އަންކާރާ (އޭޕްރިލް 29): ތުރުކީގައި ކޮވިޑް-19އިގެ ކޭސްތަކާއި މަރުތައް އިތުރުވުމާ ގުޅިގެން އެގައުމު ފުރަތަމަ ފަހަރަށް އެއްކޮށް ފުރަބަންދު ކުރަން ތައްޔާރުވެއްޖެ އެވެ.
ތުރުކީން މިއަދު ހަވީރުން ފެށިގެން އަންނަ މަހުގެ 17އާ ހަމަޔަށް އަޅާ ފުރަބަންދުގެ ފިޔަވަޅުތަކުގެ ދަށުން ރައްޔިތުންނަށް ވަނީ ކާބޯތަކެތި ހޯދުމަށާއި ސިއްހީ ފަރުވާ ހޯދުން ފަދަ ޒަރޫރީ ސަބަބުތަކަށް ފިޔަވައި ގެއިން ބޭރަށް ދިޔުން މަނާކޮށްފަ އެވެ. އަދި އެ މުއްދަތުގައި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރަން ރަސްމީ ހުއްދައެއް ބޭނުން ވާނެ އެވެ.
މީގެ އިތުރުން ސްކޫލްތައް ބަންދުކޮށް، ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރެވޭ މިންވަރު މަދު ކުރަން ވަނީ ނިންމާފަ އެވެ. އެއީ ތުރުކީން މިހާތަނަށް ކޮވިޑް-19އާ ގުޅިގެން އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކެވެ.
ތުރުކީގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ފެބްރުއަރީ މަހުގެ މެދުތެރޭގައި އެގައުމުގެ ކޭސްތައް ދުވާލަކު 6،000 އަށް ވެއްޓުނެވެ. ނަމަވެސް މިހާރު އެގައުމަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް އިންފެކްޝަން ރޭޓު އެންމެ މަތި އެއް ގައުމެވެ.
އޭގެ ފަހުން ތުރުކީގެ ސަރުކާރުން ފިޔަވަޅުތައް ލުއި ކުރަން ފެށުމާ އެކު މިދިޔަ މަހު އެގައުމުގައި ކޮވިޑްގެ އާ ރާޅެއް ފެތުރެން ފެށި އެވެ. އޭގެ ސަބަބުން އެގައުމުން އަނެއްކާ ވެސް މި މަހު އާ ފިޔަވަޅުތަކެއް އެޅި އެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ނުވެ، ކޭސްތައް ޕީކުވި އިރު ދުވާލަކު 60،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، މަރުތައް 300އަށް އެރި އެވެ.
ތުރުކީގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ބުނި ގޮތުގައި އެގައުމުގައި ކޮވިޑް ފެތުރުން އިތުރުވީ ސަރުކާރުން މާއަވަހަށް ފިޔަވަޅުތައް ލުއި ކުރުމާއި ވެކްސިން ޖެހުން ލަސް ވުމުންނެވެ. އަދި އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު ވޭރިއެންޓެއް އެގައުމުގައި ފެތުރުމަކީ ވެސް ކޭސްތައް ގިނަވި ސަބަބެއް ކަމަށް ސައިންސުވެރިން ބުންޏެވެ.
ތުރުކީން ވަނީ އެގައުމުގެ އާބާދީގެ 82 މިލިއަން މީހުންގެ ތެރެއިން 21 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާރު ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ އަށް މިލިއަން މީހުން ހިމެނެ އެވެ. އެގައުމުން އާއްމު ގޮތެއްގައި ދަނީ ޗައިނާގެ ސައިނޯވެކް ވެކްސިން އާއި ފައިޒާ ވެކްސިން އެވެ.
ތުރުކީގައި މިހާތަނަށް 4.75 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 39,398 މީހަކު މަރުވެފައިވެ އެވެ.