ދަރުމަވަންތަ އިމާރާތް ރަހުނުކޮށް އިތުރު 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޯދައިފި

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ހޯދައިފި އެވެ.

ދަރުމަވަންތަ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުން މީގެ ކުރިން ވަނީ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ހޯދައިފަ އެވެ.

ރޮއިޓާޒް ނިއުސް އެޖެންސީއިން ހާމަކުރި ގޮތުގައި ދިވެހި ސަރުކާރުން މިފަހަރު ވިއްކި 100 މިލިއަން ޑޮލަރުގެ ސުކޫކުވެސް ވިއްކާފައި ވަނީ ފަސް އަހަރު ދުވަހުން އަނބުރާ ފައިސާ ދައްކަން ގޮތަށް 10.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

އެމިރޭޓްސްގެ އެންބީޑީ ކެޕިޓަލް އާއި އެޗްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެން ސުކޫކް ވިއްކަނީ ފިނޭންސް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ސުކޫކު ވިއްކައިގެން ހޯދި 200 މިލިއަން ޑޮލަރު ބޭނުންކޮށްފައި ވަނީ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ސަރުކާރުން މިފަހަރު ވިއްކި ސުކޫކާ އެކު ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުގެ އަގު 300 މިލިއަން ޑޮލަރު (4.63 ބިލިއަން ރުފިޔާ)އަށް އެރީ އެވެ. އަދި 10.5 ޕަސެންޓުގެ ބޮޑު އިންޓަރެސްޓާ އެކު 2026 ވަނަ އަހަރު އަނބުރާ ސުކޫކަށް ފައިސާ ދައްކަން ޖެހޭ އިރު ދިވެހި ސަރުކާރުން ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭނެ އެވެ.

ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނު ކުރީ ސުކޫކު ވިއްކާ އަދަދުގެ 51 ޕަސެންޓުގެ އަގު ހުރި މުދަލެއް ސުކޫކު ވިއްކާ ފަރާތުން ގެރެންޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭތީ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރި ނަމަވެސް ސުކޫކަކީ ކޮންވެންޝަނަލް ބޮންޑުގެ އުސޫލުން ވިއްކާ އިންސްޓްރޫމަންޓަކަށް ނުވާތީ ބޮންޑު ވިއްކަނީ ސަރުކާރާއި ބޮންޑު ވިއްކުމުގައި ބައިވެރިވާ ފަރާތްތައް ގުޅިގެން އުފައްދާ ކުންފުންޏަކުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ހުންނަނީ އެ ކުންފުނީގެ އެސެޓެއްގެ ގޮތުގަ އެވެ. އަދި ސުކޫކަށް ފައިސާ ނުދެއްކިއްޖެ ހާލަތުގައި ދަރުމަވަންތަ އިމާރާތް ބޭނުންކޮށްގެން ވިޔަފާރި ފަށާ އޭގެއިން ލިބޭ އާމްދަނީއަކުން ސުކޫކަށް ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި ކޮންވެންޝަނަލް ބޮންޑުގައި އަމަލު ކުރާ އުސޫލުން އެ އިމާރާތް ވިއްކައެއް ނުލާނެ އެވެ.

ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއިން އެދިގެން މަޖިލީހުން ވަނީ ޕަބްލިކް އެކައުންޓް އޯވަޑުރޯކޮށް ފައިސާ ޗާޕު ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކޮށްފަ އެވެ.

comment ކޮމެންޓް