިދިކޮޅު ޕާޓީތަކުން ވެސް ބޮޑެތި ހަރަކާތްތައް ބޭއްވި އެވެ. އަދި މާޗް މަހުގެ މެދުތެރޭގައި ފެށުނު ހިންދޫ ދީނީ ހަފްލާއަކަށް އެތައް މިލިއަން މީހުން ގިނަ ދުވަސްތަކެއް ވަންދެން އެއް ތަނަކަށް ޖަމާވުމަށްވެސް ސަރުކާރުން ހުއްދަ ދިނެވެ.

ނަމަވެސް ސައިންސުވެރިން ވަނީ އިންޑިއާގައި ކޭސްތައް އިތުރުވީ ކުރިން ހީކުރި ވަރަށް ވުރެ ވެސް ބޮޑަށް ކަމަށާއި އޭގެ ޒިންމާ ހަމައެކަނި ސަރުކާރުގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 21އިން ފެށިގެން އިންޑިއާއިން ދަނީ ކޮންމެ ދުވަހަކު ތިން ލައްކައަށް ވުރެ ގިނަ ކޭސް ފެންނަ ކަމަށް ރިޕޯޓު ކުރަމުންނެވެ. އަދި އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ދެ ލައްކައަށް ވުރެ އިތުރުވެފަ އެވެ.

comment ކޮމެންޓް