މިފްކޯއިން މަސްގަތުން ކޮންޓްރޯލް ކުރި މުއްދަތު އިތުރުކޮށްފި

އޭޕްރީލް 28، 2021: މަސް މާރުކޭޓު ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނުގެ މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވެ، މިފްކޯގެ ފްރީިޒިން ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ލިބެމުންދާތީ ވަކި ލިމިޓެއް ކަނޑައަޅައިގެން މަސް ގަންނަން އެކުންފުނިން ނިންމި މުއްދަތު އިތުރުކޮށްފި އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނާ މަޝްވަރާ ކުރުމަށް ފަހު މިފްކޯ އިން ކޮންމެ ދޯންޏަކުން ހަތަރު ޓަނުގެ މަސް ކިރަން ނިންމީ ހުރިހާ ދޯނިފަހަރަށް ވެސް ފުރުސަތު ދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެވަރޭޖްކޮށް 100 ދޯނިން މަސް ކިރުވަން އަންނަ ކަމަށާއި ކޮންމެ ދޯންޏަކުން ހަތަރު ޓަނު ކިރުވިޔަސް 400 ޓަނުގެ މަސް ލިބޭ ކަމަށެވެ. އަދި އެއީ ފްރީޒިން ކެޕޭސިޓީއަށް ވުރެ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީއަކީ ކޮންމެ ޝިފްޓެއްގައި 216 ޓަނު ކަމަށާއި އަދި ޖުމުލަ 432 ޓަނު ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ނިންމީ އަދި ކުރިއަށް އޮތް ދެ ތިން ދުވަހަށް ބަލާފައި އިތުރު ޑިޒިޝަނެއް ނަގަން. އަދި ހަތަރު ޓަނާ އެކު ކުރިއަށް މިދަނީ. ބަލާނަން އަންނަ ހަފުތާގެ ތެރޭގައި މިއަށް ވުރެ އިތުރަށް މަސްވެރިން އަތުން ގަންނަން [ކޮންޓްރޯލް ދޫކޮށްލަން]." އިސްމާއިލް ވިދާޅުވި އެވެ.

ފްރީޒިން ކެޕޭސިޓީ މައްސަލައިގެ އިތުރުން މަސްވެރިން ގިނަ ވަގުތުތަކެއް ކިއޫގައި ތިބެން ޖެހުމާއި މަސްވެރިންނަށް އައިސް ފޯރުކޮށްނުދެވޭތީ މަހުގެ ކޮލެޓީ ދަށްވުމަކީ ވެސް މަސްގަތުން ކޮންޓްރޯލުކުރަން ޖެހުނު މައިގަނޑު ސަބަބުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވެފައިވާ އިރު، އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް މަސްވެރިންގެ އަތުން 15،000 ޓަނުގެ މަސް ގަތް ކަމަށާއި މި އަހަރުގެ އެ މުއްދަތުގައި 22،666 ޓަނު ގަނެވިފައިވާ ކަމަށެވެ.

"މަސްވެރިންނަށް 353 މިލިއަން ރުފިޔާ ދެވިއްޖެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު އިތުރަށް 7000 ޓަނު ގަނެވިއްޖެ. ވަރަށް ރަނގަޅު މަސްވެރިކަމެއް މިއީ." އިސްމާއިލް ވިދާޅުވި އެވެ.

comment ކޮމެންޓް