2020: އެމްޓީސީސީއަށް އެންމެ ރަނގަޅު މާލީ ނަތީޖާ ލިބުނު އަހަރު

ޖެނުއަރީ 23، 2021: އެމްޓީސީސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު

އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލުކުރި އަހަރުގެ ގޮތުގައި، ހުސްވި 2020 ވަނަ އަހަރު ވެގެން ގޮސްފި އެވެ.

އެކުންފުނިން ވަނީ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ އާންމުކޮށްފަ އެވެ. މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ މިދިޔަ އަހަރު އެމްޓީސީސީއަށް ވަނީ ލިބިފަ އެވެ. އެއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު 253 ޕަސެންޓު އިތުރު އަދަދެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެކުންފުނިން ކޮށްފައި ވަނީ 1.15 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 63.65 މިލިއަން ރުފިޔާ އެ އަހަރު ލިބުނެވެ.

ނަމަވެސް އެމްޓީސީސީން ވަނީ މިދިޔަ އަހަރު 1.37 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، 224.72 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.

"މި ނަތީޖާއަކީ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު މާލީ އަހަރުކަން ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ." އެމްޓީސީސީ އިން ބުންޏެވެ.

އަދި 2020 ވަނަ އަހަރު މާލީ ނަތީޖާއާއިއެކު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އެއީ 24.11 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ އެއީ ވެސް ކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދު ކަމަށެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން 2020 ވަނަ އަހަރު އެމްޓީސީސީ އިން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގައިފަ އެވެ. އެގޮތުން 36 މަޝްރޫއެއް މުޅިން ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް 2020 ވަނަ އަހަރުގެ ތެރޭގައި ހިންގި އެވެ.

މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ޒޯން 5،4،3،2،1 އަދި 6 ގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ކުރިއަށް ގެންގޮސް، 16 އަތޮޅެއް ވަނީ ގުޅުވައިދީފަ އެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރަށްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދީފައިވެ އެވެ.

ކުންފުނީގެ ވިޔަފާރި ފުޅާކޮށް ހިންގުން ހަރުދަނާކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް އެކުލަވާލާ، މާކެޓްގެ ހާލަތު ބަދަދަލުވަމުންދާ ގޮތަށް ރިއާޔަތްކޮށް މުރާޖައާކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުންހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮވިޑް19 ގެ ހާލަތައް ބަލައި، ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވުނު ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

comment ކޮމެންޓް