ޔާރާއެ ލޯބިދޭށޭ... 33

"ހާސްނުވޭ!... އެމީހަކު ހައްޔަރު ކުރެވޭ ވަރަށް އަހަރެމެންގެ އަތުގަ މިހާރު ހެކި އެބަހުރި... އަހަރެމެންގެ ޓީމްތައް މިހާރު ވީ އެ މަސައްކަތުގަ...." ފުލުސްމީހާ ބުންޏެވެ.

"ކީއްވެތޯ އެމީހަކު ޖިލްއަށް ހަމަލާ ދޭންވީ؟... ޖިލްއަކީ މި ގައުމުގެ މީހެއްވެސް ނޫން... އެއްވެސް މީހަކާ ދުޝްމަނު ކަމެއްވެސް އޮތީކީ ނޫން..." ޒެނިލް ވިސްނައިލާފައި ބުންޏެވެ.

********

"ފޯނު..." ޖުއާންގެ ހަނދާނަށް އައީ ޖިލްވާގެ ފޯނެވެ.

"ކޮން ފޯނެއް؟..." ޒެނިލް ހައިރާންވެފައި ސުވާލު ކުރިއެވެ.

"ޖިލްގެ ފޯނުންނޭ އެމީހުން ކުރި ކަންތަކުގެ ވީޑިޔޯ ނެގީ..." ޖުއާން ބުންޏެވެ. "ހުރިހާ މީހުންގެ މޫނުވެސް އެ ވީޑިޔޯއަށް އަރާފަ ހުރީ... ވެދާނެ އެމީހުން ހެކި ނައްތާލަން މަސައްކަތް ކުރަނީ ކަމަށް ވެސް..."

"ގުޑް ޕޮއިންޓް..." ފުލުސްމީހާ ކުރިއަށް ޖެހިލި އެވެ. "އެކަމަކު އެ ފޯނަކީ ކުރިންވެސް ހެކީގެ ގޮތުގަ ހުށަހަޅާފަ އޮތް އެއްޗެއް... އެއިން ކުރެވުނު މާ ބޮޑު ކަމެއް ނެތެއްނު... އަމަލީގޮތުން އެކަމުގަ ބައިވެރިވި މީހުން އަތުލައިގަނެވުން އެއީ އަދި ތަހުގީގަށް ލިބުނު ކުރިއެރުމެއް ނޫން... މިކަންތައްގަނޑުގެ އަޑީގަ ހުރީ ކާކު ކަން އަދިވެސް ނޭނގޭ... ތީގަ ކޮންމެސް އެހެން ކަމެއް އެބަ އުޅޭ... ވެދާނެ ފަހަރުގަ ޖިލްވާގެ ހަނދާނުގަ ނެތް ކަމެއް އެމީހުންނަށް އެނގިފަ އޮތީ ކަމަށްވެސް... ނޫނީ އެމީހުން ޖެހިލުންވާންޖެހޭ ވަރުގެ އެއްޗެއް ޖިލްވާގެ އަތުގަ އޮތީ ކަމަށް ވެސް.... އަހަރެމެން ޖެހޭނެ ވަރަށް ސަމާލުވާން...."

"ކީކޭތަ ތި ކިޔަނީ؟..." ޖުއާންއަށް ބަލައިލަމުން ޒެނިލް އަަހައިލި އެވެ. "އަހަންނަށް ތިކިޔާ އެއްވެސް އެއްޗެއް ނުވިސްނޭ..."

ވާނުވާ ނޭނގިފައި ހުރި ޒެނިލްއަށް ވީގޮތް ކިޔައިދިނީ ޖުއާން އެވެ. ޖިލްވާ އާއިމެދު ކަންތައް ހިނގި ގޮތެވެ. ޖަލުގައި ހޭދަކުރި ހިތްދަތި ދުވަސްތަކުގައި ޖިލްވާއަށް ލިބުނު އަނިޔާ އެވެ. ނަފުސާނީ ގޮތުން ކުރިމަތިވި ކަންތައް ތަކެވެ. ޒެނިލް ދޫކޮށްފައި ޖިލްވާ ދިޔައީ ވެސް އެންމެންގެ ސަލާމަތްތެރިކަމަށް ކަމުގައި ޖުއާން ބުންޏެވެ.

"ޖިލް!..." ޒެނިލްއަށް ހިތާއިހިތުން ބުނެވުނެވެ. "ކީއްވެތަ އެކަނި ހުރިހާ ކަމެއް ސަފަރ ކުރީ؟... އަހަންނަށް އެއްވެސް އެހީތެރިކަމެއް ނުދެވުނުތާ، ޖިލް އާއި ދޭތެރޭ ދެކެވުނީ ވެސް ގޯސްކޮށް... މި ހުރިހާ ކަމަކާ ކުށްވެރި ކުރެވެނީ އަމިއްލަ ނަފުސު... އައިމް ސޯ ސޮރީ ޖިލް... ސޯ ސޮރީ..."

"އަމަލީގޮތުން ބައިވެރިވި ހުރިހާ އެންމެން ހައްޔަރު ކުރެވުނިއްޔާ، އެމީހުންނަށް އެނގޭނެ ނޫންތޯ އެދުވަހު ކަންތައް ވީގޮތް..." ޖުއާން ވިސްނައިލާފައި ބުންޏެވެ.

"ކުރިން ތި ކޭސް އާ ހަވާލުވެ ހުރި އޮފިސަރު މިހާރު ހުރީ ރިޓަޔަރ ކޮށްފަ... މިހާރު މި ކޭސް އާ ހަވާލުވެގެން މިހުރީ އަހަރެން... އަހަރެން މިދަނީ މިކަމުގެ އަޑީގަ ހުރި މީހެއް ނޫނީ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން... މިކަމުގަ ހަގީގަތާއި ހަމައަށް ވާސިލުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަޤީންކަން އަހަރެން ދެން..." ފުލުސް އޮފިސަރުގެ އަޑުގައި ވީ ޔަޤީންކަމެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ..." ޒެނިލްގެ ހިތަށް ލުއިކަމެއް ލިބުނެވެ.

ކޮންމެ ގޮތަކުން ވެސް ޖިލްވާ އެކަމުން ސަލާމަތް ކުރަން ޒެނިލް އިންތިހާއަށް ބޭނުން ވިއެވެ. މާޒީގައި ނުދެވުނު އެހީތެރިކަމާއި ލޯބި އަނބުރާ ދިނުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޒެނިލް އޭނަގެ ހިތާއި ހިތުން އަޒުމު ކަނޑައެޅި އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ސީސީޓީވީ ފްޓޭޖްތައް ބަލަމުން، މިތާ ކައިރީ ޕާކުކޮށްފަ ހުރި ވެހިކަލްތަކުގެ މައުލޫމާތުވެސް ނަގަމުން އެ ދަނީ... ރިޕޯޓުތައް މާދާމާގެ ވަގުތެއްގަ ލިބޭނެ..." ފުލުސްމީހާ ބުންޏެވެ. "މިވަގުތު ދެން އަޅުގަނޑު ގޮސްލީ... ރިޕޯޓުތައް ލިބުނުހާ އަވަހަށް ގުޅާނަން..."

އެނބުރި ކޮޓަރިއަށް ވަންއިރު، ޒެނިލްގެ ދެލޮލުގައި ވީ ތަފާތު ޝުޢޫރެކެވެ. ނިދިފައި އޮތް ޖިލްވާއަށް ބަލަން ޒެނިލް އެތައް އިރަކު އިނެވެ. އެ އަންހެންކުއްޖާ އޭނައަށްޓަކައި ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ؟ ނުއުފުލަނީ ކޮން ތަކުލީފެއް ހެއްޔެވެ؟ އެކަމަކު ބަދަލުގައި އޭނައަށް ޖިލްވާއަށް ދެވުނީ ކޯއްޗެއް ހެއްޔެވެ؟ ހިތާމަ އާއި ހިތްދަތި ކަން ފިޔަވާ އިތުރު އެއްޗެއް ނުދެވުނެވެ.

ބާލީސްދަށުގައި އޮތް ފޯނުން ފަތިސްނަމާދު ބަންގީގެ އަޑު އިވެން ފެށި އެވެ. ޖިލްވާއަށް ހޭލެވުމާއިއެކު، ފުރަތަމަވެސް ބަލައިލީ ޔޫން އަށެވެ. ކައިރީގައި އެ ތުއްތު ކުއްޖާ އޮތީ އަރާމު ނިންޖެއްގަ އެވެ. އެއް އަތް ނިތްކުރި އާއި ދިމާއިން މައްޗަށް ހިއްލާލައިގެން އޮތްއިރު، އެއް ފައި އޮތީ ކުރުކޮށްލާފަ އެވެ.

ޖިލްވާ އަވަހަށް ފޯނުގެ އަޑު މަޑު ކުރިއެވެ. ޔޫންގެ ގައިމަތީގައި ރަޖާ އަޅާލަދިނެވެ. ބާލީސް ރަނގަޅުކޮށްލި އެވެ. އެއަށްފަހު ތެދުވެ، އާފުރިލަމުން، މޯޅިއަކަށް ދެމިލި އެވެ.

ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ޖިލްވާ ސިހިއްޖެ އެވެ. ދެފައި ބިމުގައި ތަތްލި އެވެ. ކުރިމަތީގައި ހުރި ސޯފާގައި އޮށޯވެލައިގެން އޮތީ ޒެނިލް އެވެ. ކިޔަން ގެންގުޅުނު ފޮތް އޮތީ ހުޅުވައިލިގޮތަށް މޭމަތީގައި ބަންޑުން ބާއްވައިލާފަ އެވެ. އެއް އަތް ނިތްކުރި މަތީގައި ބާއްވާލާފައި އޮތްއިރު، އެއް ފައި އޮތީ ކުރުކޮށްލާފަ އެވެ. ޔޫން އެކޭ އެއްވެސް ތަފާތެއް ނެތެވެ. ލޯ މަރާލައިގެން އޮންނައިރު، ޔޫންގެ ކޮންމެ ސިފައެއް ޒެނިލް އާއި މާ ބޮޑަށް ވައްތަރުހެން ޖިލްވާއަށް ހީވި އެވެ. ޖިލްވާގެ ހިތް ލޯބިން ފުރިގެން އައެވެ. ބޭއިޙުތިޔާރުގައި ހިނިތުންވެލެވުނެވެ. ހަމަ އެއާއިއެކު ދެލޮލަށް ކަރުނަ ޖަމާ ވިއެވެ.

ޒެނިލްގެ ކައިރިއަށް ގޮސް މުށިތަކުގެ މަތީގައި ޖިލްވާ އިށީނެވެ. ދާދި ކައިރިން ޒެނިލްގެ ފިރިހެންވަންތަ މޫނު ފެނުމުން، ޖިލްވާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެ މޫނުގައި ފިރުމައިލަން ހިތް އެދުނެވެ. މަޑުމަޑުން ޒެނިލްގެ މޭމަތީގައި އޮތް ފޮތް ނަގައި ދުރުގައި ބާއްވައިލި އެވެ.

ކުއްލިއަކަށް ޖިލްވާގެ ހަނދާނަށް އައީ ރޭގެ ހާދިސާ އެވެ. ބިރުން ވިރެން ކައިރިވެފައި އިންދާ، ޒެނިލް އޭނާގެ އަތުގެ ހިމާޔަތް ދިން ގޮތެވެ. ޖިލްވާއަށްޓަކައި އެމޫނުން ފެނުނު ކަންބޮޑުވުމެވެ. އެ ހިތުގައި އޮތް ލޯބި އެންމެ އަމަލަކުންވެސް ހާމަކޮށްދީފި އެވެ. ޖިލްވާގެ ހިތުގައި ރިއްސައިލި އެވެ. ދެލޯ ފުރުނު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބާކަށް ގިނައިރެއް ނުނެގި އެވެ. ޒެނިލް ވާ ލޯބީގެ ބަދަލުގައި، ލޯބިން އެ ހިތް ފުރާލަދޭން ޖިލްވާވެސް ބޭނުން ވެއެވެ. އެކަމަކު، އޭނަ ބިރުގަންނަނީ އެ ފުރުސަތު ނުލިބިދާނެތީ އެވެ.

ޒެނިލް ލޯ ހުޅުވައިލީ ޖިލްވާ އެހެން އިންދަ އެވެ. ޖިލްވާ ކުއްލިއަކަށް ތެޅިގަތެވެ. ފަހަތަށް ޖެހެން އުޅުނެވެ. ހަށިގަނޑު ބެލެންސް ނުކުރެވި ވެއްޓެން ދިޔަ އެވެ. ޒެނިލްއަށް ޖިލްވާގެ އަތުގައި ހިފައި ގާތަށް ދަމައިލެވުނީ ކިރިޔާ އެވެ. ޖިލްވާގެ މޫނު ޒެނިލްގެ މޭގައި ޖެހުމާއިއެކު، އަވަހަށް ދުރަށް ޖެހިލައިފި އެވެ.

"ގުޑް މޯނިންގް ލަވް..." ޒެނިލް ތެދުވެ ސޯފާގައި އިށީނދެލި އެވެ. "ހާދަ އަވަހަށް ހޭލީ..."

"ޒެލް!... ސޮރީ..." ޖިލްވާ އިނީ ހިތުގައި ޖެހޭގޮތް ވެފަ އެވެ.

"ކީއްވެ ސޮރީ؟..." ޒެނިލް ކަންބޮޑުވެފައި އަހައިލި އެވެ.

"އަހަރެންގެ ސަބަބުން ޒެލްއަށް އެއްވެސް އުފާވެރިކަމެއް ނުލިބޭތީ..." ޖިލްވާގެ އަޑު ކުރެހުނެވެ.

"ކާކު ބުނީ އަހަރެން މިއުޅެނީ އުފަލަކުން ނޫނޭ..." ޖިލްވާގެ މޫނު ފެންނަ ވަރަށް ގުދުވެލަމުން ޒެނިލް އަހައިލި އެވެ. "ޔޫން ކަހަލަ ބޭބީ އެކޭ ދޯ މީވެސް... މާ އަވަހަށޭ ރޮވެނީ... ދައްކަބަލަ މޫނުކޮޅު..."

"އަހަންނާ ހެދި ހުރިހާ ކަމެއްވެސް ވަނީ..." ޖިލްވާ ބުންޏެވެ.

"ޖިލް އާ ހެދި ވީކަމެއް ބުނަންތަ؟..." ޒެނިލް އަހައިލީ ލާނެތް ރާގަކަށެވެ.

ޖިލްވާ އިސް އުފުލައެއް ނުލި އެވެ. މަޑުމަޑުން އިވިއިވި ހުރީ ގިސްލުމުގެ އަޑެވެ.

"އަހަރެންގެ ހިތް އަހަންނަށް ގެއްލުނީ... ޖިލް ތިއުޅެނީ ދެ ހިތް ހިފައިގެން... ކިހިނެއް ވާނެ ޖިލްގެ ހިތް އަހަންނަށް ދިނިއްޔާ..." ޒެނިލް ހީގަތެވެ. "އަތުލަންވީތަ؟..."

"މަޖަލެއް ނޫނޭ ޒެލް...." ޖިލްވާ ޒެނިލްއަށް ބަލައިލިއިރު، ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔަ އެވެ.

"ޖިލް!..." ޖިލްވާގެ ދެ ކޯތާފަތުގައި ހިފަހައްޓައިލަމުން ޒެނިލް ގޮވައިލި އެވެ. "އަބަދު އުފާވާ ކަހަލަ ކަންކަމެއް ނުވާނެ އެއްނު... އެކަން ޖިލް ގަބޫލު ކުރަންތަ؟..."

ޖިލްވާ ބޯ ޖަހައިލި އެވެ. އެއާއިއެކު ޒެނިލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. ޒެނިލް އޭނާގެ ދެއަތުގެ ބޮޑުވައި އިނގިލިން ޖިލްވާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަދިނީ ނުހަނު ލޯބިންނެވެ.

"ޖިލްގެ ކޮންމެ ކަމަކީ އަހަރެންގެ ވެސް ކަމެއް.... ޖިލް ހުރީތީ އަހަންނަށް މި ލިބޭ އުފާ، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑު... އަހަރެން ހަމައެކަނި ބިރުގަންނަނީ، ޖިލް އަހަރެން ދޫކޮށްލާފަ ގޮސްދާނެތީ..." ޒެނިލްގެ ފަހު ޖުމުލަ ބުނެލީ އަސަރާއި އެކުގަ އެވެ.

"އަހަންނަށް އިތުރު ގޮތެއް ނެތް ޒެލް... ކޮންމެ ގޮތެއް ވިޔަސް، އަހަންނަށް ޔޫން ދޫކޮށްލެވޭކަށް ނެތް..." ޖިލްވާގެ ހިތް ފަޅައިގެންދާން އުޅުނެވެ. "އަހަރެން ދެން ކިހިނެއް ހަދާނީ؟... އަހަރެންވެސް ބޭނުން ޒެލް އާ އެކީ އުފާވެރި ޙަޔާތެއް އުޅެން... ޔޫން އާއި ތިން މީހުން އެކީ..."

ޒެނިލްގެ ހަރަކާތްތައް ހުއްޓުނެވެ. ގަބުވެފައި އިރުކޮޅަކު އިނީ ޖިލްވާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިފަ އެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް ޖިލްވާ ބުނި ކަހަލަ ވާހަކައެއް ނޫނެވެ. އޭނަ އާއި އެކީގައި އުޅެން ބޭނުންވާ ކަމަށް ޖިލްވާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ބުނި އެއީ ފުރަތަމަ ފަހަރެވެ. ޒެނިލްގެ ހިތް އުފަލުން ނަށައިގަތެވެ. ލިބުނު އުފަލުގައި އެހެން ހުރިހާ ކަމެއްގެ މަތީން އޭނަ ހަނދާން ނެތުނު ކަހަލަ އެވެ. ޖިލްވާގެ އަތުގައި ހިފައި ދަމާލާފައި ގެނެސް، މޭގައި ލައްކޮށްލި އެވެ. ކުޑަ އިރުކޮޅެއް ފަހުން، ދުރުކޮށްލައި ނިތުގައި ބޮސްދިނެވެ.

"ޖިލް އަހަންނަށް އިތުބާރު ކުރަންތަ؟..." ޒެނިލްގެ އަޑުގައި އައު ޖޯޝެއް ވިއެވެ.

އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޖިލްވާ ބޯ ޖަހައިލީ ބަސްއަހާ ކުޑަ ކުއްޖަކު ފަދައިންނެވެ.

"އެހެންވިއްޔާ، މިއަދުން ފެށިގެން އަހަރެން ބުނާ ގޮތެއް ހަދާ... ޖިލް ވެސް، ޔޫންވެސް އަހަންނަކަށް ނުގެއްލޭނެ... އިންޝާﷲ..." ޒެނިލް ބުންޏެވެ. "ތި ދެމީހުން އަހަރެން ކައިރީ ބައިތިއްބަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން... މީ އަހަރެން ޖިލްއަށް ވާ ވައުދެއް..."

********

ގޭގެ ބެލް އަޅަންފެށި އަޑު އިވުމުން، ސޯފާގައި އޮތް އާރާ ތެދުވީ އުނދަގޫ ގޮތަކަށެވެ. އޭނަގެ މުޅި ގައިގައި ރިއްސަނީ އެވެ. ދެލޯ ހުޅުވައިލާނެ ވަރުވެސް ހަށިގަނޑުގައި ނެެތެވެ. އުނަގަނޑުގައި އަތް އަޅައިގެން ހުރެ، އާރާ ގޮސް ދޮރު ހުޅުވައިލި އެވެ. އޭނަ ހީކުރީ، ގޭގެ މަސައްކަތް ކުރަން ގެންގުޅޭ އަންހެންމީހާ ކަމަށެވެ. އެކަމަކު، ދޮރުމަތީގައި ހުރީ އެހެން މީހެކެވެ. އެއީ އޭނަ ދެކެން ބޭނުންވި ސޫރައެއް ނޫނެވެ. އަމުދުން އެފަދަ ނާޒުކު ވަގުތެއްގަ އެވެ.

ޔޯހަން ފެނުމުން، އާރާގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ. އޭނަ އުޅުނީ އަވަހަށް ދޮރު ޖަހާށެވެ. އެކަމަކު އޭގެ ކުރިން ޔޯހަން ދޮރުގައި ހިފެހެއްޓި އެވެ.

އާރާ ހުރިގޮތް ފެނުމުން، ޔޯހަންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. މޫނުގެ އެއް އަރިމަތިން ތަންގަނޑެއް އޮތީ ހަލާކުވެފަ އެވެ. ހީވަނީ ތޫނު އެއްޗެއްގައި އަޅައިގަނެފައި ހުރި ހެންނެވެ. އެތަނުން ލޭ ހިލިފައިވާއިރު ޒަޚަމަށް މާ ގިނައިރު ވެފައިވާ ހެން ހިއެއް ނުވެއެވެ.

"މޫނަށް ކިހިނެއް ހަދާފަ ތިހުރީ؟..." ޔޯހަން އަހައިލި އެވެ.

"އެއީ ޔޯހަން ބަލަންޖެހޭ ކަމެއް ނޫން..." އާރާ ނުރުހިފައި ބުންޏެވެ. "އަހަރެންގެ ކަންކަމާ ބެހޭކަށް ޔޯހަން އަކަށް ނުޖެހޭނެ..."

ގަދަކަމުން ދޮރު ހުޅުވާފައި ޔޯހަން އެތެރެއަށް ވަނެވެ. ފުރަތަމަވެސް އެ ލޮލުގައި އަޅައިގަތީ އާރާގެ ބޫޓެވެ. ކިސަޑުން ފޯވެފައިވާ އެ ބޫޓު ފެނުމުން، ޔޯހަންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އުނަގަނޑުގައި އަތް އަޅައިގެން އާރާ ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ޔޯހަންއަށް ޔަޤީން ވިއެވެ.

"ކީއްވެ ނުޖެހޭނީ... ތިހުރީ އާރާ ހުރި ހާލު..." ޔޯހަން ނުރުހިފައި ބުންޏެވެ.

"މިތަނުން ނުކުމޭ..." އެ ހާލުގައި ވެސް ހަޅޭއްލަވައިގަންނަން އާރާ މަސައްކަތް ކުރި އެވެ.

"ނުނުކުންނާނަން..." ޔޯހަން ފާޅުގައި ދެކޮޅު ހެދިއެވެ.

ޔޯހަން އާރާގެ އަތް ދުރުކޮށް، އުނަގަނޑާއި ދިމާއިން ޓީޝާޓު ކުޑަކޮށް ހިއްލައިލި އެވެ. އޭނަގެ ދެލޯ ބޮޑުވީ، އާރާގެ އުނަގަނޑުގައިވާ ޒަޚަމް ފެނުމުންނެވެ. ހީވަނީ ތޫނު އެއްޗެއް ހެރިފައިވާ ހެންނެވެ. ޒަޙަމު މާ ފުން ނޫނަސް، އޭރުވެސް ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔަ އެވެ.

އާރާ ބަލާކަށް ނުހުރެ، ޔޯހަންގެ ކޯތާފަތް މަތީގައި ޖެހި އެވެ. އެވަރުންވެސް ޔޯހަންގެ ހަރަކާތްތަކަށް ހުއްޓުމެއް ނައެވެ. ދެވަނަ ސިކުންތުގައި އޭނަ ހިފެހެއްޓީ، އާރާގެ ދެ ކޮނޑުގަ އެވެ.

"އާރާ!... އާރާ!... ހަމަޖެހިބަލަ..." ޔޯހަން ނުރުހިފައި ބުންޏެވެ. "މިގަޑީ އަހަރެން މި މަސައްކަތް ކުރަނީ އިންސާނިއްޔަތަށްޓަކާ..."

"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ އިހުސާންތެރިކަމެއް...." ގޮތް ދޫކުރާކަށް އާރާ ބޭނުމެއް ނުވިއެވެ.

"މިހާވަރުވެފަ ހުރި އިރުވެސް ފަރުވާއެއް ނުކޮށް ތިހުރީ ކީއްވެތަ؟... މީ އަމިއްލަ ނަފުސަށް ގެއްލުން ދިނުން..." ޔޯހަންއަށް އާރާގެ އަޑު ނުވެސް އިވޭ ކަހަލަ އެވެ.

(ނުނިމޭ)

comment ކޮމެންޓް