ޝިއުނާ މަރުވި މައްސަލަ: އިހުމާލުގެ ދައުވާ ކުރި މަލްދާންގެ މައްޗަށް ކުށް ސާބިތެއް ނުވި

18 ޖެނުއަރީ 2017: ހުޅުމާލޭގައި ބާރު ސްޕީޓްގައި ދުއްވި ކާރަކުން ޖެހި މީހަކު މަރުވި މައްސަލައިގައި އިހުމާލުގެ ދައުވާ ކުރި އަހުމަދު މަލްދާން އަލީ ކްރިމިނަލް ކޯޓުން ނެރެނީ -- ސަން ފޮޓޯ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ރ. ރަސްގެތީމު، ފިތުރޯނުގެ، ފާތިމަތު ޝިއުނާ މަރުވި މައްސަލާގައި އިހުމާލުގެ ދައުވާ ކުރި ޑްރައިވަރު ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝިއުނާ މަރުވީ ސެޕްޓޭމްބަރު 3، 2016ގައި ހުޅުމާލޭ ނިރޮޅުމަގު އުތުރުން ދެކުނަށް މަލްދާން ދުއްވި ކާރު ދަތުރުކުރަމުންދަނިކޮށް، ޝިއުނާ އިން ސައިކަލުގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތު ސީޓުގައި އިން ޝިއުނާ ވިއްސައިގެން ގޮސް އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެފައިވެ އެވެ. ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ މަރުވީ އެވެ.

އެ މައްސަލާގައި މަލްދާންގެ މައްޗަށް ކުރީ މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

ދައުލަތުން ބުނެފައި ވަނީ އޭނާ ކާރު ދުއްވީ "ބަލަންވާ ވަރަށް ނުބަލައި" ކަމަށެވެ. ދައުލަތުން "ބަލަންވާ ވަރަށް ނުބަލައި" މާނަ ކުރީ، އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ގާނޫނުތަކާއި ގަވައިދުގާއިވާ ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ކާރު ދުއްވުން ކަމުގަ އެވެ.

ނަމަވެސް، ސީދާ ކާރު ދުއްވި ބާރު މިނެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ދައުލަތުން ހުރިހާ ހެކިވެރިން ވެސް ބުނެފައި ވަނީ އެ މީހުންނަށް އަންދާޒާ ކުރެވުނު މިންވަރެވެ. ކާރުގެ ސްޕީޑު އެކި ހެކިވެރިން ޝަރީއަތުގައި އަންދާޒާ ކުރީ އެކި ވަރުވަރަށެވެ.

ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި ހާދިސާ ހިނގި އިރު ކާރު ތެރޭގައި ތިބި މީހުން ވެސް ހިމެނެ އެވެ.

މަލްދާން ކާރު ދުއްވާފައި ވަނީ ގާނޫނުތަކާއި ގަވައިދުތަކުގައި ކާރު ދުއްވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށްކަން ހެކިންގެ ހެކިބަހަށް އެކަނި ބުރަވެ ކަނޑައެޅެން ނެތް ކަމަށް އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހެދި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގައި ވަނީ ކާރާއި ސައިކަލާ ދޭތެރޭގައި ޓަޔަރުން އެޅުނު ސިކްޑް މާކްސް ފެންނަން ހުރި ކަމަށެވެ. ނަމަވެސް، އެ ސިކްޑް މާކް މަގަށް އެރީ ސައިކަލުގައި ކާރުގައި ޖެހުމުން ކަމެއް ސައިކަލު ކަހާލައިގެން ކަމެއް ވަކި ކުރަން ނޭނގޭ ކަމަށް ރިޕޯޓުގައިވެ އެވެ.

އެހެންކަމުން، ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އިއްވި ހުކުމުގައިވެ އެވެ.

ކާރުގައި މަލްދާންގެ އިތުރުން ތިން މީހަކު ތިއްބެވެ. އެ މީހުން ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި އެ މީހުން ކާރުގައި ދިޔައީ، އެތަނުން މީހެއް މަސައްކަތުގައި އުޅެނިކޮށް، ފަޔަށް ލިބުނު އަނިޔާއެއްގައި ފައިގެ އިނގިއްޔެއް ބުރިކޮށްލަން ޖެހޭ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނުމުން އަނިޔާވި މީހާ އަވަހަށް މާލެއަށް ފުރުވާލުމަށެވެ.

ޝިއުނާ މަރުވި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ބޮޑެތި އަނިޔާތަކެއްވި އެވެ. ކޯޓުގައި ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި ކާރު ޖެހުނު ފަހުން ވީ އެއްވެސް ގޮތެއް އޭނާއަށް ނޭނގޭ ކަމަށެވެ.

comment ކޮމެންޓް