އޭދަފުށީ ކޭސްތައް 123 އަށް، ރެންޑަމް ސާމްޕަލްގެ އިތުރު ބުރެއް ފަށަނީ

ބ. އޭދަފުށި -- ފޮޓޯ/ އޭދަފުށި ޓައިމްސް (އީޓީ)

ބ. އޭދަފުށިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 123 އަށް އަރައިފި އެވެ.

އޭދަފުށިން ކޮވިޑް ކޭސްތައް ފެނިގެން އެ ރަށަށް އަރައިފޭބުން މަނާކޮށް، މޮނީޓަރިން ހާލަތަށް ގެންދިޔައީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، މިހާތަނަށް އެ ރަށުން 913 ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 123 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 749 ސާމްޕަލް އެއް ނެގެޓިވް ވެފައިވާއިރު، ނަތީޖާ ނުލިބޭ 41 ސާމްޕަލް ހިމެނޭ ކަމަށެވެ.

އިއްޔެ އެރަށުން 58 ސާމްޕަލް އެއް ނެގި އެވެ. އެއީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި 41 މީހަކާއި، ފްލޫ ކްލިނިކުން ނެގި 17 މީހެކެވެ. އެގެ ތެރެއިން 14 މީހަކު ޕޮޒިޓިވްވި އިރު، 41 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.

ހޮސްޕިޓަލުން ބުނީ އޭދަފުށީގައި ކޮވިޑް ފެތުރި، ރަށުގެ ހާލަތު ގޯސްވަމުން އަންނާތީ، މިއަދުން ފެށިގެން އެ ރަށުން ރެންޑަމް ސާމްޕަލްތަކެއް ނަގަން ނިންމާފައިވާ ކަމަށެވެ.

އޭދަފުށިން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ފެންނަމުންދާ އިރު، ރަށަށް ބަލި ފެތުރުނު ގޮތް ދެނެގަނެވިފައެއް ނުވެ އެވެ.

ނަމަވެސް މި މަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް، ކޮވިޑް ފެތުރިފައިވާ މާލެއިން ގިނަ ބަޔަކު ވޯޓުލުމަށް އެރަށަށް ގޮސްފައިވެ އެވެ.

އޭދަފުށި ކައުންސިލުން މީގެ ކުރިން 'ސަން' އަށް ބުނެފައި ވަނީ އެ ރަށަށް ބަލި ފެތުރުނު ދެ ސިނާރީއޯއެއް ވާ ކަމަށެވެ. އެއްގޮތަކީ ވޯޓުލާން ރަށަށް ދިޔަ މީހުން ނުވަތަ މާލެ ދަތުރު ކުރާ ލޯންޗެއްގެ ފަޅުވެރިއެއްގެ ފަރާތުންނެވެ.

އޭދަފުށީގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައިވާތީވެ، އެޗްޕީއޭ އިން ވަނީ މި މަސް ތެރޭ އެރަށުން އެހެން ރަށްތަކަށް ދަތުރު ކުރި މީހުން އެ އިދާރާއަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި އެކެއް އޭޕްރީލްގެ ފަހުން އެރަށުން ދަތުރު ކުރި ފަރާތްތައް 10 ދުވަހަށް ކަރަންޓީންވުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އޭގެ އިތުރުން އެ ރަށުން ފޭބި ފަހުން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް