އަގަށް އެސައިންމެންޓް ހަދައިދޭ ނަމަ ޖޫރިމަނާ ކުރާގޮތަށް ބިލު ފާސްކޮށްފި

މަޖިލިސް --- ފައިލް ފޮޓޯ/ މަޖިލިސް

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި މަތީ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމުގެ ބިލު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ދިރާސާކޮށް ނިންމި ގޮތަށް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ބިލު ތަޅުމުން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، 49 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެބިލު ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވިއިރު ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުން ނުވަތަ ކޮށްދޭން ހުށަހެޅުން އެއީ ކުށެއް ކަމަށް ވަނީ ހިމަނާފަ އެވެ.

ބިލުގައި ބުނެފައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެފަދަ އަމަލެއް ދަރިވަރު ހިންގިތޯ ބެލުމަށް، އެކަށިގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބަޔާން ކުރާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގައި އެ މާއްދާ ހިމެނި ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާންމުވެފައިވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މަސައްކަތުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ ސަބަބުން މަތީ ތައުލީމުގެ ފެންވަރު ދައްވާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަޖިލީހަށް މަތީ ތައުލީމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ބިލުގައި މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނީޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށާއި ދިރާސާ ކުރުމާއި އަދި އެކި ޓްރެއިނިންތައްތައް ކުރިއަށްދާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

މަތީ ތައުލީމާ ބެހޭ ބިލް ފާސްވުމުން ރާއްޖޭގެ މަތީ ތައުލީމްއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލުވެގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް