އެޑެކްސެލް އިން ވަކިގޮތެއް އަންގަންދެން އިމްތިހާނު ކުރިއަށްދާނެ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ -- ފޮޓޯ: އެޑިއުކޭޝަން

މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވެގެން އުޅޭ މައްސަލައިގައި އެޑެކްސެލް އިން ވަކި ގޮތެއް އަންގަންދެން، ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ލީކުވެފައިވާ ބައެއް ޕޭޕަރުތަކުގެ ސްކޭން ކޮޕީތައް 'ސަން' އަށް ވެސް ވަނީ ލިބިފަ އެވެ. އަދި ޕޭޕަރުތަކާ ގުޅޭގޮތުން ދަރިވަރުން މަޝްވަރާ ކުރާ ގްރޫޕެއްގެ ސްކްރީންޝޮޓްތައް ވެސް ވަނީ ލިބިފަ އެވެ.

ލީކުވެފައިވާ ޕޭޕަރުތަކުގެ ތެރޭގައި ބަޔޮލޮޖީ، ފިޒިކްސް، މެކޭނިކްސް، ސްޓެޓިސްޓިކްސް، ބިޒްނަސް، އަދި ކެމިސްޓްރީ ޕޭޕަރުތަކެއްވެސް ހިމެނެ އެވެ.

އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން އޭލެވެލް އިމްތިހާނުގެ ޕޭޕަރެއް ލީކު ވެފައި ނުވާނެ ކަމަށެވެ. އަދި އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބަލަހައްޓަމުންދާ ކަމަށާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.

ނަމަވެސް އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމު ތަކުން ލީކު ކުރަމުންދާ ވާހަކަ އެޑިއުކޭޝަންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށާއި އަދި އެ މައްސަލަ އެޑެކްސެލް އިން ވެސް މިހާރު ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މިކަމާ ގުޅިގެން އެހެން ގޮތަކަށް އަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދިވެޖިރާއްޖޭގައި އޭ.ލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމުގައި ދެންނެވީމެވެ." މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް