ރިސޯޓް މުވައްޒަފުންގެ 99 ޕަސެންޓް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި: މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިމިފައިވާ ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އިތުބާރު ބޮޑުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުމަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ގުޅިގެން ފެށި "އައިއެމް ވެކްސިނޭޓެޑް" ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ 99 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދެވިފައިވާ އިރު 8،000 މުވައްޒަފުން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި 2020 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުން ވެކްސިން ނެތި މަސައްކަތްކުރީ ބުރަކޮށް ކަމަށާއި، އަނބިދަރިން ގާތަށް ރަށަށް ދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް މިހާރު އަނބިދަރިން ކައިރިއަށް ދެވޭނެ އިންތިޒާމު ހަމަޖެހިއްޖެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވި ގޮތުގައި ކޮވިޑާ އެކު ރާއްޖެއިން ގާއިމް ކުރި ޓޫރިޒަމް ޕްރޮޓޮކޯލް ވަނީ ދުނިޔެ ބަލައިގެންފަ އެވެ. އަދި ރާއްޖޭގައި އޮތީ ރައްކާތެރި ޓޫރިޒަމެއްކަން ދުނިޔެ ބަލައިގެންފައިވާކަމަށް ވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ ޓޫރިސްޓުންނަށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ސަރުކާރުތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށްވެސް ފުރިހަމަ އަށް އިތުބާރު ލިބިފައިއޮތް ޕްރޮޓޮކޯލެއް. އެކަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް ދުނިޔޭގެ އެންމެ މަތީ އެއް އެވޯޑް، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު އިންޑަސްޓްރީ އިން ހާސިލް ކޮށްފި. ހަމަ އެެއާއެކު ސީއެންއެން އިން 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އިންޓަނެޝަނަލް ސަކްސެސް ސްޓޯރީ އަކީ ރާއްޖެ ކަމަށް ލޭބަލް ކޮށްފި. މި ހުރިހާ ހިސާބަކަށް އަޅުގަނޑުމެންނަށް ދެވުނީ ހަމަ ޔަގީނުންވެސް މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ރޭވުންތައް ތަންފީޒު ކުރުމުގައްޔާއި ރޭވުންތައް ރޭވުމުގައި ސަރުކާރާއި ހެލްތާއި ކަމާގުޅޭ އެހެން ފަރާތްތައް ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް 555،494 ޓޫރިސްޓުން އައި އިރު މި އަހަރުގެ މިހާތަނަށް 381،419 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެެވެ.

މިއަދު އިފްތިތާހުކުރި އައި އެމް ވެކްސިނޭޓެޑް ބެޖާއެކު ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކާމިޔާބެއް ލިބެނީ މުޅި ރާއްޖެ އެކަމުގައި ބައިވެރިވެގެން ކަމަށެވެ.

އައި އެމް ވެކްސިނޭޓެޑް ކެމްޕެއިނުގެ މަގުސަދަކީ ދުނިޔޭގައި ފުލީ ވެކްސިނޭޓެޑް ޓޫރިޒަމެއް ގާއިމު ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެ ހެދުމެވެ. މި ކެމްޕެއިނުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ހާއްސަ ބެޖެއް ދޭނެ އެވެ.

comment ކޮމެންޓް