15 އަހަރުފަހުން ބާއްވަން އުޅުނު ފަލަސްތީނުގެ އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް

ރާމަﷲ ( މޭ 1) : ޤުދްސުގެ އިރުމަތީ ފަޅިގައި ވޯޓުލުމަށް އިސްރާއީލުން ހުރަސްއެޅި މައްސަލަ ބަހަނާއަކަށް ހެއްދެވުމަށް ފަހު ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު މުއްދަތެއްނެތި ފަސްކުރިކަން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިއުލާނު ކުރައްވައިފި އެވެ.

އިންތިޚާބު ފަސްކުރަންޖެހުނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދްސުގެ އިރުމަތީ ސަރަހައްދުގައި ވޯޓުލުމަށް އިސްރާއީލުން ހުރަސްއެޅުމުގެ ސަބަބުންކަން ހާމަކުރައްވަމުން ޢައްބާސް ވިދާޅުވީ ގުދްސުގެ އިރުމަތީ ފަޅީގައި ވޯޓު ނުލެވޭ ގޮތަށް ފަލަސްތީނުގައި އިންތިޚާބު ނުބޭއްވޭނެ ކަމުގައެވެ. އިންތިޚާބު ބާއްވާނެ ދުވަހެއް އިއުލާނުކުރާނީ އިރުމަތީ ޤުދްސުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު އިސްރާއީލުން ދިނުމުން ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އިސްރާއީލު ވެރިވެގެންފައިވާ ގުދްސުގެ އިރުމަތީ ސަރަހައްދަކީ 1976ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ތަނެކެވެ. ގުދްސުގެ ހުޅަނގު ފަޅިއަށް އިސްރާއީލު ވެރިވެގެންފައިވަނީ އޭގެކުރިންނެވެ.

ފަލަސްޠީނުގައި އިންތިޚާބެއް ނުބާއްވައި ރައީސް އައްބާސް އަމިއްލައަށް އޭނާގެ ޖަމާއަތް ކަމަށްވާ ފަތްހު ޖަމާއަތުން ބޭފުޅުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައިގެން ފަލަސްތީނުގައި ވެރިކަން ކުރައްވާތާ 15 އަހަރު ވެފައިވާއިރު ޕާލަމެންޓްރީ އިންތިޚާބެއް ބާއްވައިފި ނަމަ އެއިންތިޚާބު ކާމިޔާބުކުރާނީ ހަމާސްފަދަ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތަކުން ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ފަލަސްތީނުގެ އެންމެ ފުރަތަމަ އިންތިޚާބީ ބޮޑުވަޒީރު ހަމާސް ގެ ލީޑަރު އިސްމާއީލު ހަނިއްޔާ (އައްބާސްވަނީ ހަނިއްޔާގެ ސަރުކާރު އުވާލާފައި)

މީގެއިތުރުން ރައީސް އައްބާސްގެ މަގްބޫލުކަންވެސް ފަލަސްތީނުގެ އާންމުންގެ މެދުގައި ވަރަށް ކުޑައެވެ. ފަލަސްތީނުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހުގެ ތެރޭގައެވެ. މި އިންތިޚާބު ފަސްކުރިކަން އައްބާސް އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބެއް ބާއްވައިފި ނަމަވެސް އެ އިންތިޚާބު އައްބާސް އަށް ކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ރިޕޯޓްތައް ބުނެއެވެ.

އައްބާސްވެ މަގްބޫލުކަން ގެއްލިފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްފަދަ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދަށް އައްބާސް އެއްބާރުލުން ނުދެއްވާތީއާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އެމީހުން މަރަމުން ގެންދާއިރު އަދި ފަލަސްތީނުގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުން އިސްރާއީލު ގެންދާއިރު ވެސް އިސްރާއީލު އެދޭކަންކަމުގައި އައްބާސްގެ ސަރުކާރުން އިސްރާއީލަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާތީއެވެ.

އައްބާސްއަކީ ފަލަސްތީނުގެ ހައްގުތައް ހޯދުމަށްޓަކައި އިސްރާއީލާ ވާހަކަ ދެއްކުމަށް އިސްކަން ދެއްވާ ބޭފުޅެކެވެ. ނަމަވެސް 1993ގައި ފަލަސްތީނާއި އިސްރާއީލުން ސޮއިކުރި އޮސްލޯ އެއްބަސްވުމަށް ފަހު ފަލަސްތީނުން 22 އަހަރުވަންދެން އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައް ދައްކަމުން ގެންދިޔައިރުވެސް އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނު ބިމުގެ އެންމެ އިންޗިއަކުން ފަހަތަށް ޖެހުމަށްވެސް އިސްރާއީލުވަނީ ދެކޮޅު ހަދާފައެވެ. މިއާއެކު މީގެ ހައެއްކަ އަހަރުކުރިން ސުލްހައިގެ ވާހަކަތައްވަނީ ރޫޅިގެން ގޮސްފައެވެ.

ފަލަސްތީނުގައި އިންތިޚާބެއް ބާއްވައިފިނަމަ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ހަމާސްފަދަ ޖަމާއަތްތަކުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވިފައިވާއިރު އިސްރާއީލުން ފަލަސްތީނުގެ އިންތިޚާބަށް ހުރަސްއެޅި މައްސަލާގައި މުއްދަތެއްނެތް ގޮތަށް އިންތިޚާބު ފަސްކުރަން އައްބާސް ނިންމެވި ނިންމެވުމުގެ ފަހަތުގައި ވަނީ އެސަބަބު ކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކެއެވެ. މީގެކުރިން ފަލަސްތީނުގައި ބޭއްވި އިންތިޚާބުތަކުގައި އިރުމަތީ ޤުދްސުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު އިސްރާއީލުން ދީފައިވެއެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އިސްރާއީލުންވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

ފަލަސްތީނުގެ އިންތިޚާބަށް އިސްރާއީލުން ހުރަސްއެޅި މައްސަލާގައި ވެސް އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިންނާއި ޔޫރަޕްގެ ގައުމުތަކުން އިސްރާއީލު ކުށްވެރިކޮށްފައެއް ނުވެއެވެ. ޔޫރަޕްގެ ގައުމުތަކުންވެސް ކުށްވެރިކުރީ އިންތިޚާބު ފަސްކުރުމަށް ރައީސް އައްބާސް ނިންމެވި ނިންމެވުމެވެ.

ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު މުއްދަތެއްނެތި ފަސްކުރުމުން ފައިދާވާނެ ކަމަށް ބެލެވެނީ ޢައްބާސުގެ ފަތަހް ޖަމާއަތަށެވެ. އެއީ އިންތިޚާބަކާ ނުލައި އެޖަމާއަތަށް ފަލަސްތީނުގައި ވެރިކަން ކުރުމުގެ ފުރުސަތު ލިބޭނެތީއެވެ. އަދި އައްބާސްގެ މިނިންމުގެ ސަބަބުން އިސްރާއީލާއި އިސްރާއީލުގެ އިސްތިއްމާރާ އަދި އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާއަށާއި ޔޫރަޕްގެ ގައުމުތަކަށްވެސް ހިންހަމަޖެހުން ލިބޭނެއެވެ. މި ގައުމުތަކަކީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ވެރިކަމަށް ގޮވާލައި ޕްރޮޕަގެންޑާ ކުރާ ގައުމުތަކެކެވެ.

ނަމަވެސް އިސްރާއީލާ ޖެހުމުން އެމެރިކާއަށާއި ޔޫރަޕަށްވެސް ޑިމޮކްރަސީއެއް އަދި އިންތިޚާބެއް އޮންނަކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެންމެފަހު ފަލަސްތީނުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބު ހަމާސް އިން ކާމިޔާބު ކުރީމާ އެކަން ބަލައިގަތުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ދެކޮޅު ހަދާފައިވާތީއެވެ.

ފަލަސްތީނުގައި އެންމެފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރީވެސް ހަމާސް ޖަމާއަތުންނެވެ. އެއިންތިޚާބު ކާމިޔާބުކޮށްގެން ހަމާސްއިން ފަލަސްތީނުގައި އެކުލަވާލި ސަރުކާރު އުވާލުމަށް އައްބާސް ނިންމެވީ އިސްރާއީލުގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ފިއްތުންތަކުގެ ސަބަބުންނެވެ. އައްބާސްގެ އެ ނިންމެވުމަކީ ފަލަސްތީނުގެ ޑިމޮކްރަސީއާ ދެކޮޅަށް އޭނާ ގެންނެވި އިންގިލާބީ ބަޣާވާތެއް ކަމަށް ވިޔަސް އެބަޣާވާތަށް ހިއްވަރުދީ އެކަމަށް ވާގިވެރިވެފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.

އެގައުމުތަކުންވަނީ ހަމާސްގެ ސަރުކާރު އުވާލައި އިންތިޚާބަކާ ނުލައި އައްބާސް އެކުލަވާލެއްވި ސަރުކާރަށް މަރުހަބާ ކިޔާފައެވެ. ހަމާސް ޖަމާއަތާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުންވަނީ ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު މުއްދަތެއްނެތި ފަސްކުރިކަން އައްބާސް އިއުލާން ކުރެއްވުމުން އެކަން ކުށްވެރި ކޮށްފައެވެ. އައްބާސްގެ ނިންމެވުމަށް ތާއީދުކުރީ އޭނާގެ ފަތްހު ޖަމާއަތުން އެކަންޏެވެ.

comment ކޮމެންޓް