އަރަބިއްޔާ ސްކޫލު މަރާމާތު ކުރަންޖެހިފައި

އަރަބިއްޔާ ސްކޫލުގެ ތަނބެއްގައި ރެނދު ލާފައި -- ފޮޓޯ/ ޒަމްޒަމް ފާރިޝް

އަރަބިއްޔާ ސްކޫލުގެ މަރަމާތުތަކެއް ކުރަންޖެހޭކަން ހާމަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން އަންނަނީ، ސްކޫލުގެ އިމާރާތުގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބެލެނިވެރިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، އިމާރާތުގެ ފާރުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ވަނީ ވީރާނާވާން ފަށައިފަ އެވެ.

ސޯޝަލް މީިއާގައި ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔަކު ބުނީ، އޭނާގެ ދެކުދިން އެ ސްކޫލުގައި ކިޔަވާ ކަމަށާއި، ސްކޫލުގެ ތަނބު ތަކުން ބައިބައި ވެއްޓެމުން އަންނަ އިރު، ނެއްޓިގެން އަންނަ ކޮންކްރީޓު ގަނޑެއްގެ ދަށުގެ ކުއްޖެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ.

"މުޅި އިމާރާތް މިދަނީ އެތެރެއިންނާއި ބޭރުން ފުނޑުފުނޑުވަމުން. އެޅިތާ 10 އަހަރު ނުވޭ. އަޅުގަނޑުމެންގެ ދަރިންގެ ސަލާމަތަކީ އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް ކަންތައް،" އޭނާ ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީގެ ކޮންސަލްޓެންޓުން އަރަބިއްޔާ ސްކޫލްގެ ފުލް އިންސްޕެކްޝަން އެއް ހަދާފައިވާ ކަމަށެވެ. އަދި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ އެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.

އާ އިމާރާތުގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފެށީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

comment ކޮމެންޓް