ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މި ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތުގެ ކުރު ހުލާސާއެއް ދެއްވައިފަ އެވެ.

އެގޮތުން ފުރަތަމަ ދައުރުގައި މަޖިލީހުގެ ޖަލްސާތަކުގައި 96 ގަޑިއިރާ 35 މިނެޓު، އަދި ކޮމެޓީތަކުގައި 282 ގަޑިއިރާ 37 މިނެޓު މަސައްކަތް ކުރެވުނު ކަމަށް ވިދާޅުވި އެވެ. މި ދައުރުގައި ބޭއްވީ 37 މަޖިލިސް ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުމެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކުރީ ދައުރުން ލިބުނު 24 ބިލާއި، މި ދައުރުގައި ހުށަހެޅުނު 11 ބިލުގެ ތެރެއިން، ދައުރު ނިމުނު އިރު އަށް ބިލެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި 27 ބިލެއްގެ މަސައްކަތް ނިމިފައި ނުވާ ކަމަށެވެ.

މިދިޔަ ދައުރުން ލިބުނު 10 ގަރާރާއި، މި ދައުރުގައި ހުށަހެޅުނު ހަތަރު ގަރާރުގެ ތެރެއިން ފަސް ގަރާރުގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. ސަރުކާރުން 13 ކަމެއް ހުށަހެޅި އިރު، މަޖިލީހުން ވަނީ 10 ކަމެއް ނިންމައިފަ އެވެ. ރިޔާސަތުން ހުށަހެޅި ހަތް ކަމެއްގެ ތެރެއިން ފަސް ކަމެއް ވެސް ވަނީ ނިންމައިފަ އެވެ.

ކުއްލި މައްސަލައިގެ ގޮތުގައި މި ދައުރުގައި 10 މައްސަލައެއް ހުށަހެޅި އިރު، ހުރިހާ މައްސަލައެއް ވެސް ވަނީ ނިންމައިފަ އެވެ. މި ދައުރުގައި 19 އެހެނިހެން މައްސަލަ ވެސް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ވަޒީރުންނަ ކުރުމަށް ކުރީ ދައުރުން ލިބުނު އަށް ސުވާލާއި، މި ދައުރުގައި ހުށަހެޅި 17 ސުވާލާއެކު، މި ދައުރުގައި 19 ސުވާލު ވަނީ ނިންމައިފަ އެވެ. ހަ ވަޒީރަކާ ސުވާލު ކުރުން އަދި ނިމިފައެއް ނުވެ އެވެ.

މި ދައުރުގައި ނިމުނު ބިލުތަކުގެ ތެރޭގައި ސިފައިންގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު، މީހުން ޓްރެފިކް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު، މަތީ ތައުލީމުގެ ބިލު، އާންމު ސިއްހަތުގެ ބިލު، ކްލައިމެޓް ޗޭންޖުގެ ބިލު، އަދި ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހުގެ ބިލު ހިމެނެ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނަށް އެޑްރެސް ކުރައްވައި 347 ސިޓީ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 263 ސިޓީ އާންމު ކޮމިޓީން ކަމާ ގުޅޭ ކޮމިޓީތަކަށް ފޮނުވާފައިވާ ކަމަށާއި، މާގިނަ ސިޓީތަކަށް ޖަވާބު ނުދެވި ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ދައުރުގެ ޗުއްޓީ އަންނަ ދުވަސްތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއިން މިއަދު ވަނީ ނިންމައިފަ އެވެ.

މަޖިލިސް ގަވައިދުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުން މިއަދު ބަދަލުގެނެސްފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާ ދުވަސްތައް ބަދަލު ކުރުމަށެވެ. މަޖިލީހުގެ އިސްލާހުގައި ވާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ދެން ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ އިސްލާހުގައި ވަނީ ބުނެފަ އެވެ. އެ އިސްލާހަށް 69 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އެގޮތަށް ބަދަލު ގެނައި ސަބަބެއް ކަމަށް މަޖިލީހުން ބުނެފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓު މަހަށް ބަދަލު ކުރުމުން މަޖިލީހުގެ ޗުއްޓީއާއި ދިރާސީ އައު އަހަރުގެ ޗުއްޓީއާ ދިމާ ނުވާތީ އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ މޭ 17 ވަނަ ދުވަހު އެވެ.

comment ކޮމެންޓް